Roadha Mihaaru
ވާވޭގެ އޯއެސް އަންނަ އަހަރު ސްމާޓްފޯނުތަކަށް

ވާވޭގެ އޯއެސް "ހާމަނިއޯސް" އަންނަ އަހަރު ސްމާޓްފޯނުތަކަށް

12 ސެޕްޓެމްބަރ 2020

އެމެރިކާ އިން ޗައިނާގެ ވާވޭ ބްލެކްލިސްޓްކުރުމުން، ގޫގުލް އިން އެ ކުންފުންޏާ އެކު ހިންގަމުން އައި ވިޔަފާރީގެ މުއާމަލާތްތައް މިދިޔަ އަހަރު ހުއްޓާލުމުން އެންޑްރޮއިޑްގެ ބަދަލުގައި ވާވޭގެ ޑިވައިސްތަކުގައި ބޭނުންކުރަން އުފެއްދި އޮޕަރޭޓިން ސިސްޓަމް ހާމަނީ އޯއެސް (ހާމަނިއޯސް) އަންނަ އަހަރު އެ ކުންފުނީ ސްމާޓްފޯންތަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާ އިން ޗައިނާގެ ވާވޭ ބްލެކްލިސްޓްކުރުމުން، ގޫގުލް އިން އެ ކުންފުންޏާ އެކު ހިންގަމުން އައި ވިޔަފާރީގެ މުއާމަލާތްތައް މިދިޔަ އަހަރު ހުއްޓާލުމުން އެންޑްރޮއިޑްގެ ބަދަލުގައި ވާވޭގެ ޑިވައިސްތަކުގައި ބޭނުންކުރަން އުފެއްދި އޮޕަރޭޓިން ސިސްޓަމް ހާމަނީ އޯއެސް (ހާމަނިއޯސް) އަންނަ އަހަރު އެ ކުންފުނީ ސްމާޓްފޯންތަކަށް ގެންނަން ނިންމައިފި އެވެ.

ހާމަނީއޯސްގެ އާ ވާޝަން 2.0 އެސްޑީކޭގެ ބީޓާ ވާޝަން ބުރާސްފަތި ދުވަހު އާންމުކުރި އިރު މި ވަގުތު އެ ސަޕޯޓްކުރާނީ ސްމާޓްވޮޗާއި ވާވޭ ޓީވީ އާއި ކާރު ހެޑް ޔުނިޓް ފަދަ އެއްޗެހީގަ އެވެ. ވާވޭ އިން ބުނިގޮތުގައި އަމާޒަކީ ހާމަނީއޯސް 2.0 އެސްޑީކޭ ސްމާޓްފޯންތަކުގައި ބޭނުންކުރެވޭ ގޮތަށް އަންނަ ޑިސެމްބަރު މަހު ހަދައި، އެ އޮޕަރޭޓިން ސިސްޓަމް ސަޕޯޓްކުރާ ސްމާޓްފޯނު އަންނަ އަހަރު މާކެޓަށް ނެރުމެވެ.

ޗައިނާގެ ޝެންޒެންގައި ބުރާސްފަތި ދުވަހު ފެށި ވާވޭގެ ޑިވެލޮޕާ ކޮންފަރެންސްގައި ކުންފުނީގެ ކޮންޒިއުމާ ބިޒްނެސްގެ ސީއީއޯ ރިޗަޑް ޔޫ ވިދާޅުވީ ވާވޭގެ ގިނަ ޑިވައިސްތަކަށް "ހާމަނީއޯސް" ފުޅާކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސްމާޓްފޯންތަކަށް އެ އޯއެސް އައުން ވެގެން ދާނީ އެންމެ މުހިއްމު އެއް ކަންތަކަށް ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރެއިން ވާވޭ އިން މިހާރު ވަނީ އެންޑްރޮއިޑާ ދާދި އެއް ކަހަލަ ގޮތަކަށް މަސައްކަތްކުރާނެ އޯއެސްއެއް ފައްކާކުރަން "އޯޕަން ހާމަނީ ޕްރޮޖެކްޓް" ގެ ނަމުގައި އޯޕެން-ސޯސް ވާޝަނެއް ޑިވެލޮކްކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

މި ވަގުތު "ހާމަނީއޯސް" ސަޕޯޓްކުރަނީ 128 އެމްބީ ނުވަތަ އެއަށް ވުރެ ދަށް ރޭމްގެ ޑިވައިސްތަކުގަ އެވެ. އެކަމަކު އަންނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް އަންނަ އިރު ކެޕޭސިޓީ 4ޖީބީގެ ޑިވައިސްތަކަށް ފުޅާކުރާނެ އެވެ. އަދި އަންނަ އަހަރުގެ ނިމުމުން ކުރިން ކެޕޭސިޓީ ވަކި ލިމިޓެއް ނެތް ގޮތަށް ބައްޓަންކުރާނެ އެވެ.

ވާވޭއާ އޮތް ގުޅުން ގޫގުލް އިން ކަނޑާލުމާ ގުޅިގެން އަމިއްލަ އޯއެސްއެއް އުފެއްދުމުގެ މަސައްކަތް ފަށައި، "ހާމަނީއޯސް" ލޯންޗްކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ.