Roadha Mihaaru
އައިފޯން 7 ގެ އޯޑަރުތައް ބުރާސްފަތީގައި ނަގަނީ

އައިފޯން 7 ގެ އޯޑަރުތައް އުރީދޫން ބުރާސްފަތި ދުވަހު ނަގަން ފަށަނީ

19 ސެޕްޓެމްބަރ 2016

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 7 ގެ އޯޑަރުތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ނަގަން ނިންމައި، ޕެކޭޖުތައް މިއަދު އިއުލާންކޮށްފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 7 ގެ އޯޑަރުތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ނަގަން ނިންމައި، ޕެކޭޖުތައް މިއަދު އިއުލާންކޮށްފި އެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ އެ ދުވަހުން ފެށިގެން އައިފޯން 7 އަދި 7 ޕްލަސް ގެ އޯޑަރުތައް އުރީދޫން ނަގަން ފަށާނެ ކަމަށެވެ.

އުރީދޫން އައިފޯން 7 ވިއްކަނީ 32 ޖީބީގެ ފޯން 13،899ރ. އަށް، 128 ޖީބީގެ ފޯން 15،899ރ. އަށް އަދި 256 ޖީބީގެ ފޯން 17،899ރ. އަށެވެ. ޕްލަސްގެ 32 ޖީބީގެ ފޯން 16،399ރ. އަށް ވިއްކާއިރު، 128 ޖީބީގެ ފޯން 18،399ރ. އަށް އަދި 256 ޖީބީގެ ފޯން 20،499ރ. އަށް ވިއްކަން ވަނީ ނިންމައިފަ އެވެ.

މިފަހަރު ވެސް ދެ ގޮތަކަށް އައިފޯން 7 ގަނެވޭ ގޮތަށް އުރީދޫން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން، ފޯންގެ އަގު އެއްފަހަރާ ދެއްކުމުގެ އިތުރަށް، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ވެސް އައިފޯން 7 ގަނެވޭނެ އެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯން ނެގޭއިރު، 2،999ރ.ގެ ޑިޕޮސިޓެއް ދައްކަންޖެހެ އެވެ. އޭގެ ފަހުން ކޮންމެ މަހަކު ދައްކަން ޖެހެނީ އެކި މޮޑްލްތަކަށް އެކި ވަރެވެ. އެގޮތުން، އައިފޯން 7 ގެ 32 ޖީބީގެ ފޯނަށް މަހަކު 899ރ. 128 ޖީބީގެ ފޯނަށް މަހަކު 1،099ރ. އަދި 256 ޖީބީގެ ފޯނަށް 1،249ރ. ދެއްކޭނެ އެވެ. ޕްލަސްގެ ފޯން އިންސްޓޯލްމަންޓަށް ނެގެނީ 32 ޖީބީ އަށް މަހަކު 1،099ރ.، 128 ޖީބީ އަށް މަހަކު 1،299ރ. އަދި 256 ޖީބީ އަށް މަހަކު 1،449ރ. ދައްކާ ގޮތަށެވެ.

އެއްކޮށް ފައިސާ ދައްކައިގެން އައިފޯން 7 ގަންނަ ފަރާތްތަކަށް 12 ޖީބީގެ ޑޭޓާ އާއި އުރީދޫގެ ނަމްބަރުތަކަށް ގުޅުމަށް 1200 މިނިޓް އުރީދޫން ހިލޭ ދެ އެވެ. އަހަރަކަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ފޯން ނަގައިފި ނަމަ އެ އަހަރުގެ ތެރޭގައި 36 ޖީބީގެ ޑޭޓާ ހިލޭ ދޭ ގޮތަށް ވެސް އުރީދޫން ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖެ އަށް އައިފޯން ސަޕްލައިކުރަނީ އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓަރު އަދި ސްޓޮކިސްޓް ސޮފްޓްޓަޗް މޯލްޑިވްސްއިންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އައިފޯން 7 އަދި 7 ޕްލަސްގެ ޑިމާންޑް އެތައް ގުނައެއް ބޮޑުވެ، ރާއްޖޭގައި ވިއްކަން ގެންނަ ސްޓޮކް ކުރިއަށް ވުރެ 120 ޕަސެންޓް ވަނީ އިތުރުކޮށްފަ އެވެ.

އެޕަލް އިން ވަނީ އައިފޯން 7 އާއި 7 ޕްލަސްގައި އާ ކަންތައްތަކެއް ހިމަނާފައި އެވެ. އެގޮތުން، ޕްލަސްގައި ދެ ލެންސު ހިމެނޭ ކެމެރާއެއް ހަރުކޮށްފައިވާ އިރު ސްޓީރިއޯ ސައުންޑް ސިސްޓަމާއި ވަޔަލެސްކޮށް ހެޑްފޯނު ގުޅާލެވެ އެވެ. އަދި މި ފޯނުތަކަކީ ފެން ނުވަންނަ ގޮތަށް ތައްޔާރު ކޮށްފައިވާ ފޯނުތަކެކެވެ. ކުރިއަށް ވުރެ ބޮޑު ބެޓެރިއެއް އަޅުވާފައިވާ މި ފޯނު ވަނީ މިހާރު ބާޒާރުގައި ހުރި އައިފޯނަށް ވުރެ 25 ޕަސެންޓު އަލިގަދަ ވެސް ކޮށްފަ އެވެ.