Roadha Mihaaru
ފޯނު ނުދެވުމުން ދައްކަން ޖެހުނު ބަދަލުން ސަލާމަތްވެއްޖެ

އޯޑަރު ދިން ފޯނު ނުދެވުމުން ދިރާގުން ދައްކަން ޖެހުނު ބޮޑު ބަދަލުން ސަލާމަތްވެއްޖެ

29 ނޮވެމްބަރ 2017

ފޯނެއް ގަތުމަށް ދުރާލައި ޕްރީ އޯޑަރު ދިން ކަސްޓަމަރަކަށް، ފޯނު ނުދެވުނު މައްސަލައިގައި އެ ކަސްޓަމަރަށް ދިރާގުން ދައްކަން ޖެހުނު ބޮޑު ބަދަލު އެ ކުންފުނިން ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފޯނެއް ގަތުމަށް ދުރާލައި ޕްރީ އޯޑަރު ދިން ކަސްޓަމަރަކަށް، ފޯނު ނުދެވުނު މައްސަލައިގައި އެ ކަސްޓަމަރަށް ދިރާގުން ދައްކަން ޖެހުނު ބޮޑު ބަދަލު އެ ކުންފުނިން ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޕްރީއޯޑަރު ނަގައިގެން ފޯނު ވިއްކަން ދިރާގުން ހިންގާ ޕްރޮމޯޝަންގެ ދަށުން މިދިޔަ އަހަރުގެ މާޗް މަހު އައިފޯން އެސް އީ އަކަށް އޯޑަރު ދިން މީހާ އަށް އެ ފޯނު ނުލިބުމުން ބަދަލުގެ ގޮތުގައި 160،000ރ. ދިރާގުން އެ މީހާ އަށް ދޭންޖެހޭނެ ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު އޮތީ ހުކުމްކޮށްފަ އެވެ. އެ ފައިސާ ދައްކަން ޖެހުނީ އެމްއާރުޑީސީގެ އެމްޑީއަކަށް ހުންނަވަނިކޮށް އިއްޔެ މަގާމުން ވަކިކުރި އަހުމަދު ޝަފާއު އަށެވެ. އެ މައްސަލަ އޭރު ކޯޓުގައި ހިނގި އިރު ޝަފާއު މަސައްކަތް ކުރީ އިސްލާމިކް ބޭންކްގަ އެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ދިރާގުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމީ ދިރާގުން ޝަފާއު އަށް ދޭންޖެހޭނީ އޭނާ ފޯނު ގަތުމަށް ދިރާގަށް ދެއްކި 5،828ރ. އެކަނި ކަމަށެވެ.

އެ ފޯނު ނުލިބުމުން ޝަފާއު އިތުރު ފޯނެއް ގަންނަން ޚަރަދުކުރި 4،500ރ. އާއި ފޯނު ނުލިބުމުން އޭނާ އަށް ކުރިމަތިވި ލަދުވެތިކަމާއި ކުރިމަތިވި ދަތިތަކަށް ޖަޒާއީ ބަދަލެއްގެ ގޮތުން ދަށު ކޯޓުން ނަގައިދިން 100،000ރ. އާއި ވަކީލުންގެ ފީ އަށް އޭނާ ޚަރަދުކުރި 50،000ރ. އަކީ ދިރާގުން ޝަފާއު އަށް ދައްކަން ޖެހޭނެ ފައިސާއެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ ޕްރޮމޯޝަންގެ ދަށުން ފޯނު ދޫކުރެވޭނީ ސްޓޮކްގައި ހުރި މިންވަރަކުން ކަމަށް އެ ޕްރޮމޯޝަނާ ބެހޭ ގޮތުން އާންމުކޮށް އަންގާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭއިރު އެ ޕްރޮމޯޝަންގައި ޝަފާއު ބައިވެރިވީ އެ އެ ޝަރުތުތައް ގަބޫލު ކޮށްގެން ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ޝަފާއު އާއި ދިރާގާ ދެމެދު ކުރެވުނު މުއާމަލާތަށް ބަލާއިރު ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ޝަފާއު އަށް ބަދަލު ނަގައިނުދެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އެ ހުކުމުގައިވަނީ ޝަފާއު ދިރާގަށް ފައިސާ ދެއްކި ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް ނެތުމެވެ. އެ ފައިސާ ދެއްކުމުން ވެސް ފޯނު ހަވާލު ނުކުރެވޭތީ އެ މުއާމަލާތް އިތުރަށް ކުރިއަށް ގެންދަން ޝަފާއު ބޭނުން ނުވީ ކަމަށާއި އެހެންވެ އެ ޕްރޮމޯޝަންގެ ދަށުން ދެ ފަރާތުން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ފޯނު ހަވާލު ކުރެވޭނީ 12 މަސް ދުވަހުގެ ކޮންޓްރެކްޓެއް ހެދުމަށް ފަހު ކަމަށް ވާއިރު އެފަދަ އެއްބަސްވުމެއް ދެ ފަރާތުގެ ދެމެދުގައި ނެތުމުން ކޮންޓްރެކްޓެއް ވުޖޫދުވެފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

"ކޮންޓްރެކްޓެއް ވުޖޫދުވެފައި ނުވާ ހާލު، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން 23 ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިދެވޭނެ ހަމައެއް ނެތް.." ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ވަކީލުންގެ ފީގެ ގޮތުގައި ޝަފާއު ޚަރަދުކުރި 50،000ރ. އަކީ ދިރާގުން އޭނާ އަށް ދޭންޖެހޭ ފައިސާއެއް ނޫނެވެ. ސަބަބަކީ ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައި ނުވާ ނަމަ ވަކީލުންގެ ފީއަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާތީ ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.