Roadha Mihaaru

ރެނެސް އަތުން ބަދަލުހިފައި ޕީއެސްޖީ އަށް ރެކޯޑެއް

ޝެންޒެން، ޗައިނާ (އޮގަސްޓް 4) - ފްރާންސްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޓްރޮފީ ޑީ ޗެމްޕިއަންސް މެޗުން 2-0 އިން ރޭ ރެނެސް ބަލިކޮށް މިދިޔަ އޭޕްރީލް މަހު ފްރެންޗް ކަޕް ފައިނަލުގައި އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ޕީއެސްޖީ އިން ހިފައިފި އެވެ.

ރެނެސް އަތުން ބަދަލުހިފައި ޕީއެސްޖީ އަށް ރެކޯޑެއް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

04 އޯގަސްޓް 2019

ޝެންޒެން، ޗައިނާ (އޮގަސްޓް 4) - ފްރާންސްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޓްރޮފީ ޑީ ޗެމްޕިއަންސް މެޗުން 2-0 އިން ރޭ ރެނެސް ބަލިކޮށް މިދިޔަ އޭޕްރީލް މަހު ފްރެންޗް ކަޕް ފައިނަލުގައި އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ޕީއެސްޖީ އިން ހިފައިފި އެވެ.

މި ކާމިޔާބީއާ އެކު ޕީއެސްޖީން ވަނީ ފްރާންސްގެ ސީޒަން ހުޅުވާ މެޗު ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ކާމިޔާބުކޮށް ރެކޯޑެއް ގާއިމްކޮށްފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 2002 އިން 2007 އަށް ޖެހިޖެހިގެން ހަ ފަހަރަށް ކާމިޔާބުކުރި ލިޔޯން އަތުގަ އެވެ.

ރެނެސް އިން ފްރެންޗް ކަޕް ކާމިޔާބުކުރީ އޭޕްރީލް މަހުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިންނެވެ. ރޭ ޗައިނާގެ ޝެންޒެންގައި ކުޅުނު މެޗުގައި ވެސް ފުރަތަމަ ލަނޑު ޖެހީ ރެނެސް އިންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި ރެނެސްގެ މި ގޯލު ޖެހީ ބެންޖަމީން ބޯޖިއޯޑް ނެގި ހުރަހަކުން އޭޑްރިއަން ހޯނޭއު އެވެ.

ޕީއެސްޖީން ނަތީޖާ އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ނޭމާ ނުލައި ކުޅުނު ޕީއެސްޖީ އަށް މެޗުގެ 57 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ކީލިއަން އެމްބާޕޭ އެވެ. އޭނާ މި ލަނޑު ޖެހީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީއާ ގުޅުނު ސްޕެއިނުގެ ވިންގާ ޕަބްލޯ ސަރާބިއާ ދިން ބޯޅައަކުންނެވެ.

މެޗުން މޮޅުވާން ޕީއެސްޖީން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 73 ވަނަ މިނިޓްގަ އެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ޖެހީ އާޖެންޓީނާގެ މިޑްފީލްޑަރު އެންހެލް ޑި މާރި އެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ޕްރީ ސީޒަނުގައި ދިގު ދަތުރުތަކެއް ކުރަން ޖެހުމުން ކުޅުންތެރިންނަށް ވަރުބަލިވުމުުގެ މައްސަލަތަކެއް ދިމާވި ކަމަށާއި އެހެން ނަމަވެސް ރެނެސް އިން ގޯލު ޖެހުމާ އެކު މޮޅުވާން ޕީއެސްޖީން ކުރި މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށެވެ.

"އަހަރެމެން މި ސީޒަނުގައި މަސައްކަތްކުރަންޖެހޭކަން މި މެޗުން ފެނިއްޖެ. ކޮންމެ ޓީމެއް ބޭނުންވާނެ ޕީއެސްޖީ ބަލިކުރަން. އަހަރެމެން ޖެހޭނެ އެކަމަށް ރަނގަޅަށް ވިސްނައިގެން ކުޅެން،" ކުރިން ޑޯޓްމަންޑަށް ކޯޗު ޓުޗެލް ބުންޏެވެ.

ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައިވާ ބްރެޒިލްގެ ތަރި ނޭމާ ވަނީ ރޭ ޕީއެސްޖީގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅުކުރުންތަކުގައި ބައިވެރިވެފަ އެވެ.