Roadha Mihaaru
ލިޔޯންގެ ބަހަށް ގާއުކައި ކޯޗު ޒަހަމްކޮށްލައިފި

ލިޔޯން ޓީމުގެ ބަހަށް މާސޭގެ ސަޕޯޓަރުން ގާ އުކައި ކޯޗު ޒަހަމް ކޮށްލައިފި

30 އޮކްޓޯބަރ 2023

މާސޭ (އޮކްޓޫބަރު 30) - ފްރާންސް ލީގުގައި ރޭ އޮލިމްޕިކް މާސޭއާ ދެކޮޅަށް ކުޅެން ލިޔޯން ޓީމު ދަނޑަށް ދާން ދަތުރު ކުރި ބަހަށް ގާ އުކައި ހަމަލާދީ، ޓީމުގެ ކޯޗު ފަބިއޯ ގްރޯސޯ ޒަހަމް ކޮށްލުމާ ގުޅިގެން މެޗު ފަސްކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސޭ (އޮކްޓޫބަރު 30) - ފްރާންސް ލީގުގައި ރޭ އޮލިމްޕިކް މާސޭއާ ދެކޮޅަށް ކުޅެން ލިޔޯން ޓީމު ދަނޑަށް ދާން ދަތުރު ކުރި ބަހަށް ގާ އުކައި ހަމަލާދީ، ޓީމުގެ ކޯޗު ފަބިއޯ ގްރޯސޯ ޒަހަމް ކޮށްލުމާ ގުޅިގެން މެޗު ފަސްކޮށްފި އެވެ.

މެޗު ކުޅެން މާސޭގެ ދަނޑަށް ލިޔޯން ޓީމު ދަތުރުކުރި ވަގުތު ބަހަށް ގާއުކައި ހަމަލާ ދީފައި ވަނީ މާސޭގެ ސަޕޯޓަރުންގެ ގުރޫޕަކުން ކަމަށް މީޑިއާތަކުން ބުނެ އެވެ. މި ހާދިސާގައި ކޯޗު ގްރޯސޯގެ މޫނަށް އެކި ވަރުގެ އަނިޔާތައް ލިބި، ވަރަށް ބޮޑަށް ލޭ އައިސްފައި ވެއެވެ.

ކޯޗު ގްރޯސޯ، 45، އަކީ ކުރިން ލިޔޯން އާއި ޔުވެންޓަސް އަދި އިންޓަ މިލާނަށް ވެސް ކުޅެފައިވާ ޑިފެންޑަރެކެވެ. އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ލިޔޯންގެ ކޯޗުކަމާ ހަވާލުވީ މި ސީޒަންގަ އެވެ.

"އޭނާ އަށް ވާހަކައެއް ނުދެއްކޭ، ބައިވަރު ބިއްލޫރި ކޮޅުކޮޅު އޭނާގެ މޫނަށް ހެރިފައި ހުރީ،" ކޯޗު ގްރޯސޯ އަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ޓީމުގެ ރައީސް ޖޯން ޓެކްސްޓޯ ވިދާޅުވި އެވެ.

"އަހަރެން މި ހުރީ ވަރަށް ރުޅި އައިސްފައި، ކުޅުންތެރިންނާއި ކޯޗު ވަނީ މި މެޗަށް ފުރިހަމައަށް ތައްޔާރު ވެފައި، އަދި ސަޕޯޓަރުން ވެސް ތިބީ މެޗު ބަލަން ތައްޔާރު ވެގެން."

މާސޭގެ ސަޕޯޓަރުންގެ ހަމަލާތަކުގައި ލިޔޯންގެ ކޯޗު ގްރޯސޯގެ މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައި.--

މާސޭގެ ސަޕޯޓަރުންގެ ހަމަލާތަކުގައި ލިޔޯންގެ ކޯޗު ގްރޯސޯގެ މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައި.--

ހާދިސާއާ ގުޅިގެން ލިޔޯން އިން ނެރުނު ބަޔާނުގައި ވާގޮތުން، އެ ޓީމުގެ ސަޕޯޓަރުން ދަތުރުކުރި ހަ ބަހަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ. އަދި ޓީމް ދަތުރުކުރި ބަހަށް ދިން ހަމަލާތަކާ އެކު ކޯޗު ގްރޯސޯގެ އިތުރުން އެސިސްޓެންޓް ކޯޗު ރަފައެލް ލޮންގޯގެ މޫނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ވާކަން އެ ކްލަބްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މާސޭ އާއި ލިޔޯން އަކީ ފްރާންސް ފުޓްބޯޅައިގައި ވާދަވެރި ދެ ހަތުރުންނެވެ. މިއީ މާސޭގެ ސަޕޯޓަރުން ލިޔޯން ޓީމު ދަތުރުކުރި ބަހަކަށް ހަމަލާދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ލިޔޯން ޓީމަށް އަމާޒުކޮށް މާސޭގެ ސަޕޯޓަރުން ވަނީ މިފަދަ ހަމަލާތައް ދީފަ އެވެ.

މާސޭ އިން ވަނީ ސަޕޯޓަރުންގެ އެ އަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. ލިޔޯންގެ ކޯޗަށް އަވަސް ޝިފާއަކަށް އެދެމުން އެ ބަޔާނުގައި ބުނެފައި ވަނީ، އެއްވެސް ހާލަތެއްގައި އަނިޔާވެރިކަން ތަހަންމަލް ނުކުރާނެ ކަމަށާއި، ވިސްނުމެއް ނެތް ބައެއްގެ މި އަމަލުގެ ސަބަބުން މެޗު ބަލަން ދަނޑަށް ވަން 65،000 އެއްހާ ސަޕޯޓަރުންގެ ހައްގަށް އަރައިގަނެވިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފްރާންސްގެ އެއްވަނަ އަދި ދެވަނަ ޑިވިޝަން ލީގު ރާވާ ހިންގާ ފަރާތް ކަމަށްވާ "ޕްރޮފެޝަނަލް ފުޓްބޯލް ލީގު" އިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، މެޗު ކުރިއަށް ނުގެންދަން ނިންމައިފަ އެވެ. އަދި މެޗު އަލުން ކުޅުމާ މެދު ގޮތެއް ނިންމާނީ، މުބާރާތް ހިންގާ ގަވާއިދުގައިވާ ގޮތުން މުބާރާތު ހިންގާ ކޮމިޓީން ކަމަށް އެ ކޮމިޓީން ބުންޏެވެ.

ލިޔޯން ޓީމު ދަތުރުކުރި ބަހުގެ ބިއްލޫރިތައް ތަޅާލައިފައި.--

ލިޔޯން ޓީމު ދަތުރުކުރި ބަހުގެ ބިއްލޫރިތައް ތަޅާލައިފައި.--

ލިޔޯންގެ ރައީސް ޓޮކްސްޓޯ ވިދާޅުވީ ޓީމު ދަތުރު ކުރި ބަހަށް ގެއްލުންދީ، ކޯޗުން ޒަހަމް ކޮށްލިޔަސް ޓީމުން ބޭއްވި ބައްދަލުވުމުގައިނިންމީ މެޗައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.

"އަހަރެމެން މެޗު ކެންސަލް ކޮށްލާކަށް ނުބުނަން. ހާދިސާއާ އެކު އަހަރެމެން ޓީމު ބައްދަލުވުމެއް ބޭއްވިން. އަދި ނިންމީ މި ހާލަތުގައި ވެސް މެޗު ކުޅެން. ޓީމު ތިބީ ކުޅެން ބޭނުންވެފައި. ކުޅެން ތައްޔާރަށް. ޓީމް ކެޕްޓަން [އެލެކްޒެންޑާ ލަކަޒޭ] އެގޮތަށް ނިންމުމުން އަހަރެން އޭނާއާ މެދު ވަރަށް ފަހުރުވެރިވޭ،" ޓެކްސްޓޯ ވިދާޅުވި އެވެ.

ޖުމްލަ 18 ޓީމު ވާދަކުރާ ފްރާންސް ލީގުގައި ލިޔޯން އޮތީ މިހާތަނަށް އެޓީމު ކުޅުނު ނުވަ މެޗުން ވެސް މޮޅެއް ނުލިބި އެންމެ ފުލުގަ އެވެ. މާސޭ އޮތީ ތާވަލުގެ ނުވަވައިގަ އެވެ. އެއްވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓް ހޯދާފައިވާ ނީސް އެވެ. އެއް ޕޮއިންޓް މަދުން ހޯދާފައިވާ ޗެމްޕިއަން ޕީއެސްޖީ އޮތީ ދެވަނައިގަ އެވެ.

ޕީއެސްޖީން ރޭ ރަށުން ބޭރުގައި، ހަވަނައިގައި އޮތް ބްރެސްޓް އާ ވާދަކޮށް ވަނީ 3-2 އިން މޮޅުވެފަ އެވެ.

ވަރޭން ޒައިރޭ އެމެރީ މެޗުގެ 16 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިންއިރު، އޭގެ 12 މިނިޓު ފަހުން ކިލިއަން އެމްބާޕޭ އެޓީމަށް ލީޑު ފުޅާ ކޮށްދިނެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ސްޓީވް މޫނީ ގޯލެއް ޖަހައި، ބްރެސްޓް އަށް ފަރަގު ކުޑަކޮށްދިނެވެ.

ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ޖެރެމީ ލެ ޑުއަރޯން، ބްރެސްޓް އަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް، މެޗުގެ 89 ވަނަ މިނިޓުގައި ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖަހައިދިނީ އެމްބާޕޭ އެވެ.