Roadha Mihaaru
އައިފޯން 7 އަށް ދިރާގުން މާދަމާ އޯޑަރު ނަގަން ފަށަނީ

އައިފޯން 7 އަށް ދިރާގުން މާދަމާ ޕްރީ އޯޑަރު ނަގަން ފަށަނީ

15 ސެޕްޓެމްބަރ 2016

އެޕަލް އިން އަލަށް ތައާރަފްކުރި އައިފޯން 7 އަށް ޕްރީ އޯޑަރު ނަގަން މާދަމާ ހުޅުވާލަން ދިރާގުން ނިންމައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އެޕަލް އިން އަލަށް ތައާރަފްކުރި އައިފޯން 7 އަށް ޕްރީ އޯޑަރު ނަގަން މާދަމާ ހުޅުވާލަން ދިރާގުން ނިންމައިފި އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން އައިފޯން 7 އާއި 7 ޕްލަސް އަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. ނަމަވެސް އަގުތަކެއް އަދި އާއްމުކޮށްފައެއް ނުވެ އެވެ.

އައިފޯން 7 މި މަހު 23 ގައި ރާއްޖޭގެ ބާޒާރަށް ނެރެން ވަނީ ނިންމައިފަ އެވެ.

އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓަރު އަދި ސްޓޮކިސްޓް، ސޮފްޓް ޓަޗް މޯލްޑިވްސް އިން ރާއްޖޭގައި އައިފޯން ވިއްކަނީ ދިރާގުގެ އިތުރުން އުރީދޫ އަދި އެޕަލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ އެޑްއޮން، އެލް މޮބައިލް، އެސްޓާސް އަދި ފޯކަސް ކޮމްޕިއުޓާސް މެދުވެރިކޮށެވެ.

އައިފޯން 7 ގެ އަގުތައް ފެށޭނީ ޖީއެސްޓީ ނުލާ 14،500ރ. އިން ކަމަށް ވެސް ސޮފްޓް ޓަޗުން ބުނެފައިވެ އެވެ.

މި މަހުގެ 7 ގައި އެމެރިކާގައި ދައްކާލި އައިފޯންގެ އާ ވައްތަރު އެމެރިކާ އާއި ބައެއް އެހެން ގައުމުތަކުގައި މާދަމާ ވިއްކަން ފަށާނެ އެވެ. ރާއްޖެ ހިމެނެނީ ދެވަނަ ބުރުގައި އައިފޯން ނެރޭ ގައުމުތަކުގެ ތެރޭގަ އެވެ.

އައިފޯން 7 އާއި 7 ޕްލަސްގައި އެޕަލް އިން ވަނީ ގިނަ އާ ކަންތައްތަކެއް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ޕްލަސްގައި ހަރުކޮށްފައިވާ ދެ ލެންސް ހިމެނޭ ކެމެރާ އާއި ދެ ސްޕީކަރު ހިމެނޭ ސްޓީރިއޯ ސައުންޑް ސިސްޓަމާއި ވަޔަލެސްކޮށް ހެޑްފޯނު ގުޅުމާއި ފެން ނުވަނުން ހިމެނެ އެވެ. އަދި ކުރިއަށް ވުރެ ބޮޑު ބެޓެރިއެއް އަޅުވައި ސްކްރީން ވެސް ވަނީ މިހާރު ބާޒާރުގައި ހުރި އައިފޯނަށް ވުރެ 25 ޕަސެންޓް އަލިގަދަ ކޮށްފަ އެވެ.