Roadha Mihaaru
އެޕަލް އިން އެމެރިކާގައި އައިފޯނެއް ނުހަދާނެ

އައިފޯނު އުފެއްދުމަކީ އެޕަލް އިން އެމެރިކާގައި ކުރާނެ ކަމެއް ނޫން

31 ޖެނުއަރީ 2019

އެމެރިކާގައި އައިފޯނު އުފައްދަން ޓްރަމްޕް ސަރުކާރުން އެދެ އެވެ. އެއީ އެކަމަކު އެޕަލް އިން ދުވަހަކު ވެސް ކުރާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. ސަބަބުތައް ގިނަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާގައި އައިފޯނު އުފައްދަން ޓްރަމްޕް ސަރުކާރުން އެދެ އެވެ. އެއީ އެކަމަކު އެޕަލް އިން ދުވަހަކު ވެސް ކުރާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. ސަބަބުތައް ގިނަ އެވެ.

އެމެރިކާގައި އައިފޯނު އުފައްދަން ކުރަންޖެހޭ ޚަރަދު، ޗައިނާގައި އުފެއްދުމަށް ވުރެ އެތައް ގުނައެއް އިތުރުވެ އެވެ. ޗައިނާގައި ލިބޭހާ ހެޔޮ އަގުގައި، މަސައްކަތްކުރާނެ މީހުން އެމެރިކާ އަކު ނެތެވެ. އައިފޯނުތައް ގަނޑުކޮށް އުފެއްދުމަށްޓައި، ފެކްޓަރީތައް ބަންދުނުކޮށް، ދަންފަޅި ބަހައިގެން ޗައިނާގައި މަސައްކަތްކުރުވާ ގޮތަށް، އެމެރިކާ މީހުން ލައްވައި މަސައްކަތްކުރުވުމަކީ އެޕަލް އަށް ވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

އެޕަލް ކުންފުނީގައި މަސައްކަތްކުރުވަން އެމެރިކާއިން ހޯދާ މީހުންނަކީ މަސައްކަތު މީހުންނެއް ނޫނެވެ. އެއީ އާ ހޯދުންތައް ހޯދަން ދިރާސާކުރާ އިންޖިނޭރުން، ސައިންސްވެރިން އަދި ފަންނުވެރިންނެވެ. އެހެންކަމުން، ޗައިނާގައި އައިފޯނު އުފެއްދުން ހުއްޓާލައި އެމެރިކާ އަށް ފެކްޓަރީތައް ބަދަލުކުރާ ނަމަ، އެޕަލް އަށް ޖެހޭނީ އެ ފެކްޓަރީތަކުގެ ބޭނުންހިފުމަށްޓަކައި ރޮބޮޓިކްސް އަށް ބަދަލުވާށެވެ.

އެޕަލް އިން ދުވަހަކު ވެސް އެމެރިކާގައި އައިފޯނު ނުއުފައްދާނެކަން ކަށަވަރުވާ އަނެއް ސަބަބަކީ، ޗައިނާ ދޫކޮށް އެހެން ގައުމުތަކަށް ފެކްޓަރީތައް ބަދަލުކުރަން އެ ކުންފުނިން ވިސްނާ ވިސްނުމުގައި ހުރި ފަރަގެވެ. އެ ގޮތުގައި، އަމާޒުހިފިދާނެ ކަމަށް ލަފާކުރާ ދެ ގައުމަކީ ވިއެޓްނާމް އަދި އިންޑިޔާ އެވެ. އެމެރިކާގެ ނަމެއް ނެތެވެ.

ޗައިނާ ނޫން ގައުމަކަށް ފެކްޓަރީތައް ބަދަލުކޮށް އަލުން ބަލުން އައިފޯނު އުފައްދަން ފަށައިގަތުމަކީ ދުނިޔެ އަށް އަލުން އުފަންވުން ކަހަލަ ކަމެއް ކަމަށް އެޕަލް އިން ސިފަކުރެ އެވެ. އެ މަސައްކަތްތައް ކޮޅެއްގައި ޖެހެން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެހެންކަމުން، ޗައިނާ ދޫކޮށް ފެކްޓަރިތައް ގޮވައިގެން އެހެން ގައުމަކަށް ބަދަލުވުމަކީ ވޭންގަދަ ކަމަކަށް އެޕަލް އަށް ވާނެ އެވެ.