Roadha Mihaaru

އެމްބާޕޭގެ ފަސް ގޯލާ އެކު ޕީއެސްޖީ ގަދަ 16 އަށް

ލެންސް (ޖެނުއަރީ 24) - ފްރާންސްގެ ހަ ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޕޭސް ޑި ކަސޭލް ކޮޅަށް ކީލިއަން އެމްބާޕޭ ކާމިޔާބު ކުރި ފަސް ގޯލާ އެކު 7-0 އިން މޮޅުވެ، ފްރެންޗް ކަޕްގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރު ކޮށްފި އެވެ.

އެމްބާޕޭގެ ފަސް ގޯލާ އެކު ޕީއެސްޖީ ގަދަ 16 އަށް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

24 ޖެނުއަރީ 2023

ލެންސް (ޖެނުއަރީ 24) - ފްރާންސްގެ ހަ ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޕޭސް ޑި ކަސޭލް ކޮޅަށް ކީލިއަން އެމްބާޕޭ ކާމިޔާބު ކުރި ފަސް ގޯލާ އެކު 7-0 އިން މޮޅުވެ، ފްރެންޗް ކަޕްގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރު ކޮށްފި އެވެ.

ރޭގެ މެޗުގައި ލިއޮނެލް މެސީ ކުޅެފައި ނުވި ނަމަވެސް އެމްބާޕޭ އާއި ނޭމާ ވަނީ ފުލްކޮށް ކުޅެފަ އެވެ.

ޕޭސް ޑި ކަސޭލް އަށް ޕީއެސްޖީ ހިފަހައްޓާލެވުނީ 29 ވަނަ މިނިޓާ ހަމައަށެވެ. އެމްބާޕޭ ޕީއެސްޖީގެ ފުރަތަމަ ގޯލު ޖަހައިދިން އިރު، އޭގެ ހަތަރު މިނިޓު ފަހުން ދެވަނަ ގޯލު ޖަހައިދިނީ ނޭމާ އެވެ. އަދި އެމްބާޕޭ ވަނީ އިތުރު ދެ ގޯލު ޖަހައި ފުރަތަމަ ހާފުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި އެމްބާޕޭގެ ދެ ގޯލުގެ އިތުރުން އެޓީމަށް ލަނޑު ޖަހައިދިނީ ކާލޯސް ސޮލާ އެވެ.

މިއީ ޕީއެސްޖީގެ ތާރީހުގައި އެޓީމު ކުޅުނު މެޗެއްގައި އެއް ކުޅުންތެރިއަކު ފަސް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

އެމްބާޕޭގެ ފަސް ގޯލާ އެކު އޭނާ ވަނީ މި ސީޒަން ގައި މިހާތަނަށް ކުޅުނު 24 މެޗުން 25 ގޯލު ކާމިޔާބު ކޮށްފަ އެވެ. ނޭމާ 16 ގޯލު ޖަހައިފައި ވާއިރު މެސީ ވަނީ މިހާތަނަށް 13 ގޯލު ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16 ގައި ޕީއެސްޖީ ވާދަކުރަން ޖެހޭނީ މާސޭއާ ދެކޮޅަށެވެ.