Roadha Mihaaru
ގޫގުލް އާއި ޖިއޯ ގުޅިގެން އަގުހެޔޮ ފޯނު އުފައްދަނީ

ގޫގުލް އާއި ރިލަަޔަންސް ޖިއޯ ގުޅިގެން އަގުހެޔޮ ފޯނު އުފައްދަނީ

17 ޖުލައި 2020

އިންޑިއާގެ ތަރައްގީ އަށް 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ގޫގުލް އިން އިންޑިއާގެ މުއާސަލާތީ ހިދުމަތް ދޭ ކުންފުނި ރިލަޔަންސް ޖިއޯގެ ހިއްސާ ގަނެ، އެ ކުންފުންޏާ ގުޅިގެން ހިދުމަތްތައް ފުޅާކޮށް، ފޯނު އުފެއްދުމުގެ މަސައްކަތް ވެސް ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ތަރައްގީ އަށް 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ގޫގުލް އިން އިންޑިއާގެ މުއާސަލާތީ ހިދުމަތް ދޭ ކުންފުނި ރިލަޔަންސް ޖިއޯގެ ހިއްސާ ގަނެ، އެ ކުންފުންޏާ ގުޅިގެން ހިދުމަތްތައް ފުޅާކޮށް، ފޯނު އުފެއްދުމުގެ މަސައްކަތް ވެސް ކުރަން ނިންމައިފި އެވެ.

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް ގްރޫޕްގެ ސަބްސިޑަރީ ކުންފުނި ޖިއޯ 7.73 ޕަސަންޓް ހިއްސާ ގޫގުލް އަށް ވިއްކައިލީ 4.5 ބިލިއަން ޑޮލަރަށެވެ. މިއީ އިންޑިއާ ޒަމާނީ ގައުމަކަށް ހަދަން ގޫގުލް އިން ހޯމަ ދުވަހު އިއުލާންކުރި "ގޫގުލް ފޯ އިންޑިއާ ޑިޖިޓައިޒޭޝަން ފަންޑް" ގެ ދަށުން ކުރިއަށް ގެންދިޔަ މުއާމަލާތެކެވެ.

ރިލަޔަންސްގެ ޗެއާމަން އަމްބާނީ ވިދާޅުވީ ގޫގުލްއާ ގުޅިގެން ކުރާ މަސައްކަތުގެ އެންމެ މުހިއްމު އެއް ކަމަކަށް ވާނީ ހުރިހާ ފަންތިއެއްގެ މީހުންގެ އަތްފޯރާ ވަރުގެ އަގުހެޔޮ އެންޑްރޮއިޑް ފޯން މާކެޓަށް ނެރުން ކަމަށެވެ.

އެކަމަކު މިއީ ގޫގުލް އިން ކުރިން ވެސް އަގުހެޔޮ ފޯނަށް ހާއްސަކޮށްފައިވާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) "އެންޑްރޮއިޑް ގޯ" އާ މުޅިން ވަކިން ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އިންޑިއާ ދަރިކޮޅުގެ ސުންދަރު ޕިޗާއީ މިހާރު ސީއީއޯގެ މަގާމު ފުރަމުން އަންނަ ގޫގުލް އިން ބުނީ ޖިއޯއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްވެގެން ދާނީ މިހާރަށް ވުރެ ފުޅާކޮށް ސްމާޓްފޯނު ބޭނުންކުރާ މީހުންގެ އަދަދު އިންޑިއާގައި އިތުރުކުރުން ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި އިންޑިއާގެ އާބާދީގެ ވަރަށް ބޮޑު ނިސްތަބަކަށް އަދިވެސް އެކަށީގެންވާ ފެންވަރުގައި އިންޓަނެޓް ހިދުމަތް ނުލިބޭތީ އެ ވެސް އާ އިންވެސްޓްމަންޓްގެ ދަށުން ތަރައްގީކުރާނެ ދާއިރާއެކެވެ.

"ހިތްހަމަޖެހޭ ކަމަކީ އަދި އުފާވާ ކަމަކީ ޖިއޯ އާއި އަހަރެމެން ގުޅިގެން ކުރާ މަސައްކަތުން އިންޑިއާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދެވޭނެތީ،" ގޫގުލް އިން ބުންޏެވެ. "އެއް ވިސްނުމަކާއި އެއް ފިކުރަކާ އެކު ކުރާ މަސައްކަތް ކާމިޔާބުވާނެ."

ޖިއޯގެ 7.73 ޕަސަންޓް ހިއްސާ ގޫގުލް އަށް ވިއްކައިލި އިރު މި އަހަރުގެ ކުރީކޮޅު މާކް ޒަކަބާގްގެ ފޭސްބުކަށް ވެސް ވަނީ އެ ކުންފުނީގެ 9.99 ޕަސަންޓް ހިއްސާ 5.7 ބިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.

ޖިއޯ އަކީ އިންޑިއާގައި އެންމެ ފުޅާކޮށް މުވާސަލަތީ ހިދުމަތްދޭ އެއް ކުންފުންޏެވެ.