މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތީ ތަންފީޒު ކުރެވޭ ގޮތަކަށް ނޫން ކަމަށާއި ރަނގަޅު ދިރާސާއެއް އަދި މަޝްވަރާކުރުމެއް ނެތި ހުށަހަޅާފައިވާ އެ ބިލަށް ތާއިދު ނުކުރާކަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ހާމަކޮށްފި އެވެ.
31 އޯގަސްޓް 2025
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތީ ތަންފީޒު ކުރެވޭ ގޮތަކަށް ނޫން ކަމަށާއި ރަނގަޅު ދިރާސާއެއް އަދި މަޝްވަރާކުރުމެއް ނެތި ހުށަހަޅާފައިވާ އެ ބިލަށް ތާއިދު ނުކުރާކަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ހާމަކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފާއިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ފަހު ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ބިލާ މެދު ދެކޭ ގޮތް ފުރަތަމަ ފަހަރަށް ހާމަކޮށްފަ އެވެ.
ކޮމިޝަންގެ ރައީސް ސަފާ ޝަފީގު ވިދާޅުވީ މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާއިރު، ކަމާގުޅޭ ފަރާތްތަކާ މަޝްވަރާނުކޮށް، އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ހުށަހަޅާފައިވާތީ ކަންބޮޑުވާ ކަމަށެވެ. އެ ކޮމިޝަނުން ވެސް މިކަމުގައި މަޝްވަރާކުރަން ތިން ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް، ބިލް ޑްރާފްޓްކުރުމުގައި އެ ކޮމިޝަންގެ ހިޔާލު އެއްވެސް މިންވަރަކަށް ހޯދާފައިނުވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީޑިއާތައް ރެގިއުލޭޓްކޮށް ފިޔަވަޅު އެޅޭ ގޮތްތައް ގާނޫނެއްގައި ކަނޑައަޅާއިރު، ގައުމީ ފެންވަރުގެ ދިރާސާއެއް ކުރެވެން ޖެހޭނެ ކަމަށެވެ. ބިލު އޮތީ ހުރިހާ ބާވަތެއްގެ މީޑިއާއަކަށް ވެސް ހިނގާ ގޮތަށް ކަމަށްވާތީ، މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެލުމަށް ދިރާސާއެއް ހެދުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި ސަފާ ފާހަގަކުރެއްވި އެވެ.
ސަފާ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ މީޑިއާ ގުޅިފައި ވާތީ، އެކަމާ ގުޅޭ މާއްދާތަކެއް ލިޔާއިރު ރާއްޖޭން އެއްބަސްވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ފުށުއަރާ މިންވަރު ވެސް ބަލަންޖެހޭނެ ކަމަށެވެ. ކުއްލި ގޮތަކަށް އެއްވެސް މިންވަރަކަށް ދިރާސާނުކޮށް، އެއްވެސް މިންވަރަކަށް ކަންކަން ނުބަލައި ބިލެއް ގެނައުމުން އެފަދަ މުއާހަދާތަކާ ހިލާފާވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ސެލްފް ރެގިއުލޭޓްރީ ނިޒާމެއްތޯ ނޫނީ ކޯ ރެގިއުލޭޓްރީ ނިޒާމެއްތޯ ވެސް ބަލަން ދިރާސާއެއް ކުރަން ޖެހޭ ކަމަށާއި އެކަން ނުބަލައި ގާނޫނެއް ގެނަޔަސް އެއިން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. ބިލު ޑްރާފްޓް ކުރުމުގެ މަރުހަލާގެ ތެރޭގައި ހިޔާލާއި މަޝްވަރާ ބޭނުންވަނީ އެހެންވެކަން އޭނާ ފާހަގަކުރެއްވި އެވެ.
މިނިވަން މުއަސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކުރުން: އެ ކޮމިޝަނުން ވަނީ ބިލާ ދެކޮޅު ކަން ހާމަކުރައްވާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ނޫސްވެރިން "މީޑިއާ ކޮންޓްރޯލް ބިލް"ގެ ގޮތުގައި މުހާތަބު ކުރާ ބިލު އޮތް ގޮތުން އެ ތަންފީޒު ކުރަން ފަސޭހަ ނުވާނެ ކަމަށް ސަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ބްރޯޑްކާސްޓިން ކޮމިޝަނުގައި މޮނީޓާކުރުމުގެ ވަސީލަތްތަކެއް ނެތް ކަމަށާއި އިންސާނީ ވަސީލަތެއް ވެސް ނެތް ކަމަށެވެ. އެހެންވެ ގާނޫނަކުން ކަންކަން އަދި ކަނޑައެޅިޔަސް، އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްނުދީ އެކަން ހާސިލްނުވާނެ ކަމަށް ވިދާޅުވި އެވެ.
ސަފާ ވިދާޅުވީ ހުރިހާ މީޑިއާތަކަށް ހިނގާ ގޮތަށް މި ގާނޫނު ހަދާއިރު ގިނަ އަދަދެއްގެ ގަވައިދުތަކާއި އުސޫލުތައް ހަދަން ޖެހޭނެ ކަމަށާއި އެއީ އެއް ދުވަހަކުން ނުވަތަ އެއް މަހުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހުރިހާ ޕްލެޓްފޯމް އެއްކޮށްލައި، އެއް ގާނޫނެއްގެ ދަށަށް ފައްތާއިރު އެއީ އުނދަގޫ ކަމަކަށް ވާނެ އެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވީ ބިލް ޑްރާފްޓް ކުރުމުގެ މަރުހަލާގެ ތެރޭގައި މީޑިއާ އާއި އެކަމާ ގުޅޭ އިދާރާތަކާ އެކު ފުޅާ ގޮތެއްގައި މަޝްވަރާކޮށް، ކަންކަން އެކުލަވާލުމުން މީޑިއާ އާއި ނޫސްވެރިންނަށް ވެސް ބިލު ބަލައިގަންނަން ފަސޭހަވާނެ ކަމަށެވެ. އަދި އޭރަށް ގާނޫނު ތަންފީޒު ކުރަން ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީގައި ކޮމިޝަންގެ ނައިބު ރައީސް ޝިފްލާ އިބްރާހިމާއި އަނެއް ފަސް މެންބަރުން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކުރައްވައިފަ އެވެ. ކޮމިޝަންގެ ރައީސްގެ ވާހަކަތަކަށް ތާއިދު ކުރައްވާ މެންބަރުން ދެއްކެވި ވާހަކަތަކުގައި ބިލު އޮތް ގޮތުން ނޫސްވެރިކަމަށް ހުރަސްއެޅޭކަން ފާހަގަކުރެއްވި އެވެ. އަދި ދިރާސާއެއް، މަޝްވަރާއެއް ކުރުމެއް ނެތި ގެނެސްފައިވާ ބިލުން އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެކަމާ މެދު މެންބަރުން ސުވާލު އުފެއްދެވި އެވެ.
ކޮމިޝަންގެ ހުރިހާ މެންބަރުން ވާހަކަ ދައްކަވައި، ގިނަ ކަންތައްތަކެއް ފާހަގަކުރެއްވި ނަމަވެސް، ކޮމިޓީގެ އެއްވެސް މެންބަރަކު ކޮމިޝަނުގެ މެންބަރުންނާ ސުވާލެއް ނުކުރައްވަ އެވެ. ކޮމިޝަންގެ މެންބަރުން ވާހަކަ ދައްކަވާ ނިންމާލެއްވުމާ އެކު ކޮމިޓީގެ ބައްދަލުވުން ވަނީ ނިންމާލައިފަ އެވެ. ނަމަވެސް، މީގެކުރިން ބުނެފައިވަނީ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޮމިޓީ މަރުހަލާގައި ރަނގަޅަށް މަޝްވަރާކޮށް، ހިޔާލު ހޯދައިގެން ކަމަށެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލުގެ ދަށުން ނޫސްވެރިން، 25،000ރ. އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ނޫސްތައް 100،000ރ. އާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ވެސް މި ބިލުގައިވެ އެވެ. މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓުމާއި ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ބިލު ތަސްދީގުކުރުމުގެ ކުރުމުގެ އެއް އަހަރު ކުރީގެ ކަންކަން ބަލައި ފިޔަވަޅު އެޅޭނެ ކަމަށް ވެސް ވެ އެވެ.
މިނިވަން މުއަސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކުރުން: އެ ކޮމިޝަނުން ވަނީ ބިލާ ދެކޮޅު ކަން ހާމަކުރައްވާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުމަކީ ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ތިން މެންބަރުން ތިބުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް ކަމަށެެވެ. އަދި ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް އޮތުން ހިމެނެ އެވެ.
ބިލުގައި ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެއް ކަމެއް އެނގެން ނެތުމަކީ ވެސް ނޫސްވެރިންގެ ކަންބޮޑުވުމެކެވެ.
އަލީ، ގައިސް އަދި މަރީ އަށް މަޖިލީހުން ރުހުން ދީފި
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ކޮމިޓީން ބަލަނީ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މީޑީއާތަކުން ގޮވާލީ އިސްލާހުނުކޮށް، ބިލް ބޭރުކުރަން
ނޫސްވެރިންގެ ހިމާޔަތަށް ބިލުގައި އެއްވެސް ކަމެއް ނެތް
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް