Roadha Mihaaru
މީޑިއާގެ ދިފާއުގައި އެމްއެމްސީގެ ކުރީގެ ހަތަރު ރައީސުން

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި މީޑިއާ ކައުންސިލްގެ ކުރީގެ ހަތަރު ރައީސުން ތެދުވެއްޖެ

11 އެޕްރީލް 2017

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ހަތަރު ރައީސަކު އިގުރާރެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ހަތަރު ރައީސަކު އިގުރާރެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެމްއެމްސީގެ ރައީސްކަން މިހާތަނަށް ކުރެއްވި ފަސް ބޭފުޅުންގެ ތެރެއިން އިގުރާރުގައި ސޮއިނުކުރައްވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އެކަންޏެވެ.

މީޑިއާ އަށް އެކި ފިއްތުންތައް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައި، މި އިގްރާރުގައި ސޮއިކުރެއްވީ މުހައްމަދު ނަޒީފާއި ހުޝާމް މުހައްމަދާއި އަބްދުﷲ މުއާޒް ޔޫސުފް އަދި މުހައްމަދު އާސިފް (މޮންދު) އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ނަޒީފު ވިދާޅުވީ، ރަސްމީ ސިފައެއްގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ނުކުންނަން ޖެހުނީ، މީޑިއާގައި އުޅުއްވި އަދި މަގާމެއް އަދާކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، މީޑިއާތަކަށް ފަހި މަގެއް ހޯދައިދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އިގުރާރުގެ ދަށުން މަސައްކަތް ކުރާއިރު ވެސް އެންމެ ބޮޑަށް އިސްކަމެއް ދެއްވާނީ މީޑިއާއާ ގުޅުން ހުރި ދާއިރާތަކާ އެކީ މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

މީޑިއާއަކުން ގޯހެއް ހަދައިފިނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި ނަމަވެސް އެކަން ކުރާއިރު، އެ މީޑިއާއެއް ދެމިއޮތުމާއި އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން މަގުމަތި ނުވާނެ ގޮަތަކަށް ކަންތައްތައް ކުރަން ޖެހޭނެ ކަމަށް ނަޒީފު ވިދާޅުވި އެވެ.

"ކަމެއް ގޯސްވީމަ މީޑިއާތަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅެން ޖެހޭނެ. އެކަަމަކު ގޯސްވާއިރު އެޅޭ ފިޔަވަޅަކީ، މީޑިއާ އަށް ކަނޑައަޅާފައިވާ މުއައްސަސާއަކުން މީޑިއާއެއްގެ ދެމި އޮތުމާއި އެ މީޑިއާއެއްގެ މުވައްޒަފުން މަގުމަތި ނުވާނެ ގޮތަކަށް ކަންތައް ކުރުން. އަޅުގަނޑުމެން ބޭނުންވޭ އެކަން ވެސް ސަމާލުކަމަށް ގެންނަން،" ނަޒީފު ވިދާޅުވި އެވެ.

އެ ކަންތައްތަކާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިިޝަނާ ބައްދަލުކުރަން މިއަދު އެދޭނެ ކަމަށާއި ކަންބޮޑުވުންތައް ވެސް ހިއްސާކުރާނެ ކަމަށް ނަޒީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީޑިއާއާ ދެކޮޅަށް ފިޔަވަޅެއް ނުވަތަ ނޫސްވެރިއަކަށް ކަމެއް ދިމާވެއްޖެނަމަ މީގެ ކުރިން މުއައްސަސާތަކުން ބަސް ބުންޏެވެ. ނަމަވެސް މިހާރު ފެންނަނީ އެ މުއައްސަސާތައް ވެސް ހިމޭނުން ތިބޭ މަންޒަރު ކަމަށް ނަޒީފް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. ގާނޫނީ ގޮތުން ވެސް ނޫސްވެރިކަމަށް ފިއްތުންތައް ކުރިމަތިވެގެން ދިޔަތަން ފެނިގެންދޭ،" ނަޒީފު ވިދާޅުވި އެވެ.