Roadha Mihaaru

ޕީއެންއެފް ޖަލްސާގައި ނޫސްވެރިޔާ މަދަދާ އަށް ފުރައްސާރަކޮށްފި!

ސަންގު ޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާ އަށް ފުރައްސާރަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޖަލްސާގައި ދެއްކި ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވެއްޖެ އެވެ.

ޕީއެންއެފް ޖަލްސާގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 މެއި 2025

ސަންގު ޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާ އަށް ފުރައްސާރަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޖަލްސާގައި ދެއްކި ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވެއްޖެ އެވެ.

އެ ކޮމިޝަނުން ނެރުނު އެންގުމެއްގައި ބުނީ، އެކި ފޯރަމްތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަކުރަންދާ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުހާތަބު ކުރާއިރު، ޒާތީ ތައައްސުބުން އެއްކިބާވެ، އިހުތިރާމާ އެކު ކޮންޓެންޓު ގެނެސްދިނުމަށް ބްރޯޑްކޮމުން އެދުނެވެ.

"އެހެންކަމުން މިފަދަ ގޮތްގޮތަށް ނޫސްވެރިންނަށް އަމާޒުކޮށް ދެއްކެވޭ ވާހަކަތައް ބްރޯޑްކާސްޓުކުރުމުގައި ސަމާލުކަން ދިނުމަށް ވެސް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ." އެންގުމުގައި ވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ 1:15 ސިކުންތުގެ ވީޑިއޯގައި، ޕީއެންއެފް އިން މި ފަހުން ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި އެ ޕާޓީގެ އިސް އެކްޓިވިސްޓު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) މަދަދާ އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ޖޯކު ޖަހާ ތަން ފެނެ އެވެ.

އޭގައި ވަހީދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ މަދަދާ ފިޔަވައި އެހެން އެންމެންނަށް ފިއްލަވައިގެން ކަމަށެވެ.

އެހެން ބުނެ، ކައިރީގައި ތިބި މީހުން ހިނިގަނޑެއް ޖަހާލަ އެވެ.

އެ އަށް ފަހު، ޔާމީން ވަނީ އެ ކަހަލަ ހުރިހާ ޖަލްސާއެއް ކަވަރު ކުރަން ރަށްރަށަށް ގެންދަނީ މަދަދާތޯ ސުވާލު ކުރައްވައިފަ އެވެ. އެ ވަގުތު، ވަހީދު ވަނީ، މަދަދާއާ ބައްދަލުވުމުން ރައީސް މުއިއްޒަށް ހުރިހާ ކަމެއް ކަވަރުވީ ކަމަށް ބުނެ، ފުރައްސާރަކޮށްފަ އެވެ.

"މަ ދާ ތަނަކަށް މަދަދާ ތަ ދަނީ" މަދަދާ އަށް ޖޯކު ޖަހައި، ޔާމީން އެހެން ވިދާޅުވުމުން ވަހީދު ވަނީ "އާދެ"އޭ ބުނެފަ އެވެ. އެއާއެކު، ކައިރީގައި ތިއްބެވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ކުރީގެ ނައިބު ރައީސް ޖަމީލް ވެސް ވަރަށް ބާރަށް ހިނިގަނޑެއް ޖައްސަވަ އެވެ.

ޖަމީލާއި ވަހީދު ވަނީ މަދަދާ ހެދުން އަޅާ ގޮތަށް ވެސް ޖޯކުޖަހައިފަ އެވެ.

"ވައްޑެ، އެއީ ހާއްސަ ކުއްޖެއްތޯ،" އެ ފުރައްސާރައިގެ ތެރޭގައި މަދަދާ އަށް ނިސްބަތްކޮށް ޔާމީން އައްސަވަ އެވެ.