Roadha Mihaaru
ބޭރުގެ ކޮންޓެންޓްތަކަށް އިމްތިޔާޒެއް ނުލިބޭ: ބްރޯޑްކޮމް

ބޭރުގެ މީޑިއާތަކުން ގެނެސްދޭ ވާހަކަތަކަށް އިމްތިޔާޒް ލިބިގެނެއް ނުވޭ: ބްރޯޑްކޮމް

18 ޖޫން 2017

ބޭރުގެ މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާއި ރިޕޯޓްތަކުގެ ވާހަކަތައް ދެއްކުމާއި ގެނެސް ދިނުމަކީ އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އިމްތިޔާޒް ލިބިގެންވާ ކަމެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޭރުގެ މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކާއި ރިޕޯޓްތަކުގެ ވާހަކަތައް ދެއްކުމާއި ގެނެސް ދިނުމަކީ އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އިމްތިޔާޒް ލިބިގެންވާ ކަމެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމީ ރާއްޖެއާ ބެހޭ ގޮތުން އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރެޑައިސް" ރީބްރޯޑްކާސްޓް ކުރި މީޑިއާ ނެޓް 500،000ރ. އިން ޖޫރިމަނާކޮށް، އެ ކޮމިޝަނުން ނިންމި ނިންމުމުގަ އެވެ.

އެ މައްސަލާގައި މީޑިއާ ނެޓުން ނެގި ދިފާއަކީ އަބުރުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ބ. އޮތް ގޮތުން އަލްޖަޒީރާގެ ރިޕޯޓް ގެނެސް ދިނުމަކީ އެ ކުންފުންޏަށް އިމްތިޔާޒް ލިބިގެންވާ ކަމެއް ކަމަށް ބުނެ އެވެ.

އެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އެ ގާނޫނުގެ ދަށުން އިމްތިޔާޒް ލިބިގެންވާ ކަންކަން ނުވަތަ ވާހަކަތަކެވެ. އެ މާއްދާގެ ބ. ގައި ބުނެފައިވަނީ" ބޭރުގެ ޖަމާއަތަކުން ނުވަތަ ބޭރުގެ މުއައްސަސާއަކުން ނުވަތަ ބޭރުގެ ކޯޓަކުން ނުވަތަ ބޭރުގެ ދައުލަތަކުން ރަސްމީކޮށް ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ހުރި މައުލޫމާތު ހާމަކުރުމުގައި ނުވަތަ އެއިން ބައެއް ހާމަކުރުމުގެ ގޮތުން ދައްކާ ވާހަކަ ނުވަތަ އާންމުކުރާ ޚަބަރާއި ލިޔުމުގައިވާ ވާހަކަތައް" އަކީ އިމްތިޔާޒް ލިބިގެންވާ ކަންކަން ކަމަށެވެ.

އެކަމަކު އެ މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމީ އެ މާއްދާގައި ބުނާ "ބޭރުގެ މުއައްސަސާ" ގެ މާނައިގެ ތެރޭގައި ބޭރުގެ މީޑިއާތައް ނުހިމެނޭނެ ކަމަށެވެ. އެހެންވެ ބޭރުގެ މީޑިއާތަކުން ގެނެސްދޭ ޚަބަރާއި ރިޕޯޓްތަކަށް އެ ގާނޫނުގެ ދަށުން އިމްތިޔާޒް ލިބިގެންނުވާ ކަމަށް އެ ކޮމިޝަންގެ ނިންމުމުގައިވެ އެވެ.

ކޮމިޝަނުން އެގޮތަށް ނިންމީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިންނެވެ. އެ އޮފީހުން ވެސް ލަފާ ދީފައިވަނީ އެ މާއްދާގައި ބުނާ "ބޭރުގެ މުއައްސަސާތަކުގެ" މާނައިގެ ތެރޭގައި ބޭރުގެ މީޑިއާތައް ހިމެނުމަކީ އެ މާއްދާގެ މާނައަށް ވުރެ ފުޅާ މާނައެއް ބޭނުން ކުރުން ކަމަށެވެ.

އެ މައްސަލާގައި މީޑިއާ ނެޓުން ނެގި ދެވަނަ ދިފާއަކީ ސްޓީލިން ޕެރެޑައިސް ދެއްކުމާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިން ދެކޮޅުހަދާފައި ނެތުމެވެ. އެ ޑޮކިއުމެންޓްރީ ދެއްކުމާ މެދު އެ ކޮމިޝަންގެ ބަހެއް ހޯދަން މިދިޔަ ސެޕްޓެމްބަރު މަހު މީޑިއާ ނެޓުން ކޮމިޝަނަށް ސިޓީ ފޮނުވުމުން އެކަމާ ދެކޮޅުހަދާފައި ނެތް ކަމަށް ބުނެ މީޑިއާ ނެޓުން ޖަވާބުދިނެވެ.

އެކަމަކު ކޮމިޝަންގެ ނިންމުމުގައި ވަނީ ސްޓީލިން ޕެރެޑައިސް ދެއްކުމުގެ ކުރިން، އޭގައި ރާއްޖޭގެ ގާނޫނާ ޚިލާފު ކޮންޓެންޓެއް ހުރިތޯ ބެލުމަކީ ރީބްރޯޑްކާސްޓްކުރި ފަރާތުގެ ޒިންމާއެއް ކަމަށެވެ. ސަބަބަކީ ކޮމިޝަނަކީ ބްރޯޑްކާސްޓަރުންނަށް "ޑިކްޓޭޓް" ކުރާ އިދާރާއަކަށް ނުވެފައި، އެއީ ރެގިއުލޭޓްކުރާ އިދާރާއަކަށް ވާތީ ކަމަށް ނިންމުމުގައިވެ އެވެ.

ކޮމިޝަނުން ބުނާ ގޮތުގައި އެ މައްސަލަ ބެލީ ކޮންމެވެސް ފަރާތަކުން ހުށަހަޅައިގެންނެވެ. އެކަމަކު މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ނުވަތަ ކޮން އިދާރާއަކުން ކަމެއް ރިޕޯޓުގައެއް ނެތެވެ.

ސްޓީލިން ޕެރެޑައިސްގައި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، މަނީލޯންޑަރިންގެ ތުހުމަތު ސަރުކާރުގެ އިސް ވެރިންނަށް ކޮށްފައިވެ އެވެ. އޭގައި ގިނައިން ބޭނުންކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުން ލިބިފައިވާ ޓެކްސްޓް މެސެޖްތަކާއި އޭނާގެ ކައިރީގައި އުޅުނު މީހުން ދައްކާފައިވާ ވާހަކަތަކެވެ.