Roadha Mihaaru
އައިފޯން 7 ރާއްޖޭގައި ނެރެފި، ކިއޫ ވެސް ދަމާލައިފި

އައިފޯން 7 ރާއްޖޭގައި ނެރެފި، ފޯން ގަންނަން ކިއޫ ދަމާލައިފި

22 ސެޕްޓެމްބަރ 2016

އެޕަލް ކުންފުނީގެ އައިފޯން 7 މިއަދު ހެނދުނު ރާއްޖޭގައި ނެރުނުއިރު، ފޯން ގަންނަން ގިނަ އަދަދެއްގެ މީހުން ކިޔޫ ޖެހިއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް އަދި މަރިޔަމް ސާލިޔާ

އެޕަލް ކުންފުނީގެ އައިފޯން 7 މިއަދު ހެނދުނު ރާއްޖޭގައި ނެރުނުއިރު، ފޯން ގަންނަން ގިނަ އަދަދެއްގެ މީހުން ކިޔޫ ޖެހިއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީކޮށް އައިފޯން 7 އަދި 7 ޕްލަސް ނެރުނީ އުރީދޫންނެވެ. އުރީދޫން މިއަދު ހެނދުނު 9:00 ގައި އައިފޯން ނެރުނު އިރު، ގަލޮޅު ބިއްލޫރިގެ ކުރިމަތިން ހުންނަ އެ ކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރު ކުރިމަތީގައި ވަރަށް ބޮޑު ކިޔޫއެއް ހަދާފައި އެބަ އޮތެވެ. ބައެއް މީހުން ފަތިހު 3:00 އިން ފެށިގެން ކިއޫ އަށް އަރައި ތިއްބެވެ.

އުރީދޫން އައިފޯން ނެރުނަސް، ވިއްކަން ފަށާނީ އަދި އިރުކޮޅަކުންނެވެ.

އުރީދޫން އައިފޯން 7 ވިއްކަނީ 32 ޖީބީގެ ފޯން 13،899ރ. އަށް، 128 ޖީބީގެ ފޯން 15،899ރ. އަށް އަދި 256 ޖީބީގެ ފޯން 17،899ރ. އަށެވެ. ޕްލަސްގެ 32 ޖީބީގެ ފޯން 16،399ރ. އަށް ވިއްކާއިރު، 128 ޖީބީގެ ފޯން 18،399ރ. އަށް އަދި 256 ޖީބީގެ ފޯން 20،499ރ. އަށް ވިއްކަން ވަނީ ނިންމާފަ އެވެ.

މިފަހަރު ވެސް ދެ ގޮތަކަށް އައިފޯން 7 ގަނެވޭ ގޮތަށް އުރީދޫން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން، ފޯންގެ އަގު އެއްފަހަރާ ދެއްކުމުގެ އިތުރަށް، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް އެއް އަހަރުގެ މުއްދަތަށް ބަހާލައިގެން ވެސް ގަނެވޭނެ އެވެ.

އުރީދޫން އައިފޯނު 7 މިއަދު ބާޒާރަށް ނެރުމަށް ފަހު، ވިއްކި ފުރަތަމަ ފޯނު، ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އުރީދޫން އައިފޯނު 7 މިއަދު ބާޒާރަށް ނެރުމަށް ފަހު، ވިއްކި ފުރަތަމަ ފޯނު، ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯން ނަގަން، 2،999ރ.ގެ ޑިޕޮސިޓެއް ދައްކަން ޖެހެ އެވެ. އޭގެ ފަހުން ކޮންމެ މަހަކު ދައްކަން ޖެހެނީ އެކި މޮޑްލްތަކަށް އެކި ވަރެވެ. އެގޮތުން، އައިފޯން 7 ގެ 32 ޖީބީގެ ފޯނަށް މަހަކު 899ރ. 128 ޖީބީގެ ފޯނަށް މަހަކު 1،099ރ. އަދި 256 ޖީބީގެ ފޯނަށް 1،249ރ. ދެއްކޭނެ އެވެ. ޕްލަސްގެ ފޯން އިންސްޓޯލްމަންޓަށް ނެގެނީ 32 ޖީބީ އަށް މަހަކު 1،099ރ.، 128 ޖީބީ އަށް މަހަކު 1،299ރ. އަދި 256 ޖީބީ އަށް މަހަކު 1،449ރ. ދައްކާ ގޮތަށެވެ.

އުރީދޫން މިއަދު ބާޒާރަށް ނެރުނު އައިފޯނު 7، އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ދައްކާލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އުރީދޫން މިއަދު ބާޒާރަށް ނެރުނު އައިފޯނު 7، އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު ދައްކާލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭ ދިރާގުން ވެސް އައިފޯން 7 ވިއްކަން ފަށަން ވަނީ ނިންމާފައިވެ އެވެ. އެ ކުންފުނިން މިދިޔަ ހަފުތާގައި ޕްރީ އޯޑަރު ނަގަން ފެށުމާ އެކު، ފުރަތަމަ ވިއްކަން ކަނޑައެޅި އަދަދު ހުސްވުމާ އެކު އޯޑަރު ނެގުން ވަނީ ހުއްޓާލައިފަ އެވެ.

ރާއްޖެ އަށް އައިފޯން ސަޕްލައިކުރަނީ އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓަރު އަދި ސްޓޮކިސްޓް ސޮފްޓްޓަޗް މޯލްޑިވްސްއިންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އައިފޯން 7 އަދި 7 ޕްލަސްގެ ޑިމާންޑް އެތައް ގުނައެއް ބޮޑުވެ، ރާއްޖޭގައި ވިއްކަން ގެންނަ ސްޓޮކް ކުރިއަށް ވުރެ 120 ޕަސެންޓް ވަނީ އިތުރުކޮށްފަ އެވެ.

އުރީދޫން އައިފޯން 7 ނެރުނުއިރު، ފޯން ގަންނަން މީހުން މިއަދު ކިޔޫގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫން އައިފޯން 7 ނެރުނުއިރު، ފޯން ގަންނަން މީހުން މިއަދު ކިޔޫގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޕަލް އިން ވަނީ އައިފޯން 7 އާއި 7 ޕްލަސްގައި އާ ކަންތައްތަކެއް ހިމަނާފައި އެވެ. އެގޮތުން، ޕްލަސްގައި ދެ ލެންސު ހިމެނޭ ކެމެރާއެއް ހަރުކޮށްފައިވާ އިރު ސްޓީރިއޯ ސައުންޑް ސިސްޓަމާއި ވަޔަލެސްކޮށް ހެޑްފޯނު ގުޅާލެވެ އެވެ. އަދި މި ފޯނުތަކަކީ ފެން ނުވަންނަ ގޮތަށް ތައްޔާރު ކޮށްފައިވާ ފޯނުތަކެކެވެ. ކުރިއަށް ވުރެ ބޮޑު ބެޓެރިއެއް އަޅުވާފައިވާ މި ފޯނު ވަނީ މިހާރު ބާޒާރުގައި ހުރި އައިފޯނަށް ވުރެ 25 ޕަސެންޓު އަލިގަދަ ވެސް ކޮށްފަ އެވެ.