Roadha Mihaaru
އައިފޯނުގެ އަގުބޮޑު މޮޑެލްތައް އިންޑިއާގައި އުފައްދަނީ

އައިފޯނުގެ އަގުބޮޑު މޮޑެލްތައް އަންނަ އަހަރު އިންޑިއާގައި އުފައްދަނީ

29 ޑިސެމްބަރ 2018

އިންޑިއާގައި އައިފޯނުގެ ވިޔަފާރި ހަރުދަނާކުރަން އެޕަލް އިން ކުރާ މަސައްކަތްތަކުގައި، އައިފޯނުގެ އަގު ބޮޑު މޮޑެލްތައް، އެ ގައުމުގައި އުފައްދަން އުޅޭ ކަމަށް ބުނެވެން ފަށައިފި އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، އަމަލީ މަސައްކަތްތައް އަންނަ އަހަރު ފަށައިގަންނާނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އިންޑިއާގައި އައިފޯނުގެ ވިޔަފާރި ހަރުދަނާކުރަން އެޕަލް އިން ކުރާ މަސައްކަތްތަކުގައި، އައިފޯނުގެ އަގު ބޮޑު މޮޑެލްތައް، އެ ގައުމުގައި އުފައްދަން އުޅޭ ކަމަށް ބުނެވެން ފަށައިފި އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، އަމަލީ މަސައްކަތްތައް އަންނަ އަހަރު ފަށައިގަންނާނެ އެވެ.

އައިފޯނުގެ އަގު ބޮޑު މޮޑެލްތައް އިންޑިއާ އަށް އެތެރެކޮށް ވިއްކުމުގައި، އެޕަލް އަށް ވަކި ޚާއްސަ އިނާޔަތެއް ނޯވެ އެވެ. އެހެންކަމުން، ސްމާޓްފޯން މާކެޓްގައި ވާދަވެރިންނާ އެއް ހަމައެއްގައި ދެމިއޮތުން އެޕަލް އަށް މާލީ ބޮޑު ބުރައަކަށް ވެ އެވެ.

އެޕަލް އިން އިންޑިއާގައި މިހާރު ވެސް އައިފޯނުގެ އަގުހެޔޮ މޮޑެލްތައް އުފައްދަ އެވެ. އިންޑިޔއާ މާކެޓަށް ޚާއްސަކޮށް އުފައްދާ އައިފޯނުތައް ވިއްކުމުގައި ދަތިކަމެއް ދިމާނުވި ނަމަވެސް، އަގު ބޮޑު ފޯނުތައް އިންޑިއާ އަށް އެތެރެކޮށް ވިއްކުން ފަސޭހަ ކަމަަކަށް ނުވެ އެވެ. އެއި އެ އައިޓަމްތަކުން ނަގާ ޓެކްސް ބޮޑުވުމުގެ ސަބަބުންނެވެ.

ސްމާޓްފޯން މާކެޓްގައި ވާދަވެރިންނާ އެކު ހިފެހެއްޓުން އެޕަލް އަށް އުނދަގޫވަނީ، ވާދަވެރިން ފޯނުތައް ވިއްކާ އަގުތަކާ ހެދި އެވެ. ސެމްސަންގް، ޝޯމީ އަދި ވާވޭ ފަދަ ކުންފުނިތަކުން، ފޯނުތަކުގެ އަގާ ކުޅެލާ ގޮތަށް، އެޕަލް އަށް އެކަން ކުރާކަށް ނުކެރެ އެވެ. އެހެންކަމުން، އައިފޯނުތައް އަގު ހެޔޮކުުރެވެން އޮތް ގޮތަކީ، އިންޑިޔާގައި އެ މޮޑެލްތައް އުފެއްދުން ކަމަށް އެޕަލް އަށް ވަނީ ވިސްނިފަ އެވެ.

އިންޑިއާގައި އައިފޯނު އުފައްދާ މިންވަރު އިތުރުކޮށް، އިންޑިޔާ މާކެޓްގެ ތެރެއިން ދުނިޔެ އަށް ނިކުތުމަކީ މި ވަގުތަށް އެޕަލް އަށް ރަނގަޅު ވިސްނުމަކަށް ވެސް ވެދާނެ އެވެ. ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ އައިފޯނުތަކުން ޓެކްސް ނަގާނެ ކަމަށް އެމެރިކާ ބުނަމުންދާ ދުވަސްވަރެއްގައި، އައިފޯނު އުފައްދާ ފެކްޓަރީތައް އިންޑިޔާގައި ގިނަކުރުމަކީ، ކުރި އަށް ކުރެވޭ ހެޔޮ އިންވެސްޓްމަންޓެއް ކަމަށް ބެލެވެ އެވެ.

ޗައިނާއިން ބޭރު އެހެން ގައުމެއްގައި ފެކްޓަރީތައް ބިނާކޮށް، އައިފޯނު އުފައްދަން ފެށުމަކީ ބުރަ އަދި ކުރަން އުނދަގޫ ކަމެއް ކަމަށް އެޕަލުން ބުނެ އެވެ. އެހެން ނަމަވެސް، ބިޔަ އިންވެސްޓްމަންޓެއް ޗައިނާއިން ބޭރުގައި ކުރުމަކީ މި ވަގުތަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެމެރިކާގައި އުފެއްދުމަށް ވުރެ އިންޑިއާގައި އައިފޯނުތައް އުފެއްދުން ވެސް އެޕަލް އަށް ރަނގަޅުވާނެ ކަމަށް ބުނެވެ އެވެ.