Roadha Mihaaru
މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭން އިލްތިމާސްކޮށްފި

މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭން ބްރޯޑްކޮމުން އިލްތިމާސްކޮށްފި

26 ޖެނުއަރީ 2021

ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވާއިރު، ސަރުކާރުގެ އިދާރާތަކުން ބާއްވާ ހަރަކާތްތައް ކަވަރުކުރަން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރޭ އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވާއިރު، ސަރުކާރުގެ އިދާރާތަކުން ބާއްވާ ހަރަކާތްތައް ކަވަރުކުރަން މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރޭ އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި ވެސް އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ.

އެހެންވެ، ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނިއުސް ކޮންފަރެންސްތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރަން ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ އެކަން ކަށަވަރު ކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައި ވެ އެވެ.

"އާއްމު ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކާއި އަދި ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލެއްވުން ވެސް މި ފުރުސަތުގައި މި ކޮމިޝަނުން ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

މީޑިއާތަކަށް ހަމަހަމަ ފުރުސަތު ސަރުކާރުގެ އިދާރާތަކަށް ދިނުމަށް ބްރޯޑްކޮމުން ކުއްލި ގޮތަކަށް އިލްތިމާސްކުރި ސަބަބެއް އެ ކޮމިޝަންގެ ބަޔާނުގައި ނެތެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިވެންޓަކަށް ހަމައެކަނި ދެ ޗެނަލަކަށް ދައުވަތު ދިން މައްސަލައެއް ހޫނުވެފައި އެވެ. ދައުލަތުގެ މީޑިއާ ޓީވީއެމްގެ އިތުރުން ރާއްޖެ ޓީވީ އަށް ހަމައެކަނި ފުރުސަތު ދީގެން އެ އިވެންޓު ބޭއްވި މައްސަލައިގައި އެ މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ބައެއް މީޑިއާތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.