Roadha Mihaaru

ސަންޗޭޒްގެ އެހީއާއެކު މާސޭ އިން ފްރެންޗް ކަޕުން ޕީއެސްޖީ ކަޓުވާލައިފި

މާސޭ (ފެބްރުއަރީ 9) - އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޗިލީގެ ސްޓްރައިކަރު އެލެކްސިސް ސަންޗޭޒްގެ އެހީއާ އެކު މާސޭ އިން 2-1 އިން ޕީއެސްޖީ ބަލިކޮށް ފްރެންޗް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސަންޗޭޒްގެ އެހީއާ އެކު މާސޭ އިން ޕީއެސްޖީ ކަޓުވާލައިފި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

09 ފެބުރުއަރީ 2023

މާސޭ (ފެބްރުއަރީ 9) - އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޗިލީގެ ސްޓްރައިކަރު އެލެކްސިސް ސަންޗޭޒްގެ އެހީއާ އެކު މާސޭ އިން 2-1 އިން ޕީއެސްޖީ ބަލިކޮށް ފްރެންޗް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗުގެ 31 ވަނަ މިނިޓުގައި މާސޭ އަށް ލީޑު ނަގައިދިނީ ސަންޗޭޒް ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލުންނެވެ. މިއީ ކުރިން ލެސްޓާ ސިޓީ އަށް ކުޅުނު ސެންޒިޒް އުންޑާ އަށް، ސާޖިއޯ ރާމޯސް ފައުލް ކުރުމުން ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭމާ ނަގައިދިން ކޯނަރަކުން ރާމޯސް ޕީއެސްޖީ އަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، 57 ވަނަ މިނިޓުގައި މާސޭ މޮޅުވި ލަނޑު ޖަހައިދިނީ މިދިޔަ މަހު އެޓީމަށް ލޯނު އުސޫލުން ގެނައި މިޑްފީލްޑަރު ރުސްލާން މަލިނޯވްސްކީ އެވެ. އޭނާ މި ލަނޑު ޖެހީ ސަންޗޭޒްގެ ހަމަލާއެއް ޕީއެސްޖީ ޑިފެންޑަރުން ގައިގައި ޖެހިފައި ބްލޮކް ވެގެން އައި ވަގުތު އެވެ.

މެސީ އާއި ނޭމާ ޕީއެސްޖީ އަށް ގޯލެއް ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުވި އެވެ. ފުރަތަމަ ހާފުގައި ނޭމާ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް ވެސް އަމާޒު ވިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަތުގައި ރާމޯސް ޕީއެސްޖީ އަށް އެއްވަރު ކޮށްދޭން ދެވަނަ ލަނޑެއް ޖެހި ނަމަވެސް އޭނާ ހުރީ އޮފްސައިޑް މަގާމެއްގަ އެވެ. އަދި އެއަށް ފަހު ލިބުނު ފުރުސަތުގައި ރާމޯސް ފޮނުވާލި ބޯޅަ މާސޭގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

މިދިޔަ ސީޒަން ގައި ވެސް ފްރެންޗް ކަޕުން ޕީއެސްޖީ ކެޓީ ކުއާޓާ އަށް ނުގޮސް ގަދަ 16 އާ ހަމައިންނެވެ. ނަމަވެސް އޭގެ ކުރީ ހަތް ސީޒަން ގައި ވެސް ޕީއެސްޖީން ވަނީ ފައިނަލް ގައި ކުޅެ، ހަ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. ޕީއެސްޖީ ވަނީ ޖުމްލަ 14 ފަހަރު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ކަޕް ޗެމްޕިއަން ނަންޓްސް ވަނީ ރޭ ޕެނަލްޓީ ޖަހައިގެން އޯޖާސް ބަލިކޮށް ކުއާޓާގެ ޖާގަ ހޯދައިފަ އެވެ. އަދި ލިޔޯން ވެސް ކުއާޓާ އިން ޖާގަ ހޯދީ ޕެނަލްޓީ ގައި ލިލް ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މާސޭ އެންމެ ފަހުން ފްރެންޗް ކަޕް ހޯދީ 1989 ވަނަ އަހަރު އެވެ. ނަމަވެސް އެއީ ޕީއެސްޖީ އަށް ފަހު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ 10 ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ފްރާންސް ލީގުގައި މާސޭ އޮތީ އެއްވަނައިގައި އޮތް ޕީއެސްޖީ އާ އަށް ޕޮއިންޓް ފަހަތުން، ތާވަލްގެ ދެވަނައިގަ އެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު ލީގު މެޗުން މާސޭ 1-0 އިން ބަލި ވެފައި ވާއިރު، މާސޭގެ ދަނޑުގައި މި ދެ ޓީމު މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ބައްދަލު ކުރާނެ އެވެ.