Roadha Mihaaru

ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބުކޮށްފި

ރީމްސް 3-0 އިން ބަލިކޮށް ޕީއެސްޖީން ރޭ ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ހޯދައި، މި ސީޒަނުގައި ތިން ތަށި ހޯދަން ތައްޔާރުވެއްޖެ އެވެ.

ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބުކޮށްފި

ރީމްސް 3-0 އިން ބަލިކޮށް ޕީއެސްޖީން ރޭ ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ހޯދައި، މި ސީޒަނުގައި ތިން ތަށި ހޯދަން ތައްޔާރުވެއްޖެ އެވެ.

ފްރާންސް ލީގު ވެސް ކާމިޔާބުކުރި ޕީއެސްޖީ އަށް ތާރީހީ ތިން ތަށީގެ ކާމިޔާބު ފުރިހަމަކުރަން ދެން އޮތީ ޗެމްޕިއަންސް ލީގެވެ. އެ މުބާރާތުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.

މިއީ ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. އަދި މިދިޔަ 10 އަހަރުތެރޭ މުބާރާތް ކާމިޔާބުކުރި މިއީ 8 ވަނަ ފަހަރެވެ. ދެން އެންމެ ކާމިޔާބީ 10 ފަހަރު ތަށި ހޯދީ އޮލިމްޕިކް މާސޭ އެވެ. އެކަމަކު އެ ޓީމަށް އެންމެ ފަހުން ތަށީގައި އަތްލެވުނީ 1989 ގަ އެވެ.

ރޭގެ މެޗު ދިޔައީ ޕީއެސްޖީގެ ކޯޗު ލުއިން ހެންރިކޭ ބޭނުންވި ގޮތަށެވެ. އެއީ މާގިނަ ހަކަތަ ދުއްވާނުލައި، ފަސޭހަ މޮޅެއް ހޯދައި، ޗެމްޕިއަންސް ލީގު ފައިނަލަށް ބޮޑަށް ފޯކަސްކުރުމެވެ.

މި މެޗުގައި ޕީއެސްޖީން ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ދެ ގޯލު 16 ވަނަ މިނެޓާއި، 19 ވަނަ މިނެޓުގައި ޖެހީ ފޯވާޑް ބްރޭޑްލީ ބާކޯލާ އެވެ. ހެޓްރިކް ހަދަން ވެސް ފުރުސަތު ލިބުނު ބާކޯލާ މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ރޭގެ ގޯލުތަކާ އެކު ވަނީ 21 އަށް އަރައިފަ އެވެ. ފަހު ގޯލު 43 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފުލްބެކް އަޝްރަފް ހަކީމީ އެވެ.

ރޭ ޕީއެސްޖީ އަށް ކުރިމަތިވި ހަމައެކަނި ހާސްކަމަކީ ޖޯޖިއާ ވިންގާ ކިވިޗާ ކްވަރަސްހޭލިއާ އަށް އަނިޔާވެ މެޗުގެ ކުރިން، ފުރަތަމަ އެގާރައިން އުނިކުރަން ޖެހުމެވެ. އެކަމަކު އެންރިކޭ ބުނީ އޭނާގެ އަނިޔާ ސީރިއަސް ނޫން ކަމަށެވެ.

"ވޯމްއަޕަށް ފަހު އޭނާ އެންމެ ރަނގަޅު ހާލަތުގައި ނެތުމުން ރިސްކެއް ނަގަން ބޭނުންނުވީ. އަންގާރަ ދުވަހު ޓީމާ އެކު ޓްރެއިން ކުރަން އޭނާ ހުންނާނީ ތައްޔާރަށް،" އެންރިކޭ ބުންޏެވެ.