Roadha Mihaaru
އިންޑިއާގައި އާދަޔާ ހިލާފަށް ވަރި ގިނަވަނީ

އިންޑިއާގެ ބައެއް ހިސާބުތަކުގައި އާދަޔާ ހިލާފަށް ވަރި ގިނަވެއްޖެ

08 ޖުލައި 2016

އިންޑީއާގެ ކަރްނާޓަކާގެ ފެމެލީ ކޯޓަކީ އެ ގައުމުގެ ސްޓޭޓްތަކުގެ ތެރެއިން 2014 ވަނަ އަހަރު އެންމެ ގިނަ ވަރީގެ މައްސަލަތައް ނިންމައިދިން ކޯޓެވެ. ވަރީގެ ރޭޓް އިންޑިއާގައި އެންމެ މަތީ ކެރެލާ، މަހަރަޝްތުރާ، މަދުޔަ ޕްރަދޭޝްގަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑީއާގެ ކަރްނާޓަކާގެ ފެމެލީ ކޯޓަކީ އެ ގައުމުގެ ސްޓޭޓްތަކުގެ ތެރެއިން 2014 ވަނަ އަހަރު އެންމެ ގިނަ ވަރީގެ މައްސަލަތައް ނިންމައިދިން ކޯޓެވެ. ވަރީގެ ރޭޓް އިންޑިއާގައި އެންމެ މަތީ ކެރެލާ، މަހަރަޝްތުރާ، މަދުޔަ ޕްރަދޭޝްގަ އެވެ.

"ކަރްނާޓަކާގައި 2014 ވަނަ 16،690 ދެމަފިރިން ވަރިވެފައިވެ އެވެ. އަދި 2015 ފެށުނުއިރު 23،285 މީހަކު ވަރިވާން ހުށަހަޅައި އެ މައްސަލަތައް ނުނިމި އެބަހުއްޓެވެ.

ފެމެލީ ކޯޓުގައި މަސައްކަތްކުރާ ގާނޫނީ ވަކީލެއް ކަމަށްވާ ބީއެން ނާގްރާޖް ޓައިމްސް އޮފް އިންޑިއާ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އެކަނިވެސް ދުވާލަކު ވަރީގެ 25 މައްސަލައެއް ކޯޓުގައި ވަކާލާތުކޮށްދޭ ކަމަށެވެ. ވަރީގެ މައްސަލަތައް ގިނަކަމުން ގޮސް ފަނޑިޔާރުންނަށް ހަ މިނިޓަށް ވުރެ ގިނަ ވަގުތު އެންމެ މައްސަލައަކަށް ނުދެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރިވާން އެދޭ ގިނަ މީހުން ބުނަނީ ކައިވެންޏަށް އަހަރުތަކެއް ވާއިރު ދެ މީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ގޮސްފައިވާ ކަމަށް. އަދި ދެ ވަނަ ކައިވެންޏަށްފަހު ވަރިކުރާ ތަން ވެސް މިހާރު ފެނޭ އެބަ،" ވަކީލު ބުނެފައި ވެއެވެ.

ގާނޫނީ ވަކީލު ނާގްރާޖް އޭނާގެ ތަޖުރިބާގެ އަލީގައި ބުނެފައިވަނީ ވަރިކުރާ ސަބަބުތަކުގެ ތެރޭގައި ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވެ ހިލޭ މީހުންނާ ގުޅުން ހިންގުމާއި، ދަރިން ނުލިބުމާއި ދެމަފިރިންގެ ތެރެއިން އެކަކީ އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ވުން ހިމެނޭ ކަމަށެވެ.

ފެމެލީ ކޯޓުގައި މަސައްކަތްކުރާ އެހެން ގާނޫނީ ވަކީލެއް ކަމަށްވާ ރިޝީ ކޭ ރޫއިއާ ބުނި ގޮތުގައި މިޒަމާނުގައި އަންހެނުންނާ މެދު ނާއިންސާފުން ކަންތައްތައް ކުރާ ނަމަ އެ މީހުން ދިފާއުގައި ނިކުތުމުގެ ހިތްވަރު ލިބިފައި ވާތީ ވަރީގައި އިސްނަގައި އަންހެނުން ވެސް މިހާރު ވަރަށް ގިނަ ކަމަށެވެ.

މީގެ 15 ނުވަތަ 20 ވަރަކަށް އަހަރު ކުރީގައި ކައިވެނީގައި މައްސަލަ ޖެހުމުން އެކަން ހައްލުކުރަނީ ދެ ފަރާތުގެ އާއިލާއިން ކަމަށާއި ނަމަވެސް މިހާރު ވަގުތުން ކޯޓަށް ދާ މީހުން އިތުރުވަމުންދާ ކަމަށް ގާނޫނީ ވަކީލު ބުންޏެވެ.

ކަރްނާޓަކާގެ މައި ރަށް ބެންގަލޫރުގެ އާބާދީ މިހާރު 100 މިލިއަނާ ކައިރި ވެފައިވާއިރު އަދި ކަރްނާޓަކާ ސިޓީގައި 50-60 ލައްކަ އާއިލާ މިހާރު ދިރިއުޅެމުން ދާއިރު އަހަރަކު 20،000 ޕެޓިޝަން ވަރިވާން ކޯޓަށް ހުށަހެޅުމަކީ ވަރި ގިނަވާ ކަމަށް ގަބޫލުކުރެވޭ ވަރުގެ ސަބަބެއް ނޫން ކަމަށް ގާނޫނީ ވަކީލެއް ކަމަށްވާ ރިޝީ ރޫއިއާ ބުނެފައިވެ އެވެ.

ނަމަވެސް ތަރައްގީވެފައިވާ ސިޓީތަކުގައި ވަރީގެ ނިސްބަތް މަތިވަމުންދާކަން އެއީ ހަގީގަތެކެވެ.