Roadha Mihaaru
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު

ގަތަރާ އެކު ޕީއެސްޖީން 13 އަހަރުތެރޭ ލީގު ޗެމްޕިއަކަން 10 ވަނަ ފަހަރަށް ހޯދައިފި

29 އެޕްރީލް 2024

ފްރާންސް ލީގު ޗެމްޕިއަންކަން، 13 އަހަރުތެރޭ 10 ވަނަ ފަހަރަށް ޕީއެސްޖީން ހޯދައިފި އެވެ.

ފްރާންސް ލީގު ޗެމްޕިއަންކަން، 13 އަހަރުތެރޭ 10 ވަނަ ފަހަރަށް ޕީއެސްޖީން ހޯދައިފި އެވެ.

ގަތަރުގެ ޝާހީ އާއިލާއިން ހިންގާ ކްލަބަށް، ލީގު ޗެމްޕިއަންކަން ކަށަވަރު ވީ ވާދަވެރި އޭސް މޮނާކޯ، އޮލިމްޕިކް ލިޔޯން އަތުން ރޭ ބަލިވުމުންނެވެ.

ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ތިން މެޗެވެ. އެ ތިން މެޗުން ޕީއެސްޖީ ބަލިވެ، މޮނާކޯ ކުޅޭ މެޗުން މޮޅުވިޔަސް ޕޮއިންޓްގެ ގޮތުން ޕީއެސްޖީއާ އަރާ ހަމަ ވެސް ނުކުރެވޭނެ އެވެ. ޗެމްޕިއަންސް ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދާފައިވާ ޕީއެސްޖީން ލީގުގެ އެއްވަނަ މަގާމުގައި ދަމަހައްޓަމުން އަންނަނީ 12 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ.

ހޮނިހިރު ދުވަހު، އެ ކްލަބަށް ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރެވެން އޮތެވެ. އެކަމަކު 18 ޓީމު ވާދަކުރާ ލީގުގެ 15 ވަނައިގައި އޮތް ލާވްރައާ ދެކޮޅަށް ކުޅުނު މެޗުން ހައިރާންކުރުވަނިވި ގޮތަކަށް ޕީއެސްޖީ އެއްވަރުވެ، އެ ޓީމުން މަޑު ކުރަން ޖެހުނީ މޮނާކޯ މެޗުގެ ނަތީޖާ އަށެވެ.

މިއީ ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދި 12 ވަނަ ފަހަރެވެ. ގަތަރު ސްޕޯޓްސް އިންވެސްޓްމެންޓުން އެ ކްލަބާ ހަވާލުވުމުގެ ކުރިން ލީގު ޗެމްޕިއަންކަން ހޯދިފައި އޮތީ އެންމެ ދެ ފަހަރު އެވެ. އޭރު މި ގަރުނުގައި އެ ޓީމަށް ލީގު ހޯދިފައެއް ނެތެވެ.

އެ ކުންފުނިން އެ ކްލަބާ ހަވާލުވީ 2011 ގަ އެވެ. އޭގެ ދެ އަހަރު ފަހުން 2013 ގައި 19 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި އެވެ. އެ ފެށި ގޮތަށް އެ ޓީމަށް ލީގު ގެއްލުނީ އެންމެ ދެ ފަހަރު އެވެ. އެއީ 2017 ގައި މޮނާކޯ އަދި 2021 ގައި ލިއްލެ ތަށި ހޯދި ދެ ފަހަރު އެވެ. ކުރީގައި ފްރާންސް ލީގުގެ އެންމެ ވަރުގަދަ ކްލަބަކީ އޮލިމްޕިކް މާސޭ އެވެ.