Roadha Mihaaru
އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި

އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި

10 ޑިސެމްބަރ 2021

ޗައިނާގެ ކުންފުނި އޮޕޯ އިން ފަތްޖެހޭ ފޯނަކަށް މަސައްކަތްކުރާ ދުވަސްތަކެއް ފަހުން ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯނު ބުރާސްފަތި ދުވަހު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ކުންފުނި އޮޕޯ އިން ފަތްޖެހޭ ފޯނަކަށް މަސައްކަތްކުރާ ދުވަސްތަކެއް ފަހުން ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯނު ބުރާސްފަތި ދުވަހު ދައްކާލައިފި އެވެ.

ޓްވިޓާގައި ވީޑިއޯއަކުން ދައްކާލާފައިވާ މި ފޯނަށް ދީފައިވާ ނަމަކީ "އޮޕޯ ފައިންޑް އެން" އެވެ. ފޯނު ބޮޑަށް ވައްތަރީ ސެމްސަންގުން ނެރުނު ފަތްޖެހޭ ފޯނު "ޒީ ފޯލްޑް" އާ އެވެ.

"އޮޕޯ ފައިންޑް އެން" އާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. މި މަހުގެ 14 އާއި 15 ގައި އޮޕޯގެ "އިނޮ ޑޭ" ބާއްވާނެކަން މިހާރު އިއުލާންކޮށްފައިވާ އިރު ފަތްޖެހޭ ފޯނާ ބެހޭ މައުލޫމާތު މި އެ އިވެންޓްގެ ދެވަނަ ދުވަހު އާންމު ކުރާނެ އެވެ.

އެގޮތުން "އޮޕޯ ފައިންޑް އެން" ގިނަ ސްޕެސިފެކޭޝަންތައް ހާމަކޮށް، ފޯނު ނެރޭނެ އިރަކާއި އަގު ވެސް އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

އޮޕޯ އިން ބުނި ގޮތުގައި އެ ކުންފުނިން ފަތްޖެހޭ ފޯނަކަށް މަސައްކަތް ކުރަމުން އަންނަނީ 2018 އިން ފެށިގެންނެވެ. އެކަމަކު އަވަސް އަރުވާލައިގެން އެހެން ކުންފުނިތަކަށް ވުރެ ކުރިން އެކަން ކުރަން ބޭނުން ނުވިޔަސް، މިހާރު ފަތްޖެހޭ ފޯނު ނެރެން ތައްޔާރުވީ ހިތްހަމަޖެހޭ ވަރުގެ މަސައްކަތެއް ކުރެވެމުން ކަމަށް ބުންޏެވެ. ފަތްޖެޖޭ ފޯނު ފުރަތަމަ ހަގީގަތަކަށް ހެދީ 2019 ގައި ދެކުނު ކޮރެއާގެ ސެމްސަންގުންނެވެ.

އޮޕޯ ޗީފް ޕްރޮޑަކްޓް އޮފިސަރު ޕީޓް ލައު ވިދާޅުވި ގޮތުގައި "އޮޕޯ ފައިންޑް އެން" އަކީ މިހާރު މާކެޓްގައި ހުރި ފަތްޖެހޭ ފޯނުތަކާ ވާދަކުރެވޭ ވަރުގެ އެއްޗަކަށް ވާނެ އެވެ.

"މީގެ ކޮލިޓީ އާއި އަގަށް ބެލިޔަސް ގިނަ ބަޔަކު އަތްފޯރާ ވަރުގެ އެއްޗަކަށް އަހަރެމެންގެ ފަތްޖެހޭ ފޯނު ވާނެ." އޭނާ ވިދާޅުވި އެވެ.

އޮޕޯގެ ފުރަތަމަ ފަތްޖެހޭ ފޯނު ނެރެން ތައްޔާރުވެފައި މި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރޯލަބަލް ފޯނެއް ވެސް ދައްކާފައި ވަނިކޮށެވެ.