Roadha Mihaaru
ރިލަޔަންސްގެ އޮންލައިން ވިޔަފާރި ރަސްމީކޮށް ފަށައިފި

ރިލަޔަންސްގެ އޮންލައިން ވިޔަފާރި "ޖިއޯ މާޓް" ރަސްމީކޮށް ފަށައިފި

26 މެއި 2020

މި އަހަރުގެ ކުރީކޮޅު އޮންލައިން ވިޔަފާރީގެ ހިދުމަތް ޓެސްޓްކުރުމަށް ފަހު، އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސުން ރަސްމީކޮށް އޮންލައިން ވިޔަފާރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު އޮންލައިން ވިޔަފާރީގެ ހިދުމަތް ޓެސްޓްކުރުމަށް ފަހު، އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސުން ރަސްމީކޮށް އޮންލައިން ވިޔަފާރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

މިކަމަށް ހާއްސަކޮށްގެން އުފެއްދި ކުންފުނި "ޖިއޯ މާޓް" އިން މިހާރު އިންޑިއާގެ 200 އަށް ވުރެ ސަރަހައްދަށް ހިދުމަތް ދޭނެ އެވެ. އެގޮތުން އާންމު ދިރިއުޅުމަށް ބޭނުންވާ މުދާ ކަސްޓަމަރުން އޮންލައިންކޮށް އޯޑަރު ކުރުމުން ޑެލިވަރީކޮށް ދިނުމުގެ ހިދުމަތް ދޭނެ އެވެ. ޑެލިވަރީ ކޮށްދޭ ތަކެތީގެ އަދަދު މިހާރު ވެސް 50،000 އަށް އަރަ އެވެ.

މި ހިދުމަތް އެންމެ ފުރަތަމަ ޓެސްޓްކުރީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީ އާއި އެ ސިޓީއާ ކައިރި ސަރަހައްދުތަކުގަ އެވެ.

"ޖިއޯ މާޓް" ޗީފް އެކްޒެކެޓިވް ދަމޯދާރް މޯލް ވިދާޅުވީ އަމާޒަކީ އެ ކުންފުނީގެ ވިޔަފާރި އިންޑިއާގައި ވީހާ ވެސް ބޮޑަށް ފުޅާކޮށް، އެ ގައުމުގައި މިހާރު އޮންލައިން ވިޔަފާރީގައި ނަގާކިޔާ އެމެރިކާގެ އެމެޒޯނާއި ވޮލްމާޓާއި ފްލިޕްޓްކާޓް ފަދަ ތަންތަން ފަހަތަށް ޖައްސައިލުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ ދިމާކޮށް އިންޑިއާގައި އިއުލާންކޮށްފައި އޮތް ލޮކްޑައުނަށް ލުއިތަކެއް ލިބުމާ އެކު، ޑެލިވަރީގެ ހިދުމަތް މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، މުދަލުގެ ވެރައިޓީ ވެސް އިތުކުރާނެ އެވެ.

ވިޔަފާރި ދިސާރާކުރާ ފަރާތްތަކުން ބުނާގޮތުގައި ރިލަޔަންސުން އޮންލައިން ވިޔަފާރި އަށް މި ނުކުތީ ވަރަށް ރަނގަޅު ދަނޑިވަޅެއްގަ އެވެ. އެއް ކަމަކީ އެ ކުންފުނީގެ 9.99 ޕަސެންޓް ހިއްސާ މާކް ޒަކަބާކްގެ ފޭސްބުކަށް 5.7 ބިލިއަން ޑޮލަރަށް މިދިޔަ މަހު ވިއްކާލައިފައިވުމެވެ.

ފޭސްބުކާ ހެދި އެއްބަސްވުމުގެ ދަށުން އެ ޕްލެޓްފޯމާއި އޭގެ ދަށުން ހިންގާ ވަޓްސްއެޕާއި އިންސްޓަގްރާމް ފަދަ އެއްޗެހީގެ ސަބަބުން ޖިއޯ މާޓްގެ ވިޔަފާރި އަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. ސަބަބަކީ އެ ގައުމަކީ އެ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ ނިސްބަތް ވެސް ބޮޑު ތަނަކަށްވުމެވެ.