Roadha Mihaaru

ޕީއެސްޖީން ސީޒަނުގެ ތިން ވަނަ ތަށި ހޯދައިފި

ޕެރިސް (މެއި 9) - ފްރެންޗް ކަޕް ފައިނަލުގައި ތިން ވަނަަ ޑިވިޝަނުގެ ލެސް ހާބިއޭސް އަތުން 2-0 އިން މޮޅުވެ ޕީއެސްޖީ ސީޒަނުގެ ތިން ވަނަ ތަށި ހޯދައިފި އެވެ.

ޕީއެސްޖީން ސީޒަނުގެ ތިން ވަނަ ތަށި ހޯދައިފި
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

09 މެއި 2018

ޕެރިސް (މެއި 9) - ފްރެންޗް ކަޕް ފައިނަލުގައި ތިން ވަނަަ ޑިވިޝަނުގެ ލެސް ހާބިއޭސް އަތުން 2-0 އިން މޮޅުވެ ޕީއެސްޖީ ސީޒަނުގެ ތިން ވަނަ ތަށި ހޯދައިފި އެވެ.

ޕީއެސްޖީން ވަނީ މި ސީޒަނުގައި ދެން ކާމިޔާބުކުރީ ފްރެންޗް ލީގާއި ފްރެންޗް ލީގު ކަޕެވެ. މި ސީޒަނުގައި އެ ޓީމުގެ އެންމެ ބޮޑު ނާކާމިޔާބީ އަކީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ހިސާބަކަށް ނުދެވުމެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޕީއެސްޖީ ކެޓީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުންނެވެ.

ތިން ވަނަ ޑިވިޝަނުގެ ލެސް ހާބިއޭސް މުބާރާތުގެ ފައިނަލަށް ދަތުުރުކުރިއިރު އެ ޓީމުން މުޅިން ކުޅެން ޖެހުނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކާ ދެކޮޅަށެވެ. ލެސް ހާބިއޭސް ފްރެންޗް ކަޕްގެ ފުރަތަމަ މެޗު ކުޅުނީ 217 ސަޕޯޓަރުން ކުރިމަތީގަ އެވެ. ރޭގެ ފައިނަލް ފްރާންސްގެ އެންމެ ބޮޑު އެއް ސްޓޭޑިއަމް ކަމަށްވާ ސްޓޭޑް ޑީ ފްރާންސްގައި ކުޅުނުއިރު، މެޗު ބަލަން 73،772 ސަޕޯޓަރުން ދަނޑަށް ވަނެވެ.

ރޭގެ މެޗުގައި ލެސް ހާބިއޭސް ރަނގަޅަށް ފެށި ނަމަވެސް ޕީއެސްޖީގެ ހުނަރުވެރި ކުޅުންތެރިން ކައިރީގައި ބޭނުންވާ ތަފާތެއް ނުދެއްކުނެވެ.

ޕީއެސްޖީ އަށް މެޗުގެ 26 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އާޖެންޓީނާގެ ޖިއޮވާނީ ލޮ ސެލްސޯ އެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހަން ޕީއެސްޖީ އަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އެޑިސަން ކަވާނީ އެވެ. މި މެޗުގައި ކަވާނީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ.

ފްރާންސްގެ ކަޕް މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު 42 މެޗުގައި ޕީއެސްޖީ ބަލިވެފައެއް ނުވެ އެވެ. އެ ޓީމު އެންމެ ފަހުން ފްރާންސްގެ ކަޕް މެޗެއްގައި ބަލިވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ މި ސީޒަނުގައި ތިން ތަށި ހޯދުމަކީ ކާމިޔާބެއް ކަމަށާއި އޭނާ ދެކޭ ގޮތުގައި މިއީ ކާމިޔާބު ސީޒަނެއް ކަމަށެވެ. މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީއާ އެކު އެމެރީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އޭނާ އެ ޓީމުން އަންނަ ސީޒަނުގައި ނުފެންނާނެ އެވެ.