Roadha Mihaaru
އައިފޯން 7 ގައި "އަތްލާން" ނިދި ނަގާލާފައި ކިޔޫގައި

އައިފޯން 7 ގައި "އަތްލާން" ނިދި ނަގާލާފައި ކިޔޫގައި

22 ސެޕްޓެމްބަރ 2016

އުރީދޫގެ މުވައްޒަފުން ރޭ ފިހާރަ ބަންދުކޮށް ގެ އަށް ދިޔައިރު ހުރީ ދަންވަރު ތިނެއް ޖެހުމާ ކައިރިވެފަ އެވެ. އޭރު ވެސް އެ ތަނުގެ ކުރިމަތީގައި ކޮންމެެވެސް ވަރަކަށް މީހުން ތިއްބެވެ. ހެނދުނު 8:00 ގައި އެ ތަން ހުޅުވަން ދިޔައިރު، އޭރު ތިބި މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެ، މުޅި އެ ސަރަހައްދު އޮތީ ފުރިފަ އެވެ. ހުއްޓުމެއް ނެތި މީހުން އަންނަމުން ދިޔަ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އުރީދޫގެ މުވައްޒަފުން ރޭ ފިހާރަ ބަންދުކޮށް ގެ އަށް ދިޔައިރު ހުރީ ދަންވަރު ތިނެއް ޖެހުމާ ކައިރިވެފަ އެވެ. އޭރު ވެސް އެ ތަނުގެ ކުރިމަތީގައި ކޮންމެެވެސް ވަރަކަށް މީހުން ތިއްބެވެ. ހެނދުނު 8:00 ގައި އެ ތަން ހުޅުވަން ދިޔައިރު، އޭރު ތިބި މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެ، މުޅި އެ ސަރަހައްދު އޮތީ ފުރިފަ އެވެ. ހުއްޓުމެއް ނެތި މީހުން އަންނަމުން ދިޔަ އެވެ.

"ރޭ ދަންވަރު އޯޑަރު ކުރީ. މިއަދު ހެނދުނު 8:00 އިން ފެށިގެން މި ހުންނަނީ ފޯނު ބަލާ އައިސް،" ކިޔޫގައި ހުރި މީހަކު ބުންޏެވެ.

ކިޔޫގައި ތިބި މީހުން މަސައްކަތް ކުރަމުން ދިޔައީ އެކަކަށް ވުރެ ކުރިން އައިފޯން ހޯދުމަށެވެ. ކިޔޫގެ ކުރިން ޖާގަ ހޯދަން އެކި މީހުން މަސައްކަތް ކުރަމުން ދިޔަ އެވެ. "ފޯނެއްގައި އަތްލަން" ބޭނުންވާ ކަމަށް ބުނެ، ބައެއް މީހުން ހަޅޭއްލަވަމުން ވެސް ދިޔަ އެވެ. މުޅި އެ ސަރަހައްދުގައި އެއް އަޑަކަށް އޮތީ "އަވަހަށް ދޮރު ހުޅުވާށޭ" ގޮވާ އަޑާއި ފޯނެއް ބޭނުންވާ ކަމަށް ބުނެ، ލަސްވާތީ ކުރާ ޝަކުވާތަކުގެ އަޑެވެ.

"މިއީ މިސްކޮށްލާ ވަރުގެ ކަމެއް ނޫން. ކޮންމެ ފަހަރަކު ވެސް އާ އައިފޯނެއް ނުކުންނަ އިރަށް އެންމެ އަވަހަށް ގަނެވޭތޯ ބަލަން،" ކިޔޫގައި ހުރި އެހެން މީހަކު ބުންޏެވެ.

އެއީ އުރީދޫން މިއަދު ހެނދުނު ނުވައެއް ޖެހިއިރު އައިފޯން 7 ރާއްޖޭގައި ނެރުނު އިރު، ގަލޮޅު ބިއްލޫރިގެ ކުރިމަތިން ހުންނަ އެ ކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރުގެ ބޭރުގައި ހިނގަމުން ދިޔަ ކަންކަމެވެ. އެ ތަނުގެ ބޭރުގައި މީހުން ތޮއްޖެހި، އަޑުގަދަވާން ފެށުމުން އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓައިދިނުމަށް އުރީދޫން ފުލުހުންގެ ކިބައިން ވެސް އެދުނެވެ. އަދި ފޯން ވިއްކަން ފެށުން ވެސް ވަނީ ކުޑަކޮށް ލަސްކޮށްލާފަ އެވެ.

ރޭ މެންދަމު 12:00 ގައި އުރީދޫގެ ވެބްސައިޓުގައި ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް އޯޑަރު ކުރުމުގެ ފުރުސަތު ހުޅުާލާފައިވާ އިރު، މިހާތަނަށް ވަރަށް ގިނަ ކަސްޓަމަރުން އޯޑަރު ދީފައިވާ ކަމަށް އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ އަދި ފޯނަށް އެދި ހުށަހަޅާ އޯޑަރުން ކަސްޓަމަރުންނަށް ފޯނު ހަވާލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު، ޖެޓް ބްލެކް ފޯން ވިއްކާނީ ދެވަނަ ޝިޕްމަންޓް ލިބުމުން ކަމަށް އުރީދޫން ބުންޏެވެ.

އައިފޯން ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫން ވަނީ އެ ތަނުން ވިއްކާ ފުރަތަމަ އައިފޯން 7، އެ ކުންފުނީގެ އެމްބެސަޑަރު އަލީ އަޝްފާގު (ދަގަނޑޭ)އާ ހަވާލު ކޮށްފަ އެވެ.

އުރީދޫން އައިފޯނު 7 މިއަދު ބާޒާރަށް ނެރުމަށް ފަހު، ވިއްކި ފުރަތަމަ ފޯނު، ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫން އައިފޯނު 7 މިއަދު ބާޒާރަށް ނެރުމަށް ފަހު، ވިއްކި ފުރަތަމަ ފޯނު، ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫން އައިފޯނު 7 އަދި 7 ޕަލްސް ގަންނަ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަނީ ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފް ކޮށްފަ އެވެ. އެގޮތުން، އެއްކޮށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނާއި މަހުން މަހަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަަމަރުންނަށް ޕެކޭޖުތައް ހިމެނެ އެވެ.

އެއްފަހަރާ ފައިސާ ދައްކާ ކަސްޓަމަރުންނަށް އުރީދޫން އައިފޯން 7 ވިއްކަނީ 32 ޖީބީގެ ފޯން 13،899ރ. އަށް، 128 ޖީބީގެ ފޯން 15،899ރ. އަށް އަދި 256 ޖީބީގެ ފޯން 17،899ރ. އަށެވެ. ޕްލަސްގެ 32 ޖީބީގެ ފޯން 16،399ރ. އަށް ވިއްކާއިރު، 128 ޖީބީގެ ފޯން 18،399ރ. އަށް އަދި 256 ޖީބީގެ ފޯން 20،499ރ. އަށް ވިއްކަން ވަނީ ނިންމައިފަ އެވެ.

މަހުން މަހަށް ފައިސާ ދައްކާ ނަމަ 2،999ރ.ގެ ޑިޕޮސިޓެއް ދައްކަންޖެހެ އެވެ. އޭގެ ފަހުން ކޮންމެ މަހަކު ދައްކަން ޖެހެނީ އެކި މޮޑްލްތަކަށް އެކި ވަރެވެ. އެގޮތުން، އައިފޯން 7 ގެ 32 ޖީބީގެ ފޯނަށް މަހަކު 899ރ. 128 ޖީބީގެ ފޯނަށް މަހަކު 1،099ރ. އަދި 256 ޖީބީގެ ފޯނަށް 1،249ރ. ދެއްކޭނެ އެވެ. ޕްލަސްގެ ފޯން އިންސްޓޯލްމަންޓަށް ނެގެނީ 32 ޖީބީ އަށް މަހަކު 1،099ރ.، 128 ޖީބީ އަށް މަހަކު 1،299ރ. އަދި 256 ޖީބީ އަށް މަހަކު 1،449ރ. ދައްކާ ގޮތަށެވެ.

އުރީދޫން ވަނީ އައިފޯން ނެރުމާ ގުޅިގެން އެ ކުންފުނީގެ ޓްވިޓާ އަދި ފޭސްބުކް ޕޭޖުގައި މުބާރާތެއް ވެސް ފަށާފަ އެވެ.

"އުރީދޫގެ ޓްވިޓާ އަދި ފޭސްބުކް ޕޭޖުގައި ހާއްސަ ފޮޓޯއެއް ޕޯސްޓް ކޮށްފައި ވާނެ. އެ ޕޯސްޓަށް ލައިކްކޮށް، އުރީދޫން ފޯން ގަތީމަ ލިބެނީ ކޮން ފައިދާއެއްތޯ ބުނެ ކޮމެންޓެއް ކޮށްގެން ހޮވޭ ނަސީބުވެރިއަަކަށް އައިފޯން 7ގެ ޖެޓް ބްލެކް ފޯނެއް ލިބޭނެ،" ނޫރާ ވިދާޅުވި އެވެ.

އުރީދޫން އައިފޯން 7 މިއަދު ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫން އައިފޯން 7 މިއަދު ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޕަލް އިން ވަނީ އައިފޯން 7 އާއި 7 ޕްލަސްގައި އާ ކަންތައްތަކެއް ހިމަނާފައި އެވެ. އެގޮތުން، ޕްލަސްގައި ދެ ލެންސު ހިމެނޭ ކެމެރާއެއް ހަރުކޮށްފައިވާ އިރު ސްޓީރިއޯ ސައުންޑް ސިސްޓަމާއި ވަޔަލެސްކޮށް ހެޑްފޯނު ގުޅާލެވެ އެވެ. އަދި މި ފޯނުތަކަކީ ފެން ނުވަންނަ ގޮތަށް ތައްޔާރު ކޮށްފައިވާ ފޯނުތަކެކެވެ. ކުރިއަށް ވުރެ ބޮޑު ބެޓެރިއެއް އަޅުވާފައިވާ މި ފޯނު ވަނީ މިހާރު ބާޒާރުގައި ހުރި އައިފޯނަށް ވުރެ 25 ޕަސެންޓު އަލިގަދަ ވެސް ކޮށްފަ އެވެ.

ރާއްޖެ އަށް އައިފޯން ސަޕްލައިކުރަނީ އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓަރު އަދި ސްޓޮކިސްޓް ސޮފްޓްޓަޗް މޯލްޑިވްސްއިންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އައިފޯން 7 އަދި 7 ޕްލަސްގެ ޑިމާންޑް އެތައް ގުނައެއް ބޮޑުވެ، ރާއްޖޭގައި ވިއްކަން ގެންނަ ސްޓޮކް ކުރިއަށް ވުރެ 120 ޕަސެންޓް ވަނީ އިތުރުކޮށްފަ އެވެ.