Roadha Mihaaru
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް

މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ އެތައް ބަޔަކު ރަތަށް!

10 ޖުލައި 2017

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިންތިހާ ދަރަޖަ އަށް މަލާމާތާއި ފުރައްސާރަކޮށް ޗެނަލް 13 އިން ރޭ ލަވައެއް ބްރޯޑްކާސްޓްކުރި މައްސަލާގައި އެތައް ބަޔަކު ރުޅިގަދަވެ، ބްރޯޑްކާސްޓިން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އިންތިހާ ދަރަޖަ އަށް މަލާމާތާއި ފުރައްސާރަކޮށް ޗެނަލް 13 އިން ރޭ ލަވައެއް ބްރޯޑްކާސްޓްކުރި މައްސަލާގައި އެތައް ބަޔަކު ރުޅިގަދަވެ، ބްރޯޑްކާސްޓިން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރިން ޕްރޮމޯޓްކޮށް "ނަނާ ހުވަފެން"ގެ ނަމުގައި ޗެނަލް 13 އިން ރޭ ގެނެސްދިން ޕްރޮގްރާމްގައި، މައުމޫނު ވަނީ ބުދު ދީނުގެ ކަލާނގެއަކާ އެއްވަރުކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ފޮޓޯތަކެއް ހަޑިހުތުރު ގޮތްގޮތަށް އެޑިޓްކޮށް، ހަޖޫ ޖަހައި ލިއުންތައް ލިއެފައި ވެސް ވެ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި، މިއީ އަބުރުގެ ގާނޫނަށް އަމަލުކުރި ފަހުން މީހެއްގެ އަބުރު ކަތިލަން ރާއްޖޭގެ މީޑިއާ އަކުން މިހާތަނަށް ހިންގި އެންމެ ހަޑިހުތުރު އަމަލެވެ.

މި މައްސަލާގައި އެ ޗެނަލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ބްރޯޑް ކޮމިޝަނުގެ މެމްބަރުންގެ އިސްތިއުފާ އަށް އަންނަނީ ގޮވަމުންނެވެ.

ޗެނަލް 13 އިން މައުމޫނާ ދެކޮޅަށް ގެނެސްދިން ޕްރޮގްރާމް، ސަރުކާރުން ފާސްކުރި ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނާ ސީދާ ކަނޑައެޅިގެން ޚިލާފެވެ. އެ ގާނޫނަކީ މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވުމަށް ފާސްކުރި ގާނޫނެއް ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ސަރުކާރު ޕްރޮމޯޓްކުރާ ޗެނަލަކުން މީހެއްގެ އަބުރު އެގޮތަށް ކަތިލިއިރު އެ ގާނޫނާއި އެ ގާނޫނު ތަންފީޒުކުރާ މުއައްސަސާތައް ހިމޭނުން އޮތީ ކީއްވެތޯ ސޯޝަލްމީޑިއާގައި ދަނީ ސުވާލު އުފައްދަމުންނެވެ.

ސަރުކާރާ ދެކޮޅު ކޮންޓެންޓް ނުވަތަ އަބުރުގެ ގާނޫނާ ޚިލާފު ކަމަށް ބުނެ، ރާއްޖެ ޓީވީ އާއި މީޑިއާ ނެޓު ވެސް މީގެ ކުރިން ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އަދި ބައެއް ނޫސްވެރިންގެ މައްސަލަ އާއި ބައެއް ޓީވީތަކުން ބްރޯޑްކާސްޓުކޮށްފައިވާ ކޮންޓެންޓްތަކުގެ މައްސަލަ ވެސް ކޮމިޝަނުން ބަލައި ޖޫރިމަނާކޮށްފައިވެ އެވެ.

ޗެނަލް 13 އާ މެދު ފިޔަވަޅު އެޅުން ލަސްވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

"ކޮބާ އަބުރުގެ ގާނޫނު؟ ކޮބާ ބްރޯޑްކާސްޓިން ކޮމިޝަން؟ ކޮބާ މީޑިއާ ކައުންސިލް؟ ރާއްޖެ ޓީވީ ފަހާ ދުވަން ދޯ އަދިވެސް ތިބީ؟ ލަދެއް ނުގަނޭ،" މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

މައުމޫނަށް ހަޖޫ ޖަހާފައި ހުރި ފޮޓޯތަކަށް އިޝާރާތް ކުރައްވައި މަޖިލީހުގެ މެމްބަރު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ "މިއީ އަޅުގަނޑުމެންގެ ހާލަތު" ކަމަށެވެ.

ޗެނަލް 13 އިން މައުމޫނުގެ އަބުރު ކަތިލި މައްސަލަ ބަލަމުން އަންނަތޯ ބްރޯޑްކާސްޓިން ކޮމިޝަނުން ސާފެއް ނުވި އެވެ.

މި މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ރުޅިގަނޑު ބޭލީ މިފަދަ އެހެން މައްސަލަތަކުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ތަފާތު ކުރުމުގެ އުސޫލް ގެންގުޅެފައިވާތީ މި މައްސަލާގައި އިންސާފުވެރި ނުވާނެ ކަަމަށް ބުނެ އެވެ. އަލްޖަޒީރާ އިން "ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި ގެނެސްދިން ޑޮކިއުމެންޓްރީ ރީބްރޯޑްކާސްޓުކޮށްގެން 500،000ރ. އިން ޖޫރިމަނާ ކޮށްފައިވެ އެވެ.

ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ޗެނަލް 13 އިން ރޭ ދެއްކ އެ ފޮޓޯތަކަކީ، ކުރިން މައުމޫންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ކުރަހާފައިވާ އެއްޗިއްސެވެ.