Roadha Mihaaru
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ

ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ އިން ހޯދަނީ

07 ސެޕްޓެމްބަރ 2023

އެންމެ ފަހުގެ ސްމާޓް ޓެކްނޮލޮޖީ ހިމަނައިގެން ޗައިނާ އިން އަލަށް އުފައްދައި އާންމު ކުރި ވާވޭ މޭޓް 60 ޕްރޯގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމެރިކާ ސަރުކާރުން ބުނެފި އެވެ.

އެންމެ ފަހުގެ ސްމާޓް ޓެކްނޮލޮޖީ ހިމަނައިގެން ޗައިނާ އިން އަލަށް އުފައްދައި އާންމު ކުރި ވާވޭ މޭޓް 60 ޕްރޯގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމެރިކާ ސަރުކާރުން ބުނެފި އެވެ.

އެމެރިކާ ސަރުކާރުން އެ ފޯނުގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ފެށީ، ޗިޕް ޓެކްނޮލޮޖީ ޗައިނާ އަށް ލިބުނަނުދިނުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވަނިކޮށް، ޗިޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ސްމާޓް ފޯނެއް އުފެއްދުމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވާވޭ މޭޓް 60 ޕްރޯ އުފައްދާފައިވަނީ، ވާވޭ ކުންފުންޏަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5ޖީ ކިރިން 9000ގެ ޕްރޮސެސަރ ހިމަނައިގެންނެވެ.

މި ފޯނު އުފެއްދުމުން ޗައިނާ އަށް ހާސްކަން ލިބުނީ ޗައިނާ އަށް ސެމީކޮންޑަކްޓަރ ވިއްކުން އެމެރިކާ އިން މަނާކޮށްފައި ވަނިކޮށް، ޗައިނާ އިން އެ ޓެކްނޮލޮޖީ ހިމަނައިގެން ޒަމާނީ ފެންވަރުގެ ޗިޕެއް އުފެއްދުމުންނެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެލް ސުލީވާން ވިދާޅުވީ ވާވޭ ކުންފުނިން އުފެއްދި އާ ފޯނުގައި ބޭނުންކޮށްފައިވާ ޗިޕްގެ އެންމެހައި ސިފަތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އަށް ޗިޕް ޓެކްނޮލޮޖީ ވިއްކުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްވެސް ބަޔަކު ޚިލާފުވެފައިވާކަން އެނގޭނީ، މިހާރު ކުރަމުންދާ ތަހުގީގު ނިމުމުންނެވެ. ޗައިނާ އަށް ޒަމާނީ ޓޭކްނޮލޮޖީ ލިބުން ހުއްޓުވުމުގެ ގޮތުން، 2019 ވަނަ އަހަރު އެމެރިކާ އިން ވަނީ ވާވޭ ކުންފުންޏަށް އެއްވެސް ބާވަތެއްގެ ސޮފްޓްވެއާ އާއި ސޮފްޓްވެއާ އުފައްދަން ބޭނުންކުރާ އެއްވެސް މާއްދާއެއް އަދި ވަސީލަތެއް ވިޔަސް ވިއްކުން ނުވަތަ ދިނުން ވިޔަސް، އެމެރިކާގެ ކުންފުނިތަކަށް މަނާކޮށްފަ އެވެ.

އޭގެ އިތުރުން އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޗިޕް އުފައްދާ ބައިނަލްއަގުވާމީ އެއްވެސް ކުންފުންޏަކުން ވާވޭ ކުންފުންޏާ ބައިވެރިވެގެން މަސައްކަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވާވޭ ކުންފުނީގެ ސްމާޓް ފޯނުތަކަކީ، އެއް ދުވަސްވަރެއްގައި ބައިނަލްއަގުވާމީ ފެންވަރުގައި އެއް ވަނަ ދަރަޖައިގައި ގިންތި ކުރެވުނު ސްމާޓް ފޯނެކެވެ. ނަމަވެސް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، ވާވޭ ފޯނުތަކުގެ ފެންވަރު ދަށްވުމާ ގުޅިގެން، ވާވޭގެ ފޯނުތަކަށް ވަނީ އެ މަގާމު ގެއްލިފަ އެވެ.

އޭގެ ފަހުން ވާވޭ ކުންފުނިން ސްމާޓް ފޯނު އުފައްދަމުން އަންނަނީ ޗައިނާގައި އުފައްދާފައިވާ ސިލިކަން ބޭނުންކޮށްގެންނެވެ. ނަމަވެސް އަލުން 5ޖީ ޓެކްނޮލޮޖީ ހިމަނައިގެން ސްމާޓް ފޯނުގެ ރަސްކަން އަތުލުމަށް ވާވޭ ކުންފުނިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

ވާވޭ ކުންފުނީގެ މޭޓް 60 ޕްރޯ ފޯނު މިދިޔަ އާންމުކުރި އިރު ވެސް، އެ ފޯނުގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއާ ބެހޭ މާ ގިނަ މައުލޫމާތެއް އާންމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ކުންފުނިން ބުނެފައިވަނީ އެ ފޯނަކީ މުވާސަލާތު ކުރަން ފަސޭހަ އަދި ނެޓްވޯކް ލިބުމުގައި އިތުބާރު ހިފޭނެ ފޯނެއް ކަމަށެވެ.

ނަމަވެސް، ސެމީކޮންޑަކްޓާ އިންޑަސްޓްރީގެ މައުލޫމާތު ހިއްސާކުރާ ޕްލެޓްފޯމެއް ކަމަށްވާ ޓެކްއިންސައިޓް އިން މިދިޔަ ހަފުތާގައި ވަނީ މޭޓް 60 ޕްރޯގެ ސިއްރު ފަޅާއަރުވާލައިފަ އެވެ. ޓެކްއިންސައިޓް އިން ބުނި ގޮތުގައި މޭޓް 60 ޕްރޯގައި ބޭނުންކޮށްފައިވަނީ، ޗައިނާގެ ސެމީކޮންޑަކްޓަރ މެނުފެކްޗަރިން އިންޓަނޭޝަނަލް ކޯޕަރޭޝަން (އެސްއެމްއައިސީ) އިން އުފައްދާފައިވާ 7-ނެނޯމީޓަރުގެ ޕްރޮސެސާއެކެވެ.

އެސްއެމްއައިސީއަކީ ވެސް، ޗައިނާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.