Roadha Mihaaru

ފްރެންޗް ލީގު ކަޕް މި ފަހަރު ވެސް ޕީއެސްޖީ އަށް

ޕެރިސް (އޭޕްރީލް 1) - އެންމެ ފަހުގެ ލީގު ޗެމްޕިއަން މޮނާކޯ އަތުން 3-0 އިން މޮޅުވެ ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ޕީއެސްޖީން ހޯދައިފި އެވެ. މިއީ އެ ޓީމުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ.

ފްރެންޗް ލީގު ކަޕް މި ފަހަރު ވެސް ޕީއެސްޖީ އަށް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

01 އެޕްރީލް 2018

ޕެރިސް (އޭޕްރީލް 1) - އެންމެ ފަހުގެ ލީގު ޗެމްޕިއަން މޮނާކޯ އަތުން 3-0 އިން މޮޅުވެ ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ޕީއެސްޖީން ހޯދައިފި އެވެ. މިއީ އެ ޓީމުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ.

ރޭގެ މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޕީއެސްޖީ އަށް ލީޑުނަގައިދިނީ އެޑިސަން ކަވާނީ އެވެ. ޕީއެސްޖީ އަށް މި ޕެނަލްޓީ ދިނީ ވީޑީއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގަ އެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 21 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެންހެލް ޑި މާރިއާ އެވެ.

ފުރަތަމަ ހާފުގައި މޮނާކޯ ކެޕްޓަން ރަޑަމެލް ފަލްކާއޯ އެ ޓީމަށް ގޯލެއް ކާމިޔާބު ކޮށްދިން ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ރަނގަޅު ގޯލެއް ނޫން ކަމަށެވެ. އެއީ ފަލްކާއޯ އެ ލަނޑު ޖެހީ އޮފްސައިޑްގައި ހުރެ ކަމަށްވާތީ އެވެ. ދެ ވަނަ ހާފުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ ވެސް ކަވާނީ އެވެ.

މި މެޗުގައި ޕީއެސްޖީ މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މިދިޔަ ސީޒަނުގައި މޮނާކޯ އަށް ކުޅުނު އުމުރުން 19 އަހަރުގެ ފްރާންސްގެ ވިންގް ކިލިއަން އެމްބާޕޭ އެވެ. މެޗަށް ފަހު މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް އާއި ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ވަނީ އެމްބާޕޭގެ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.

ގަތަރުގެ މަހުޖަނު ނާސިރު އެލް ހެއްލާފީ ޕީއެސްޖީއާ ހަވާލުވި ފަހުން އެ ގައުމުގެ 13 މުބާރާތުގެ ތެރެއިން 11 މުބާރާތް ކާމިޔާބުކުރީ ޕީއެސްޖީންނެވެ. މި ސީޒަނުގެ ފްރެންޗް ލީގު ޗެމްޕިއަންކަން ވެސް ޕީއެސްޖީ އަށް ވަރަށް ބޮޑަށް ޔަގީންވެފައިވާއިރު، މި އަހަރު ވެސް އެ ޓީމަށް ފްރާންސްގެ ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ފާއިތުވި ފަސް އަހަރު ތެރޭ ޕީއެސްޖީން ވަނީ ތިން ފަހަރު ފްރާންސްގެ ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ.