Roadha Mihaaru
އިންޑިއާ ކުންފުންޏަކާ ގުޅިގެން ސަބްމެރިން ކޭބަލް އަޅަނީ

އިންޓަނެޓް އަގުހެޔޮ ކުރުމަށް އިންޑިއާގެ ވަރުގަދަ ކުންފުންޏަކާ އެކު ސަރުކާރުން ސަބްމެރިން ކޭބަލް އަޅަން ސޮއިކޮށްފި

21 ފެބުރުއަރީ 2022

ސަރުކާރުގެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އަޅަން އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރުގެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އަޅަން އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަަސްވުމުގެ ދަށުން އަޅާ ސަބްމެރިން ކޭބަލް ގުޅާލާނީ ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލާ އެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުނި އޯޝަން ކަނެކްޓުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޯޝަން ކަނެކްޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ރިޔާޒް މަންސޫރެވެ. އަދި ޖިއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް މެތިއު އޮމެން އެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުންޏެވެ. އައިއޭއެސް އިން ހިދުމަތަށް ތައްޔާރު ވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

ސަބްމެރިން ކޭބަލް އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވާހަކަދައްކަވަނީ-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ސަބްމެރިން ކޭބަލް އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވާހަކަދައްކަވަނީ-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި އަދިވެސް އިންޓަނެޓުގެ އަގު ބޮޑުކަން ފާހަގަ ކުރެވޭނެ ކަމަށާއި މި ކޭބަލާ އެކު އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެކި ދާއިރާއިން ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކަށް އޮތް ކޮމްޕެޓިޝަނެއް ނޫން ކަމަށެވެ. ރާއްޖޭގައި މިހާރު ތިން ކުންފުންޏަކުން އިންޓަނެޓްގެ ހިދުމަތް ދެ އެވެ.

"މިއީ ޕްރައިވެޓް ކުންފުނިތަކަށް އޮތް ކޮމްޕެޓިޝަނެއް ނޫންކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އަޅުގަނޑުމެން ބޭނުން ވަނީ ޕްރައިވެޓް ސެކްޓާއާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދުނިޔޭގެ ދެ ބިތުގައި ދެ ކަނެކްޝަނެއް ތައާރަފުކުރާނެ އެވެ. އަދި ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަގްރޭޝަންތައް ލިބޭނެ އެވެ. މިއާ އެކު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަަކަށް މި ކޭބަލް ބޭނުންކޮށްގެން މިހާރަށްވުރެ ހަރަދު ކުޑަކޮށް ހިދުމަތް ދެވޭނެ އެވެ.

މި ކޭބަލާ އެކު އިންޓަނެޓް ގަންނަން ކުރާ ހޭދަ ކުޑަވެ، ޑޭޓާ އާއި އިންޓަނެޓަށް ސަރުކާރުން ކުރާ ހަރަދު ދެ ގުނައަށް ކުޑަވާނެ ކަމަށް އޯޝަން ކަނެކްޓުން ލަފާ ކުރެ އެވެ. އަދި މިއާއެކު އިންޓަނެޓުގެ ކެޕޭސިޓީ ވެސް ދެ ގުނައަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ލަފާ ކުރެ އެވެ.