Roadha Mihaaru
ޓެރަރިޒަމަށް ހިތްވަރު އެބަދޭ، ފިޔަވަޅު އަޅާނަން

ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އިންޒާރު ދީފި!

21 މާޗް 2017

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ފޮނުވަމުންދާ ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިއަދު ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ފޮނުވަމުންދާ ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިއަދު ދީފި އެވެ.

ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކާ މެދު ނުތަނަވަސްކަން އުފައްދައި، ބައިބައިވުން އުފެއްދުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ނޫސްވެރިން ލިޔާ ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ލިޔަމުންދާ ލިޔުންތައް ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން ވެސް މި ހަފުތާގައި ވަނީ ދީފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުގެ ހާރިޖީ ގުޅުންތަކާއި ގައުމުގެ ރީތި ނަން ބޭރު ދުނިޔޭގައި ކިލަނބުވާ ގޮތަށް އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ އާއި އިންފުލުއެންޒާ ނުވަތަ އެޗް1އެން1 އާ ގުޅޭ ހަބަރުތައް، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްތަރު އުފެދޭ ގޮތަށް ފަތުރަމުންދާ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

"މީގެ ތެރެއިން ބައެއް ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ފުށުއަރާ ކަމަށް ފާހަގަކުރެވޭ ކޮންޓެންޓް ކަމަށް މި ކޮމިޝަނަށް ފާހަގަކުރެވެ އެވެ. އަދި މި ފަދަ އަމަލުތައް މި ކޮމިޝަނުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ތެރެއިން ބްރޯޑްކާސްޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރަން ނަސޭހަތްތެރިވާ ކަމަށެވެ. އެއާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.