Roadha Mihaaru
ދިރާގާއި އުރީދޫގެ އައިފޯން ސްޓޮކް ހުސްވެއްޖެ

ޕްރީ އޯޑަރަށް ހުޅުވާލުމާ އެކު ދިރާގާއި އުރީދޫގެ އައިފޯން ސްޓޮކް ހުސްވެއްޖެ

13 އޮކްޓޯބަރ 2019

މިދިޔަ ހުރުކު ވިލޭރޭ އުރީދޫ އާއި ދިރާގުން އައިޕޯނު 11 ގެ ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފޯނުގެ ސްޓޮކް ހުސްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ހުރުކު ވިލޭރޭ އުރީދޫ އާއި ދިރާގުން އައިޕޯނު 11 ގެ ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފޯނުގެ ސްޓޮކް ހުސްވެއްޖެ އެވެ.

އެޕަލް ކުންފުނިން މިދިޔަ މަހުގެ 11 ވަނަ ދުވަހު ނެރުނު އައިފޯނު 11 ގެ ޕްރީ އޯޑަރަށް، ރާއްޖޭގެ މުއާސަލާތީ ދެ ކުންފުނިން ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް ވަނީ ސްޓޮކް ހުސްވެފަ އެވެ.

އާ ސީރީޒްގެ ތެރެއިން ރާއްޖޭގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ އައިފޯން ޕްރޯ އާއި ޕްރޯ މެކްސްއަށެވެ. ދިރާގާއި އުރީދޫން ވެސް ބުނީ ޑިމާންޑް އެންމެ ބޮޑީ މި ދެ މޮޑެލް އަށް ކަމަށެވެ.

ދިރާގާއި އުރީދޫން ވެސް، ޑައުންޕޭމަންޓެއް ދެއްކުމަށް ފަހު ކޮންމެ މަހަކު ވަކި އަދަދެއް ފޯނު ބިލާ އެކު ދައްކާ ގޮތަށާއި އެކީ އެއްފަހަރާ ފައިސާ ދައްކާ ގޮތަށް ފޯނު ވިއްކަ އެވެ. އަދި މިގޮތަށް ނަގާ ފޯނުތަކަށް ދެ ކުންފުނިން ވެސް ހާއްސަ އިނާޔަތްތައް ހަމަޖައްސާފައިވެ އެވެ.

ޕްރީއޯޑާ ކުރި ފޯނުތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ވަކި ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

އައިޕޯނުގެ އާ ސީރީޒް ފޯނުތަކުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ފޯނުގެ ކެމެރާތަކަށެވެ. ތިން ކެމެރާ ހިމެނޭ އައިފޯން 11 ޕްރޯ އާއި ޕްރޯ މެކްސްގައި 64 ޖީބީ، 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖްގެ ފޯނު ހިމެނެ އެވެ.

އެޕަލް އައިފޯން 11 ގެ ކުލަތައް

އެޕަލް އައިފޯން 11 ގެ ކުލަތައް

އައިފޯނުގެ މައިގަނޑު ތިން ކެމެރާ އިންނަ ފޯނުތަކުގައި ވައިޑް، އަލްޓްރާ ވައިޑް އަދި ޓެލެފޮޓޯ ލެންސެއް ހިމެނެ އެވެ. އައިފޯން 11ގެ ސީރީޒްގެ ބެޓެރީ ޗާޖު މިދިޔަ އަހަރު އެޕަލް އިން ނެރުނު އައިޕޯން 10 އަށް ވުރެ މާ ގިނައިރު ހިފަހައްޓާނެ އެވެ.

އައިޕޯނުގެ 11 ގެ ކެމެރާގެ ހާއްސަ ފީޗާތަކުގެ ތެރޭގައި ފަހަތު ކެމެރާގެ އިތުރުން ކުރިމަތީ ކެމެރާއިން 4ކޭ ކޮލިޓީގައި ވީޑިއޯ ނެގުން ހިމެނެ އެވެ. ކުރިމަތީ ކެމެރާއިން ސްލޯމޯ ވީޑިއޯ ވެސް ނެގެ އެވެ. މިއީ ފޯނުތަކަށް އާ ފީޗާއެކެވެ. މީގެ އިތުރުން ޕޯޓްރެއިޓް މޯޑަށް އާ ލައިޓިން އިފެކްޓްތައް ލާފައިވެ އެވެ.

އައިފޯން 11 ގައި އިންނަނީ ދެ ކެމެރާ އެވެ. އެކަމަކު މި މޮޑެލްގެ ހަ ކުލައެއްގެ ފޯނު ހުރެ އެވެ. އެހެން މޮޑެލްތައް ހުރީ މިޑްނައިޓް ގްރީން، ސްޕޭސް ގްރޭ، ސިލްވަ އަދި ގޯލްޑް ކުލައިންނެވެ.