Roadha Mihaaru

އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީ ފްރެންޗް ކަޕް ގަދަ 16 އަށް

ޕެރިސް (ޖެނުއަރީ 4) - މެޗުގެ ދެވަނަ ހާފުގައި ކިލިއަން އެމްބާޕޭ ހެދި ހެޓްރިކާ އެކު 4-0 އިން ވަނޭސް އޯސީއާ ބަލިކޮށް ޕީއެސްޖީން ފްރެންޗް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީ ގަދަ 16 އަށް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

04 ޖެނުއަރީ 2022

ޕެރިސް (ޖެނުއަރީ 4) - މެޗުގެ ދެވަނަ ހާފުގައި ކިލިއަން އެމްބާޕޭ ހެދި ހެޓްރިކާ އެކު 4-0 އިން ވަނޭސް އޯސީއާ ބަލިކޮށް ޕީއެސްޖީން ފްރެންޗް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ފްރާންސްގެ ހަތަރުވަނަ ޑިވިޝަނުގެ ވަނޭސްއާ ދެކޮޅަށް ރޭ އެޓީމުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީން ނިންމާލީ އެންމެ ގޯލަކުން ކުރީގައި އޮވެގެންނެވެ. މި ލަނޑު ނޫނޯ މެންޑޭޒްގެ ކޯނަރެއް ބޮލުން ޖަހައި ކާމިޔާބުކުރީ ރޭގެ މެޗުގައި އެޓީމުގެ ކެޕްޓަންކަން ކުރި ޑިފެންޑަރު ޕްރެޒްނަލް ކިމްޕެމްބޭ އެވެ.

އެމްބާޕޭގެ ފުރަތަމަ ލަނޑު ކިމްޕެމްބޭގެ އެހީތެރިކަމާ އެކު ޖެހީ ދެވަނަ ހާފު ފެށިގެން 14 ވަނަ މިނިޓުގަ އެވެ. ޒުވާން މިޑްފޯލްޑަރު ޒަވީ ސިމޮންސްގެ އެހީތެރިކަމާ އެކު 71 ވަނަ މިނިޓުގައި އެމްބާޕޭގެ ދެވަނަ ލަނޑު ޖެހިއިރު، އޭގެ ފަސް މިނިޓު ފަހުން އެރިކް އެބިމްބޭ ހުސް ކޮށްލާފައި ދިން ބޯޅައަކުން އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

ރޭގެ މެޗުގައި ޖެހި ތިން ލަނޑާ އެކު އެމްބާޕޭ ވަނީ ޕީއެސްޖީ އަށް 150 ލަނޑު ޖަހައިދީފަ އެވެ. އެންމެ ފުރަތަމަ މޮނާކޯއިން ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ކުޅުނު ސީޒަނުގައި 21 ލަނޑު ޖެހިއިރު، އޭގެ ފަހުން އެމްބާޕޭ ވަނީ މިހާތަނަށް އެޓީމަށް 129 ލަނޑު ޖަހައިފަ އެވެ.

އެމްބާޕޭ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ކޮންޓްރެކްޓް އާ ނުކޮށްފި ނަމަ މި ސީޒަނަށް ފަހު ހިލޭ ޓްރާންސްފާގައި އޭނާ ބޭނުން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. އެމްބާޕޭ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ.

ރެއާލް އަށް ކުޅެން އެމްބާޕޭ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް މި ސީޒަން ނިމެންދެން ޕީއެސްޖީގައި މަޑުކުރާނެ ކަމަށް އެމްބާޕޭ ބުނެފައިވެ އެވެ.