Roadha Mihaaru
ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގައި

ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގައި

14 އޮކްޓޯބަރ 2021

އާންމުންގެ ތެރޭގައި އެންމެ މަގުބޫލު ފޯނުތައް ވެސް ނެރޭ އަދި އެންމެ ނަގާ ކިޔާ ބޮޑެތި ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގެ ތެރޭގައި ވަރަށް ގާތްގާތުގައި ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުންގެ ތެރޭގައި އެންމެ މަގުބޫލު ފޯނުތައް ވެސް ނެރޭ އަދި އެންމެ ނަގާ ކިޔާ ބޮޑެތި ޓެކް ކުންފުނިތަކުގެ އިވެންޓްތަކެއް އަންނަ ހަފުތާގެ ތެރޭގައި ވަރަށް ގާތްގާތުގައި ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އެގޮތުން މި މަހުގެ 18 ވަނަ ދުވަހު އެޕަލްގެ "އަންލީޝްޑް" އިވެންޓް ބާއްވަން ތާވަލުކޮށްފައިވާ އިރު ގޫގުލްގެ އެންމެ ފަހުގެ ފޯނުތައް ދައްކައިލަން ބާއްވާ އިވެންޓް މި މަހުގެ 19 އަށް ތާވަލު ކޮށްފައިވެ އެވެ. އަދި ދެކުނު ކޮރެއާގެ ސެމްސަންގްގެ "ގެލެކްސީ އަންޕެކްޑް ޕާޓް 2" ތާވަލު ކޮށްފައި އޮތީ މި މަހުގެ 20 އަށެވެ.

އެޕަލް އިން މިދިޔަ މަހުގެ 14 ގައި ބޭއްވި އިވެންޓްގައި ކުންފުނީގެ އެންމެ ފަހުގެ ފޯން، އައިފޯން 13 ގެ އިތުރުން ވެސް ބައެއް އެހެން ޕްރޮޑަކްޓްތައް ދައްކައިލި އެވެ.

އެ އެއްޗެހި މިހާރު މާކެޓްގައި ވިއްކަމުން އަންނަ އިރު، މި މަހުގެ 18 ގައި އެޕަލް އިން ބާއްވާ އިވެންޓް ހާއްސަވާނީ ކުންފުނީގެ އެންމެ ފަހުގެ މެކް ކޮމްޕިއުޓަރުތަކަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ގޫގުލް އިން "ޕިކްސެލް ފޯލް ލޯންޗް" ގެ ނަމުގައި ބާއްވާ އިވެންޓްގައި ޕިކްސެލް 6 ސީރީޒްގެ އާ ފޯނުތައް ދައްކައިލާނެ އެވެ. ގޫގުލް އިން އެންމެ ފަހުން މިފަދަ އިވެންޓެއް ބޭއްވީ އޮގަސްޓް މަހު އެވެ.

ސެމްސަންގުން އޮގަސްޓްގައި ބޭއްވި އިވެންޓަށް ފަހު ބާއްވާ އިވެންޓާ ބެހޭ މާ ބޮޑު ތަފުސީލެއް އެ ކުންފުނިން ނުދިނަސް މީޑިއާތަކުން ބުނީ އިވެންޓް ހާއްސަ ވާނީ ސެމްސަންގުން ކުރިން ނެރެފައިވާ ފޯނުތަކުގެ ތެރެއިން މި ފަހުގެ ބައެއް ވާޝަންތަކުގެ އާ މޮޑެލްތަކެއް ދައްކައިލާނެ އިވެންޓަކަށް ކަމަށެވެ.

އޮގަސްޓް މަހުގެ 11 ގައި ބޭއްވި އިވެންޓްގައި ދައްކައިލި ފޯނުތަކުގެ ތެރޭގައި މިހާރު މާކެޓްގައި ވިއްކަމުން އަންނަ ފަތްޖެހޭ ފޯނުގެ ގެލެކްސީ ޒީ ފޯލްޑް 3 އާއި ގެލެކްސީ ޒީ ފްލިޕް 3 ހިމެނެ އެވެ.