22 ޖުލައި 2019
މަސައްކަތް ކުރަމުން އައީ އެއްވެސް ނުފޫޒެއް ނެތި ކަމަށާއި ދައުވާ ކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސައްކަތް ކުރަމުން އައީ އެއްވެސް ނުފޫޒެއް ނެތި ކަމަށާއި ދައުވާ ކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ޕީޖީ ބިޝާމް މިއަދު ހާޒިރުކޮށް، ކޮމެޓީގެ މެމްބަރުން އަމާޒު ކުރެއްވި ސުވާލުތައް ބޮޑަށް އަމާޒު ކުރެއްވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ޕީޖީ އިން ދައުވާކުރި ސަބަބުތަކާ ބެހޭގޮތުންނެވެ. އެގޮތުން ދައުވާ ކުރުމުގައި އެއްވެސް ނުފޫޒެއް އޮތްތޯ އާއި ކޯޓުތަކުގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް އެކި ގޮތަށް ބަދަލުވާ މައްސަލާގަ އެވެ. އަދި ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް ފަހު ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ގެނެސްފައިވާ ކަން ވެސް މެމްބަރުން ފާހަގަ ކުރެއްވި އެވެ.
ބިޝާމް ވިދާޅުވީ އޭނާގެ މައްޗަށް ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ނުފޫޒެއް އެއްވެސް އިރަކު ނެތް ކަމަށާއި ދައުވާ ކުރަމުން އައީ އޮންނަ އުސޫލުތަކުގެ ތެރެއިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ. އަދި މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުވާ ނަމަ އަދި އެކަން ވެސް ކޮށްފައިވާނީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށް ބިޝާމް ވިދާޅުވި އެވެ. އެފަދަ އެއްވެސް އިރުޝާދެއް އެއްވެސް މީހަކަށް ދީފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް ޕްރޮސެކިއުޓަރަކަށް ދަންނަވާފައެއް ނޯންނާނެ މިވެނި ދައުވާއެއް މިވެނި ބޭފުޅެއްގެ މައްޗަށް ކުރާށެކޭ. އަޅުގަނޑުމެންގެ ތެރޭގައި ޕްރޮސެކިއުޓަރުންގެ ޓީމުތައް ވެސް ބައެއް މައްސަލަތަކަށް، ބޮޑެތި މައްސަލަތަކަށް އައްޔަން ކުރެވިގެންދޭ. މައްސަލަތައް ދިރާސާ ކުރުމަށް ފަހު މަޝްވަރާގެ ތެރެއިން ކުރެވެން ހުރި ދައުވާތައް ކޮށްފައި ހުންނާނީ." ބިޝާމް ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސުވާލު ކުރެއްވީ އެއްވެސް ނުފޫޒެއް ނެތް ނަމަ، އުވިދިޔަ މަޖިލީހުގެ އިދިކޮޅު 12 މެމްބަރަކު އޭރު މަޖިލީހަށް ވަތް މައްސަލާގައި އެ މެމްބަރުންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކީއްވެގެންތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އެއްވެސް ދައުވާއެއް ކުރުމަށް ރައީސް އޮފީހަށް ވަޑައިގެން، މަޝްވަރާ ކުރައްވާފައިވާނެތޯ ވެސް އަލީ ހުސައިން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ބިޝާމް ވިދާޅުވީ 12 މެމްބަރުންގެ މައްޗަށް ދައުވާކުރީ އޭގެ ތެރެއިން ތިން މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޭރު އޮތުމުން އެކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އެކަމަކު ފަހުން އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ދައުވާތައް އަނބުރާ ގެނައީ ކަމަށް ބިޝާމް ވިދާޅުވި އެވެ. އަދި ރައީސް އޮފީހަށް ވަޑައިގަންނަވާ ހަމައެކަނި ބޭނުމަކީ ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސް އޮފީހަށް ގެންގޮސްފައި، މިވެނި ގޮތަކަށޭ ތި ދައުވާ ކުރަންވީ ނުވަތަ މިއޭ ދައުވާ އޮންނަންވީ ގޮތަކީ، އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އެކަހަލަ އެއްވެސް ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން ތި ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް އަރުވަން." ބިޝާމް ވިދާޅުވި އެވެ.
ބިޝާމް -- މިހާރު ފޮޓޯ/ހުސައިން ވަހީދު
ބިޝާމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ފުލުހުން ދައުވާ ކުރަން އެދުނު އެތައް މައްސަލައެއްގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައި ހުންނާނެ ކަމަށާއި އަދި މަޖިލިސް މެމްބަރުން ހައްޔަރު ކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމަށް ފުލުހުން ހުށަހެޅި ބައެއް މައްސަލަތަކުގައި ވެސް އެކަމަށް ދެކޮޅު ހަދާފައިވާނެ ކަމަށެވެ. އަދި ފުލުހުން ތަހުގީގު މަރުހަލާގައި ގޯސްތަކެއް ހަދާފައިވާ ނަމަ، އެކަމަށް ފިޔަވަޅު އަޅަން ލިޔުމުން އަންގާފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ޖޫނިއާ ލެވެލްގެ އިންވެސްޓިގޭޓަރުން ވެސް އެބަހުރި އަޅުގަނޑަށް އެޑްރެސްކޮށް ސިޓީ ފޮނުވާފައި. މިވެނި ސަބަބަކަށްޓަކައި މިވެނި މެމްބަރަކު ހައްޔަރު ކުރުމުގެ އަމުރެއް ނެރެދޭށޭ. އެ އަމުރުތަކެއް ނުހުންނާނެ ނެރެދީފައެއް. ބަންދުގެ އަމުރު ހޯދަން ފުލުހުން ވަރަށް ގިނަ ފަހަރު މަސައްކަތް ކުރެއްވިޔަސް، އެއިން ކޮންމެ ފަހަރެއްގައި އަޅުގަނޑުމެންނަށް އޭގައި ގޯސްތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އެ އަމުރު ނެރެދީފައި ނުހުންނާނެ." ބިޝާމް ވިދާޅުވި އެވެ.
މަޖިލީހުގެ ކުރީގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރަން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ދައުރުގައި ނިންމާފައި ވަނިކޮށް ބިޝާމްގެ ދައުރުގައި އިބްރާހިމް ދީދީގެ މައްޗަށް އަނެއްކާވެސް އެ ދައުވާ ކުރީ ކީއްވެގެންތޯ މެމްބަރަކު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ބިޝާމް ވިދާޅުވީ އޭނާ މަގާމާ ހަވާލުވިއިރު ބޮޑެތި މައްސަލަތަކެއްގައި ސަބަބެއް ނެތި ދައުވާ ނުކުރަން ނިންމާފައި ހުރި ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އަލުން ޝަރީއަތަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންހުރި މައްސަލަތައް އެއްވެސް ސަބަބެއް ނެތި އަނބުރާ ގެނެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ އަލުން އަނެއްކާ އެހެން ހުރި މައްސަލަތަކުގައި ވީނުވީ ނޭނގި ހުރީމަ އަޅުގަނޑު ހުންނާނެ އަލުން އަނެއްކާ ޝަރީއަތަށް މައްސަލަތައް ހުށަހަޅާފައި." ބިޝާމް ވިދާޅުވި އެވެ.
މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އިލްހާމް މިދިޔަ އަހަރު ފުލުހުން ހޯދައި، ނުފެނުމުން އޭނާގެ އަނބިކަނބަލުން ފުލުސް އޮފީހަށް ހާޒިރުކޮށް، ރަހީނުކުރި ކަމަށް ބުނާ މައްސަލާގައި އެއްވެސް ފިޔަވަޅެއް އެޅުއްވިންތޯ މެމްބަރަކު ސުވާލު ކުރެއްވުމުން ބިޝާމް ވިދާޅުވީ އެކަމުގެ މައުލޫމާތު ލިބިވަޑައިގަތީ އެކަން ހިނގިތާ ދުވަސްތަކެއް ފަހުން ކަމަށެވެ. އެކަމަކު އިލްހާމްގެ މައްސަލާގައި ޕީޖީ އޮފީހާއި ފުލުހުންނާ ދެމެދު ހިނގި މަޝްވަރާތަކުގައި އެކަމާ ބެހޭގޮތުން ޕީޖީ އޮފީހުން ސުވާލުކުރި ކަމަށް ބިޝާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭރު ސުވާލު ކުރިން ފުލުހުންނާ އޭރު. ކުރިއިރު ފުލުހުން އެއަކަށް ސީދާ ޖަވާބެއް އަޅުގަނޑުމެންނަކަށް ނުދެއްވާ." ބިޝާމް ވިދާޅުވި އެވެ.
ފުލުހުން ޖަވާބު ނުދިނުމުން އެކަމަށް އިތުރު ފިޔަވަޅެއް ނޭޅީ ކީއްގެންތޯ މެމްބަރަކު ސުވާލު ކުރެއްވުމުން ބިޝާމް ވިދާޅުވީ އެ މައުލޫމާތު އޭރު ޕީޖީ އޮފީހަށް ލިބުނީ ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން ކަމަށާއި އެ މަރުހަލާގައި އޭނާ ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައްސަލާގައި މިހާތަނަށް ފިޔަވަޅެއް އަޅާފައި ނޯންނާނެ ކަމަށް ބިޝާމް އެއްބަސްވެވަޑައިގަތެވެ.
ޕީޖީ އޮފީހުގެ ވަކީލަކު ވަޒީފާއިން ވަކިކުރީ ވުޖޫދުގައި ނެތް އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ނިންމާފައިވާތީ އެކަމާ ބެހޭގޮތުން ވެސް މެމްބަރުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ބިޝާމް ވިދާޅުވީ އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާނެ ކަމަށާއި އެކަމަކު އާންމުކޮށް ހުޅުވާލައިގެން ގެންދާ ކޮމެޓީއެއްގައި އެ މައްސަލާގެ ތަފްސީލުތައް ހާމަކުރަން އޭނާ ދެކޮޅު ހެއްދެވި އެވެ.
"މިހެން އޯޕަންކޮށް، ލައިވް ޓީވީގައި މި ވާހަކަ ދައްކަން އުޒުވެރިވާ ވާހަކަ އަޅުގަނޑު ދަންނަވަން." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ބައިތިއްބާ މައްސަލަ އާއި އެހެން ބައެއް މައްސަލަތަކުގައި ވެސް ޕީޖީން އަމަލުކުރި ގޮތާ ބެހޭގޮތުން މެމްބަރުން ސުވާލުތައް އަމާޒު ކުރެއްވި އެވެ.
ޝަމީމްގެ ނަން ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި
ބިޝާމް ވަކިކުރުމުގެ މައްސަލަ އަށް ހުއްދަ ދީފި
ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި
ޕީޖީ ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ބާތިލްކޮށްފި
ރިލްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފެއް ނުކުރޭ
ބިޝާމް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް
ޕީޖީއަށް އައްބާސް އައްޔަންކުރަން ކޮމެޓީން ރުހުންދީފި
އަޅުގަނޑަކީ ނުފޫޒަކަށް ލެނބޭނެ މީހެއް ނޫން: އައްބާސް
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި