Roadha Mihaaru
ރިޕޯޓުން ފެންނަ މެލޭޝިއާ މީހާ ކުންފުންޏަކުން ވަކިވެއްޖެ

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ދައްކާ މެލޭޝިއާގެ ވިޔަފާރިވެރިޔާ ކުންފުންޏަކުން އިސްތިއުފާ ދެއްވައިފި

11 ސެޕްޓެމްބަރ 2016

ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ހިމެނޭ މެލޭޝިއާގެ ވިޔަފާރިވެރިޔާ ފައިޒާން ހުސެން ހިމެނިވަޑައިގަންނަވާ ކުންފުންޏަކުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ހިމެނޭ މެލޭޝިއާގެ ވިޔަފާރިވެރިޔާ ފައިޒާން ހުސެން ހިމެނިވަޑައިގަންނަވާ ކުންފުންޏަކުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

މެލޭޝިއާގައި މުވާސަލާތީ ހިދުމަތް ދޭ ޝުއޯ އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފައިޒާން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ގޮތަށް ނިންމެވީ، ފައިޒާން ވިދާޅުވި ކަމަށް ބަޔާނުގައި ވަނީ، އެހެން މަސައްކަތްތަކާއި އަމިއްލަ ބައެއް ކަންކަމަށް ވަގުތު ދޭށެވެ.

"ބޯޑުން ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައި،" ބަޔާނުގައިވެ އެވެ.

ޝުއޯގެ ބޯޑުގައި ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމު ފުރުއްވަން ފައިޒާން ފެއްޓެވީ 2012 ގަ އެވެ.

ނޮން އެގްޒެކެޓިވް ޑިރެކްޓަރުން ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގައެއް ނޫޅޭނެ އެވެ. އެކަމަކު، ކުންފުނި ކުރިއަށް ގެންދާނެ ގޮތާއި ސިޔާސަތުތައް ކަނޑައެޅުމުގައި އެ ފަރާތްތަކުން ބައިވެރިވާނެ އެވެ.

މެލޭޝިއާގައި ތެލުގެ ވިޔަފާރި ކުރާ ކޭއައިސީ އޮއިލް އެންޑް ގޭސް ލިމިޓެޑުގެ ޑެޕިއުޓީ ޗެއާމަންކަން ވެސް 2003 އިން ފެށިގެން ކުރައްވަމުން ގެންދަވާ ފައިޒާން އެންމެ އިސް ދައުރެއް އަދާކުރައްވަނީ ސިޓީ ޓުރަސްޓް އެންޑް އެޑްމިނިސްޓްރޭޓާ ކިޔާ ކުންފުންޏެއްގަ އެވެ. ފައިޒާން 1995 ގައި އުފެއްދެވި އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކުރަނީ ވިޔަފާރިތައް ތަމްސީލުކުރަން ޓްރަސްޓުތައް ހަދައި އެ ތަންތަން ބެލެހެއްޓުމާއި އޮފްޝޯ ކުންފުނިތައް ހަދައިދިނުމާއި އެ ނޫން ވެސް އެކަހަލަ މަސައްކަތްތަކެވެ.

ޝުއޯ އިން ފައިޒާން އިސްތިއުފާ މި ދެއްވީ އޭނާ އިސް ދައުރެއް އަދާކުރައްވައިގެން 1.5 ބިލިއަން ޑޮލަރުގެ ވަގު ފައިސާ ރާއްޖެ މެދުވެރިކޮށް ދޮންނަން އުޅުނު ކަމަށް އަލް ޖަޒީރާ އިން ބުނެފައި ވަނިކޮށެވެ.

ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މިދިޔަ ބުދަ ދުވަހު ނެރުނު ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ވަނީ މަނީ ލޯންޑްރިން ކަމަށް ބެލެވޭ އެ ސްކީމް ހިންގަން އުޅުނު ގޮތުގެ ތަފްސީލާއި ހެކި ހިމަނާފަ އެވެ.

އިންވެސްޓަރަކަށް ވެގެން ގޮސް އަލް ޖަޒީރާގެ ނޫސްވެރިޔަކު ފައިޒާންއާ ކޮށްފައިވާ އިންޓަވިއުއެއް ޑޮކިއުމެންޓްރީގައި ދައްކަނީ.

އިންވެސްޓަރަކަށް ވެގެން ގޮސް އަލް ޖަޒީރާގެ ނޫސްވެރިޔަކު ފައިޒާންއާ ކޮށްފައިވާ އިންޓަވިއުއެއް ޑޮކިއުމެންޓްރީގައި ދައްކަނީ.

ފައިޒާންގެ އިތުރުން ސިންގަޕޫރު އަދި އިންޑޮނީޝިއާގެ ގޮތް ނޭނގޭ ވިޔަފާރިވެރިންތަކަކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މަނިކުފާނުގެ ގާތް ބޭފުޅުންތަކެއް ގުޅިގެން ހިންގަން އުޅުނު އެ ސްކީމްގައި ރާވާފައި އޮތީ، އަލް ޖަޒީރާ އިން ބުނި ގޮތުގައި، ޗާޓަރު ފްލައިޓެއްގައި އެ ފައިސާ ރާއްޖެ ގެނެސް، ސިފައިންގެ ބެލުމުގެ ދަށުން ތިޖޫރިއަކަށް ގެންދާށެވެ. އެމްއެމްއޭގެ ވެސް ބައިވެރިވުމާ އެކު އެ ތަނުން އެ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި އޮންނަ އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ޓްރާންސްފާ ކުރުމަށް ފަހު، އެކި އަދަދުތަކުން މަދުމަދުން ބޭރު ކުރާ ގޮތަށް ނިންމާފައިވެ އެވެ.

އަދީބުގެ ތިން ފޯނުގައި ހުރި މެސެޖުތަކާއި ސިއްރުން ނަގާފައިވާ އިންޓަވިއުތަކާއި އެ ނޫން ވެސް ބައެއް ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް ހެދި ޑޮކިއުމެންޓްރީގައި އަލް ޖަޒީރާ އިން ވަނީ އެ މުއާމަލާތް ރޭވިގެން ދިޔަ ގޮތް ހެއްކާ އެކު ކިޔައިދީފަ އެވެ. އޭގެ ތެރޭގައި އުޅުއްވި ފައިޒާންގެ ސިއްރުން ނަގާފައިވާ އިންޓަވިއުއެއް ވެސް ޑޮކިއުމެންޓްރީން ދައްކަ އެވެ.

އެކަމަކު، އެ ސްކީމް ކުރިއަށް ގެންދިޔަތޯ ޔަގީން ކުރެވިފައެއް ނުވެ އެވެ. އަދި އެފަދަ އެއްވެސް މުއާމަލާތެއް ހިނގާފައި ނެތް ކަމަށާއި އެފަދަ ފައިސާއެއް ވަދެފައި ނުވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވެސް ވަނީ ބުނެފަ އެވެ.

މަނީ ލޯންޑްރިން ކަމަށް ބެލެވޭ އެ މައްސަލަ އެެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއި ބައިނަލްއަގުވާމީ ފޮރެންސިކް އެކައުންޓެންޓުންތަކެއް އަންނަނީ ތަހުގީގުކުރަމުންނެވެ.