Roadha Mihaaru
ޑިސްޕްލޭ ދަމާލެވޭ ފޯނެއް އޮޕޯ އިން ދައްކާލައިފި

ޑިސްޕްލޭ ދަމާލެވޭ ފޯނެއް އޮޕޯ އިން ދައްކާލައިފި

18 ނޮވެމްބަރ 2020

ފަތްޖެހޭ ފޯނާއި އޮޅައިލެވޭ ސްކްރީން ހުންނަ ފޯނުތަކަށް ފަހު މި ފަހަރު މި އަންނަނީ އަނެއްކާ ވެސް ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ފޯނެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަތްޖެހޭ ފޯނާއި އޮޅައިލެވޭ ސްކްރީން ހުންނަ ފޯނުތަކަށް ފަހު މި ފަހަރު މި އަންނަނީ އަނެއްކާ ވެސް ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ފޯނެކެވެ.

ޗައިނާގެ އޮޕޯ އިން އަންގާރަ ދުވަހު ވަނީ އޯލެޑް ޑިސްޕްލޭ ކުޑަކޮށް/ބޮޑުކޮށްލެވޭ ފޯނެއް ދައްކާލައިފަ އެވެ. މީތި އެ ކުންފުނިން ވެސް ސިފަކުރަނީ ރޯލަބަލް އަދި ފަތްޖެހޭ ފޯނަށް ދޫނުކުރާނެ ކަހަލަ އުފެއްދުމެއްގެ ގޮތުގަ އެވެ.

ތަރައްގީކުރުމުގެ މަރުހަލާގައި އޮތް މި ފޯނަށް ދީފައިވާ ނަމަކީ "އޮޕޯ އެކްސް 2021" އެވެ. މީގެ ހާއްސަ ސިފަ އަކީ މީގެ ޑިސްޕްލޭ ދަމައިލެވޭތީ އެވެ. އެއްކޮށް ދަމައިލެވުމުން ޑިސްޕްލޭ 7.4 އިންޗި އަށް ބޮޑުވާނެ އެވެ. އަދި ސްކްރީން ދަމާނުލައި އޮންނަ އިރު، ސައިޒަކީ 6.7 އިންޗި އެވެ.

"އޮޕޯ އެކްސް 2021" ފަރުމާކޮށްފައިވަނީ އެއް ޑިސްޕްލޭގެ ތެރެއިން އަނެއް ޑިސްޕްލޭ ނުކުންނަ ގޮތަށް ނުވަތަ އެއް ޑިސްޕްލޭގެ ތެރެއަށް އަނެއް ޑިސްޕްލޭގެ ބައެއް ވަންނަ ގޮތަށެވެ. އެހެންވެ ފެންނަ ފެނުމަށް ބަލާ އިރު ފޯނުގައި މާ ބޮޑު ތަފާތެއް ހުރި ކަމަކަށް ހިއެއް ނުވާނެ އެވެ.

ތަރައްގީކުރުމުގެ މަރުހަލާގައި ފޯނު އަދި އޮތުމުން މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އޮޕޯގެ ވައިސް ޕްރެޒިޑެންޓް އަދި އޮޕޯ ރިސާޗް އިންސްޓިޓިއުޓްގެ ހެޑް ލެވިން ލިއު ވިދާޅުވީ ފޯނު އާންމުކޮށް ބާޒާރަށް ނެރޭނެ ދުވަހެއް ވެސް އަދި ނިންމާފައި ނެތް ކަމަށެވެ.

"އަދި އޮތީ ކޮންސެޕްޓް ތަރައްގީކުރުމުގެ މަރުހަލާގެ ތެރޭގައި. ރަނގަޅު ދަނޑިވަޅެއް އައި އިރަކުން އަހަރެމެން ފޯނު ނެރޭނަން." އޭނާ ވިދާޅުވި އެވެ.