Roadha Mihaaru
ގޫގުލް އިން އެއާޓެލް އަށް ބިލިއަން އިންވެސްޓްމަންޓެއް

ގޫގުލް އިން އިންޑިއާގެ އެއާޓެލް އަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފި

30 ޖެނުއަރީ 2022

އިންޑިއާގެ ސްމާޓްފޯނުގެ މާކެޓް ވަރަށް ބޮޑަށް ފުޅާވަމުން އަންނާތީ ހިދުމަތްތައް އަގުހެޔޮކުރުމުގެ ގޮތުން ގޫގުލްއިން އެ ގައުމުގެ އިތުރު ކުންފުންޏަކަށް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ސްމާޓްފޯނުގެ މާކެޓް ވަރަށް ބޮޑަށް ފުޅާވަމުން އަންނާތީ ހިދުމަތްތައް އަގުހެޔޮކުރުމުގެ ގޮތުން ގޫގުލްއިން އެ ގައުމުގެ އިތުރު ކުންފުންޏަކަށް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކް ކުންފުނިން މި ފަހަރު އިންވެސްޓްކުރަން ނިންމާފައި ވަނީ އެ ގައުމުގައި ދެވަނަ އަށް އެންމެ ބޮޑު ޓެލެކޮމް ކުންފުނި އެއާޓެލް ބާރުތީ އަށެވެ. އެގޮތުން އެ ކުންފުންޏަށް 700 މިލިއަން ޑޮލަރު އިންވެސްޓްކޮށް، ކުންފުނީގެ 1.28 ޕަސެންޓް ހިއްސާ ވެސް ގޫގުލް އިން ގަންނާނެ އެވެ.

ގޫގުލް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްފައި ބުނީ އިންޑިއާގެ ސްމާޓްވޯންގެ ވިޔަފާރި އިތުރަށް ފުޅާކުރަން ކުރިއަށް ގެންދާ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ތެރެއިން 700 މިލިއަން ސީދާ އެއާޓެލް ބާރުތީ އަށް އިންވެސްޓްކޮށ، ބާކީ 300 މިލިއަން ޑޮލަރު ހޭދަކުރާނީ އަހަރުތަކަކަށް ދެމިގެންދާ ކޮމާޝަލް އެއްބަަސްވުންތަކަށެވެ.

މިކަމާ ބެހޭ ގޮތުން ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ ވިދާޅުވި ގޮތުގައި އެއާޓެލް އިންވެސްޓްމަންޓަކީ އިންޑިއާގެ އާބާދީ ސްމާޓްފޯނަށް އެކްސެސްވުމަށް ހުޅުވޭ އިތުރު ދޮރެކެވެ. އަދި މީގެ ސަބަބުން ކަނެކްޓިވިޓީ އިތުރުވެ، ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވި، ތަފާތު މުއާމަލާތްތަކަށް މަގުފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އެއާޓެލް އިން ބުނި ގޮތުގައި ގޫގުލްއާ އެކު ކުރެވޭ މަސައްކަތުގެ އެންމެ ހާއްސަ ކަމަކަށްވާނީ ސްމާޓްފޯނުގެ އަގުހެޔޮކުރުމަށް ބާރު އަޅައި، އިންޓަނެޓަށް އެކްސެސްވުން ފުޅާކުރުމެވެ.

"އެގޮތުން 5ޖީ އާއި ކްލައުޑް ސާވިސްތައް އިންޑިއާގައި ވަރުގަދަކުރަން މަސައްކަތްކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ގޫގުލް ވަނީ އެއާޓެލްއާ ވާދަވެރި ޖިއޯ ޕްލެޓްފޯމަށް ވެސް 4.5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. އެ ކުންފުންޏަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ގްރޫޕްގެ ސަބްސިޑަރީއެކެވެ.