Roadha Mihaaru
މީޑިއާނެޓް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި

"ސްޓީލިން ޕެރަޑައިސް" ދެއްކުމުން މީޑިއާނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

15 ޖޫން 2017

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓު، ރީބްރޯޑްކާސްޓް ކުރި މައްސަލާގައި 500،000 ރުފިޔާ އިން މީޑިއާނެޓް ޖޫރިމަނާ ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓު، ރީބްރޯޑްކާސްޓް ކުރި މައްސަލާގައި 500،000 ރުފިޔާ އިން މީޑިއާނެޓް ޖޫރިމަނާ ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓް ޖޫރިމަނާ ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓަންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެވެ. އަދި ޖޫރިމަނާގެ އިތުރުން، މާފަށް އެދި ބަޔާނެއް ނެރުމަށް ވެސް އަންގާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

އަލްޖަޒީރާގެ މި ޑޮކިއުމެންޓަރީ ދައްކާ ދުވަސް ގާތްވެފައި ވަނިކޮށް، ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ވަނީ އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި ސަމާލުވުމަށް އަންގައިފަ އެވެ.

އޭރު ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުރިހާ ބްރޯޑްކާސްޓަރުން ވެސް އަމަލުކޮށް، ބްރޯޑްކާސްޓު ކުރުމުގެ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

މީޑީއާނެޓް ޖޫރިމަނާކުރުމާ ބެހޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް ވިލް ޖޯޑަން އިސްވެ ހުރެ އުފެއްދި މި ޑޮކިއުމަންޓްރީ އަށް ވަނީ ބައިނަލްއަގްވާމީ ދެ އެވޯޑެއް ވެސް ލިބިފަ އެވެ. މި ޑޮކިއުމެންޓަރީގައި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގައި ގިނައިން ބޭނުންކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން ލިބިފައިވާ ޓެކްސްޓް މެސެޖްތަކާއި ބައެއް ލިޔުންތަކާއި އަދީބާ ކައިރީގައި އުޅުނު ބައެއް މީހުންގެ އިންޓަވިއުތަކެވެ. ޑޮކިއުމެންޓްރީގައި ކޮށްފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ މަނީލޯންޑެރިންގައި ސަރުކާރުގެ ވެރިން ބައިވެރިވުމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ވެސް އޭގައި ތުހުމަތުކޮށްފައިވެ އެވެ.