Roadha Mihaaru
އަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ "މެޓަ"

ސާވޭއެއްގައި ބުނަނީ އަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ "މެޓަ" ކަމަށް

19 ޑިސެމްބަރ 2021

މިއަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ މިދިޔަ މަހުގެ ތެރޭގައި މެޓަ އަށް ރިބްރޭންޑްކުރި ފޭސްބުކް ކަމަށްް ޔާހޫއިން ފައިނޭންސް ސާވޭއަކުން ދައްކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ މިދިޔަ މަހުގެ ތެރޭގައި މެޓަ އަށް ރިބްރޭންޑްކުރި ފޭސްބުކް ކަމަށްް ޔާހޫއިން ފައިނޭންސް ސާވޭއަކުން ދައްކައިފި އެވެ.

ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވި ހިޔާލު ހޯދުމުގެ ވޯޓް މި މަހުގެ 4 ގައި ނިންމާލިއިރު އޭގައި ބައިވެރިވި 50 ޕަސެންޓަށް ވުރެ ގިނަމީހުން ބުނެފައި ވަނީ މި އަހަރު އެންމެ ކަމުނުދާ ކުންފުންޏަކީ މެޓަ ކަމަށެވެ. އަދި އެގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި ފޭސްބުކާއި އެއާ ގުޅުން ހުރި އެއްޗެހި ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތުތައް ކަށަވަރުކޮށް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރުމާއި އެ ޕްލެޓްފޯމްގައި ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވަން ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނެތުން ހިމެނެ އެވެ.

މި އަހަރުގެ ތެރޭގައި ފޭސްބުކަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައިގެ ތެރޭގައި އެ ބޭނުންކުރާ 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ހިލޭ ލިބޭ ގޮތަށް އިންޓަނެޓްގައި ލީކްވުން ހިމެނެ އެވެ.

މީގެ އިތުރުން އޭގެ ދަށުން ހިންގާ އިންސްޓަގްރާމާ ގުޅުން ހުރި މައްސަލަތައް ވެސް މި އަހަރު ބޮޑެވެ.

އެއާ އެކު މާކް ޒަކަބާގްގެ ކުންފުންޏަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ޕްރެޝަރުތައް ވަރަށް ބޮޑެވެ. ޔާހޫ ފައިނޭންސްގެ ސާވޭގައި ނަތީޖާ ދައްކާ ގޮތުން މި އަހަރު ދެން އެންމެ ކަމުނުދާ ކުންފުންޏަކީ ޗައިނާގެ އަލީބާބާ އެވެ. ތިން ވަނައިގައި އޮތީ އެމެރިކާގެ ޓެލެކޮމް ކުންފުނި އޭޓީ އެންޑް ޓީ އެވެ. އަހަރުގެ އެންމެ ކަމުނުދާ ކުންފުނިތަކުގެ ތެރޭގައި ދެން ހިމެނެނީ އެމެރިކާގެ ނިކޮލޯ ކޯޕަރޭޝަނާއި މަހުޖަނު އީލޮން މަސްކްގެ ޓެސްލާގެ އިތުރުން އެމެރިކާގެ ސިޓަޑެލް ސެކިއުރިޓީސް/ރީޓެއިލް ޓްރޭޑިން ކުންފުނި ރޮބިންހުޑެވެ.