Roadha Mihaaru

ޕީއެސްޖީން ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި

ޕެރިސް (ޖުލައި 25) - ސެއިން އެޓިއެންގެ މައްޗަށް 1-0 އިން ކުރި ހޯދައި ޕީއެސްޖީން 13 ވަނަ ފަހަރަށް ފްރެންޗް ކަޕް ޗެމްޕިއަންކަން ރޭ ހޯދިއިރު، އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ އަށް އަނިޔާވެ ހާސްކަމާ ކުރިމަތިލާންޖެހިއްޖެ އެވެ.

ޕީއެސްޖީން ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި

ޕެރިސް (ޖުލައި 25) - ސެއިން އެޓިއެންގެ މައްޗަށް 1-0 އިން ކުރި ހޯދައި ޕީއެސްޖީން 13 ވަނަ ފަހަރަށް ފްރެންޗް ކަޕް ޗެމްޕިއަންކަން ރޭ ހޯދިއިރު، އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ އަށް އަނިޔާވެ ހާސްކަމާ ކުރިމަތިލާންޖެހިއްޖެ އެވެ.

ކޮވިޑް-19 ފެތުރޭތީ ކުރިއަށްގެންދެވޭނެ ގޮތެއް އޭރު ނުފެނިގެން އޭޕްރީލް މަހު ފްރެންޗް ލީގު ކެންސަލްކުރީ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދިނުމަށް ފަހު އެވެ. އަދި އޭރު ނިންމީ ކަޕް ފުރުސަތު ލިބުނުހާ އަވަހަކަށް ކަޕް ފައިނަލްތައް ބޭއްވުމަށެވެ. އެ ގޮތުން ރޭގެ މެޗަކީ ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ރަސްމީކޮށް ފްރާންސްގައި ކުޅުނު ފުރަތަމަ މެޗެވެ. މަދު އަދަދެއްގެ ސަޕޯޓަރުން ތަކެއް ރޭގެ މެޗު ބަލަން ވެއްދި އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 14 ވަނަ މިނިޓްގައި ކާމިޔާބުކުރީ ނޭމާ އެވެ. އެމްބާޕޭ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. އެމްބާޕޭ އަށް ނުރައްކާތެރި ފައުލެއް ކުރުމުން ސެއިން އެޓިއެންގެ ލޮއިކް ޕެރީން އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ދަނޑުން ފޭބިއިރު އެމްބާޕޭ އަށް ހުރީ ރޮވިފަ އެވެ. ތަށި އުފުލާލުމުގައި ބައިވެރިވާން އެމްބާޕޭ އައިއިރު ކުޑަހުޅުގައި ޕްރޮޓެކްޓިވް ގިއާ އެއްހުރީ އަޅުވައިފަ އެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ތަށި ލިބުމުގެ އުފާ އެންމެ ފުރިހަމަ އަށް ނުލިބުނު ކަމަށާއި އެމްބާޕޭ އަށް އަނިޔާވުމަކީ މުޅި ޓީމަށް ލިބުނު މާޔޫސްކަމެކެވެ.

"އަހަރެން މިހުރީ ވަރަށް ކަނބޮޑުވެފައި. އެއީ އަހަންނަށް ނޭނގެ ދެން އޭނަ ކިހާ މުއްދަތަކަށް ކަމެއް މި ކުޅުމާ ދުރަށް ދިޔައީ. ވަރަށް މުހިއްމު މެޗުތަކެއް އެބަހުރި،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

ޕީއެސްޖީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަންނަ މަހު އޮތް ޗެމްޕިއަންސް ލީގަށް އެމްބޭޕޭ ފިޓްނުވުމުގެ ބިރެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ ކުޅެން ޖެހިފައި އޮތީ މި ފަހަރު މުޅިން އަލަށް އެ މުބާރާތުގައި ވާދަކޮށް ތަފާތު ނަތީޖާތަކެއް ނެރެމުން އަންނަ އިޓަލީގެ އެޓަލަންޓާއާ އެވެ. ޕީއެސްޖީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހު ލީގު ކަޕްގައި ކުޅޭނީ ލިޔޯންއާ ދެކޮޅަށެވެ.