Roadha Mihaaru
ޖޫރިމަނާ ނުކޮށް ޒިންމާ އަދާކުރަންވީ ބްރޯޑްކޮމް: ނާޝިދު

ޖޫރިމަނާ ނުކޮށް ޒިންމާ އަދާކުރަންވީ ބްރޯޑްކާސްޓިން ކޮމިޝަން: ނާޝިދު

15 ޖޫން 2017

ބްރޯޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ކުރިން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެތަނުގެ ޒިންމާ އަދާކުރަންޖެހޭނެ ކަމަށް ވިދާޅުވެ މީޑިއާ ނެޓުގެ އެގްޒެކްޓިވް ޑިރެކްޓާ ފައިނޭންސް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) މިރޭ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބްރޯޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ކުރިން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެތަނުގެ ޒިންމާ އަދާކުރަންޖެހޭނެ ކަމަށް ވިދާޅުވެ މީޑިއާ ނެޓުގެ އެގްޒެކްޓިވް ޑިރެކްޓާ ފައިނޭންސް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) މިރޭ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީ އެޗްޑީކޮށް ދެއްކުން އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަދި އޭޑީކޭ ގުރޫޕުގެ ޗެއާމަން މިހެން ވިދާޅުވީ، ދިވެހި ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ބުނެ އަލްޖަޒީރާ އިން ދެއްކި ތަހުގީގީ ރިޕޯޓު "ސްޓީލިން ޕެރަޑައިސް" ރީބްރޯޑްކާސްޓްކޮށްގެން މީޑިއާނެޓް 500،000 ރުފިޔާ އިން ޖޫރިިމަނާކޮށްފައި ވަނިކޮށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވެސް ބައިވެރިވެ ވަޑައިގެންނެވި ހަފުލާގައި ނާޝިދު ވިދާޅުވީ ރާއްޖޭގައި ބްރޯޑްކާސްޓަރުން އެ މީހުންގެ ދައުރު އަދާކުރަނީ ވަރަށް އުނދަގުލުން ބޮޑެތި ގޮންޖެހުންތަކަކާ އެކު ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ކޮމިޝަންގެ އެއްބާރުލުމާއި ހިމާޔަތް ބޭނުންވި ނަމަވެސް، އޭގެ ބަދަލުގައި އެތަނުން ކުރަނީ ޖޫރިމަނާ ކަމަށް ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް މަޖިލީހުގެ ކޮމެޓީއެއްގައި

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް މަޖިލީހުގެ ކޮމެޓީއެއްގައި

"އަބުރާ ބެހުމަކީ އަދި އަބުރާ ބެހެވެނީ ކިިހިނެއްކަން ވެސް [ބްރޯޑްކާސްޓަރުންނަށް] ނޭނގި އޮއްވައި، އަދި ބްރޯޑްކޮމް އިން ދޭން ޖެހޭ އެއްބާރުލުމާއި ސަޕޯޓް ނުދެވޭ ހާލުގައި، މިކުރާ ކަމަކީ ބޮޑެތިހެން ހީވާ، ޖޫރިމަނާތައް ކުރަނީ. އެކަން އެބަ ޖެހޭ ހުއްޓާލަން،" އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ފާސްކުރި ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުން ހަނިވާކަން ފާހަގަކުރައްވަމުން ނާޝިދު ވިދާޅުވި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ހަފުލާގައި ނާޝިދު ވިދާޅުވީ މިރޭ އޭނާ އެ ވާހަކަ ދެއްކެވީ "މީޑިއާ ނެޓު 500،000 ރުފިޔާ ޖޫރިމަނާ ކޮށްގެންނެއް ނޫން" ކަމަށާއި "އެ ޖޫރިމަނާ ދައްކާނެ ކަން ޝަހީބަށް އެނގިވަޑައިގަންނަވާނެ" ކަަމަށެވެ.

އެކަމަކު އޭނާގެ މަގްސަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކޮމިޝަން ޒިންމާދާރުކުރުވުން ކަމަށް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ޝަހީބު ވާހަކަ ދެއްކެވި ނަމަވެސް ނާޝިދުގެ ވާހަކައަކަށް އަދި މީޑިއާނެޓު ޖޫރިމަނާ ކުރުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓް ޖޫރިމަނާ ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓަންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެވެ. އަދި ޖޫރިމަނާގެ އިތުރުން، މާފަށް އެދި ބަޔާނެއް ނެރުމަށް ވެސް އަންގާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.