Roadha Mihaaru
ރިލްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފެއް ނުކުރޭ

ރިލްވާން ގެއްލުވާލި މައްސަލަ ޕީޖީން އިސްތިއުނާފެއް ނުކުރޭ

08 އޯގަސްޓް 2019

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވުމުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންފައި ވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވި ނަމަވެސް އެގޮތަށް އަމަލުކުރައްވާފައި ނުވާކަން ހާމަވެއްޖެ އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވުމުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންފައި ވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވި ނަމަވެސް އެގޮތަށް އަމަލުކުރައްވާފައި ނުވާކަން ހާމަވެއްޖެ އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގައި، ރިލްވާން ގެއްލުވާލި މައްސަލައިގެ ހުކުމް އިސްތިއުނާފުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެ، އެކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގަތެވެ. ޖަވާބުގައި ބިޝާމް ވިދާޅުވީ އިސްތިއުފާނު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

"އެ މައްސަލައިގަ އަޅުގަނޑުމެން ވާނީ މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދިފަ. އެހެންވިޔަސް އެ މައްސަލަ އަކީ މިހާރު މަރުގެ ކޮމިޝަނުން، ޕްރެޒިޑެންޝަލް ކޮމިޝަނުން ވެސް ބައްލަވުމުން ގެންދަވާ މައްސަލައަކަށް ވާތީވެ އެއާ ގުޅިގެން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް ތަފާތުވެދާނެ ކަމަށްޓަކައި، ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ބިޝާމް ވިދާޅުވި އެވެ.

ނަމަވެސް ހުކުމް އިސްތިއުނާފުކޮށްފައި ވޭތޯ ބެލުމަށް ރިލްވާންގެ އާއިލާގެ ފަރާތުން އިއްޔެ ހައި ކޯޓަށް ފޮނުވި ސިޓީގެ ޖަވާބު މިއަދު ދީފައި ވާއިރު އޭގައި ބުނެފައި ވަނީ އެ މައްސަލަ "އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދި" ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

މިއަދަކީ ރިލްވާން ގެއްލުނުތާ ފަސް އަހަރު ފުރުނު ދުވަހެވެ.

ހުކުމް އިސްތިއުނާފުކުރާނެ ކަމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޕީޖީން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވަނީ ދެއްވައިފަ އެވެ. އޭގެ ފަހުން ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ފާހަގަވެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ގެންގޮސްގެންނެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. ކުށް ސާބިތުވި ނަމަ އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.