Roadha Mihaaru
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ

މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލް އިން ނެރެފާނެ

28 ނޮވެމްބަރ 2021

އައިފޯން ނެރޭ އެޕަލް ކުންފުންޏަކީ އަބަދު ވެސް އާ ކަންކަން ކުރަން މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިން މިހާތަނަށް ގެނެސްދިން އައިފޯންގެ އެތައް މޮޑެލްއަކުން އެތައް ބަދަލެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. އަދި އެފަދަ ކޮންމެ ބަދަލަކީ އެޕަލްގެ ކަސްޓަމަރުން ބަލައިގަންނަ ކަންކަން ވެސް މެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިފޯން ނެރޭ އެޕަލް ކުންފުންޏަކީ އަބަދު ވެސް އާ ކަންކަން ކުރަން މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިން މިހާތަނަށް ގެނެސްދިން އައިފޯންގެ އެތައް މޮޑެލްއަކުން އެތައް ބަދަލެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. އަދި އެފަދަ ކޮންމެ ބަދަލަކީ އެޕަލްގެ ކަސްޓަމަރުން ބަލައިގަންނަ ކަންކަން ވެސް މެ އެވެ.

އެހެންވެ ދެން އޮތީ އަނެއްކާ ވެސް އާ ކަމެއްގެ ވާހަކަ އެވެ. އެޕަލްގެ އެއް އަމާޒަކީ މާ ދުރު ނޫން މުސްގަތުބަލެއްގައި މުޅިން ބިއްލޫރިން ހަދާފައިވާ ފޯނު ނެރުމެވެ. މިކަމާ ބެހޭ ގޮތުން އެޕަލް ރަސްމީކޮށް މި ދަނޑިވަޅުގައި އެއްޗެއް ބުނާނެ ކަމަށް އުންމީދު ކުރުމަކީ ބޭކާރު ކަމެކެވެ. ސަބަބަކީ އުފެއްދުންތައް މާކެޓަށް ނެރުމާ ގާތްކޮށްފައި ނޫނީ ކުންފުނީގެ އާ އުފެއްދުންތަކާ ބެހޭ އެއްވެސް މައުލޫމާތު އެޕަލް އިން ހިއްސާނުކުރާތީ އެވެ.

އެކަމަކު ރިޕޯޓްތައް މިހާރު ބުނާ ގޮތުން މުޅިން ބިއްލޫރިން ހަދާ އައިފޯނުގެ މި ޑިޒައިން ރަޖިސްޓްރީ ކުރަން އެޕަލް އިން މިހާރު ވަނީ އެމެރިކާގެ ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ އެޕަލް އިން ހުށަހެޅި ކަމަށް ބުނާ ޑިޒައިންގެ ކުރެހުންތަކެއް ވެސް އާންމުކޮށްފަ އެވެ. މި ފަރުމާ އަށް ބަލާ އިރު މިއީ ފޯނުގެ ހަ ފަރާތުގެ ބޭނުން ވެސް އެއްވެސް ތަންކޮޅެއް ބޭކާރު ނުވެ ބޭނުންކުރެވޭ ގޮތަކަށް އޮންނާނެ އެއްޗެކެވެ. އަދި މީގެ އެންމެ ހާއްސަ އެއް ސިފައަކަށް ވާނީ "ފޯނުގެ ޑިސްޕްލޭގެ ގޮތުގައި އޭގެ ކުރިމައްޗާއި ފަހަށް ވެސް ބޭނުންކުރެވޭ ކަހަލަ" އެއްޗަކަށް ވުމެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް.

އެޕަލްގެ ސީއީއޯ ޓިމް ކުކް.

އެކަމަކު ސުވާލަކީ ބޮޑު ބަދަލަކަށް އެޕަލް އިން މުޅިން ބިއްލޫރި ފޯނެއް ގެނެސްދިނުމަކީ އައިފޯނަށް ލޯބިކުރާ މީހުން ބަލައިގަންނާނެ ކަމެއްތޯ އެވެ؟ ހަމަ ޔަގީނުން ވެސް ބިއްލޫރި ފޯނެއް ގެންގުޅުމަކީ ވަރަށް ފަރުވާތެރިކަމާ އެކު ކުރަން ޖެހޭނެ ކަމެކެވެ. ފޯނަށް ކުޑަކޮށް ވެސް ފަރުވާ ކުޑަކޮށްލައިފި ނަމަ ވެއްޓި ތަޅައިގެން ދިއުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. އޭރުން އެ ގަންނަން ކުރި ބޮޑު ހޭދަ ވެސް ބޭކާރު އެއްޗަކަށްވީ އެވެ.