Roadha Mihaaru
ފުރައްސާރަކޮށް ބެނާ ދެމިޔަސް ކަންބޮޑެއް ނުވޭ: ފިޔާޒް

ފުރައްސާރަކޮށް ބެނާ ދެމިޔަސް ކަންބޮޑެއް ނުވޭ: ފިޔާޒު

13 ސެޕްޓެމްބަރ 2018

ރިއާސީ ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން، ރާއްޖެ ޓީވީ އާއި ދިވެހި ނޫސްވެރިންނަށް ފުރައްސާރަ ކޮށް ރާއްޖެ ޓީވީ ކުރިމަތީގައި ޕީޕީއެމުން ބެނާއެއް ދަމާފައި ހުއްޓަސް އެކަމާ ކަންބޮޑުނުވާ ކަމަށް އެ ޓީވީ ސްޓޭޝަނުން ބުނެެފި އެވެ.

ނަސްވާ ހަސަން ނަސްވާ ހަސަން

ރިއާސީ ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން، ރާއްޖެ ޓީވީ އާއި ދިވެހި ނޫސްވެރިންނަށް ފުރައްސާރަ ކޮށް ރާއްޖެ ޓީވީ ކުރިމަތީގައި ޕީޕީއެމުން ބެނާއެއް ދަމާފައި ހުއްޓަސް އެކަމާ ކަންބޮޑުނުވާ ކަމަށް އެ ޓީވީ ސްޓޭޝަނުން ބުނެެފި އެވެ.

އަބުރުގެ ގާނޫގެ ދަށުން އެތައް ފަހަރަކު ޖޫރިމަނާ ކޮށްފައިވާ، ރާއްޖެ ޓީވީ ހިންގާ އިމާރާތުގެ ކުރިމަތީގައި ޕީޕީއެމްގެ ލޯގޯ އާއި ރައީސް ޔާމީނާއި ރަނިންމޭޓް ޑރ. ޝަހީމްގެ ނަން ޖަހައި ދަމާފައިވާ ބެނާގައި ލިޔެފައިވަނީ "މީހުންގެ އަބުރާ ބެހޭ ނަމަ އެކަމުން ސަލާމަތް ވާނީ އަބުރުފުޅު ފަންޑު ފޮށި ބަހައްޓައިގެން!" ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އެ ބެނާ ހަރުކޮށްފައި ވަނީ ރާއްޖެ ޓީވީ އަށް ފުރައްސާރަ ކުރުމަށް ކަމަށް. އެކަމަކު އެކަމަކާ ކަންބޮޑެއް ނުވޭ،" ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވި އެވެ.

ރާއްޖެ ޓީވީ ކުރިމަތީގައި އެ ޓީވީ ސްޓޭޝަނަށް ނިސްބަތްވާ ގޮތަށް ޕީޕީއެމުން ބެނާއެއް ދަމާފައިވާ އިރު، ވަކި މީހަކަށް ނިސްބަތް ނުވާ ގޮތަށް ބ. މާޅޮހުގައި އިދިކޮޅު އެމްޑީޕީން ދަމާފައި ހުރި ބެނާއެއް ފުލުހުން އިއްޔެ ވަނީ ނަގައިފަ އެވެ. އެ ބެނާގައި ލިޔެފައި އޮތީ "ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ކަމަށެވެ.

ރިއާސީ އިންތިހާބުގެ ކެމްޕޭނަށް ބ. މާޅޮހުގައި އެމްޑީޕީން ދަމާފައި ހުރި ބެނާއެއް، ސެޕްޓެމްބަރު 12، 2018 ގައި ފުލުހުން ނަގަނީ.

ރިއާސީ އިންތިހާބުގެ ކެމްޕޭނަށް ބ. މާޅޮހުގައި އެމްޑީޕީން ދަމާފައި ހުރި ބެނާއެއް، ސެޕްޓެމްބަރު 12، 2018 ގައި ފުލުހުން ނަގަނީ.

"އަބުރުފުޅު ފަންޑު"ގެ ނަމުގައި ރާއްޖެ ޓީވީން ފަންޑު ހުޅުވަނީ، އެ ސްޓޭޝަނުން ފޮނުވާ ބައެއް ޕްރޮގްރާމްތަކުގައި، އަބުރުގެ ގާނޫނާ ޚިލާފު ކޮންޓެންޓް ހިމެނިގެން، ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަން ޖޫރިމަނާ ކުރުމުން އެކަމަށް ފައިސާ ހޯދުމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެންމެ ފަހުން ޖޫރިމަނާ ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، ދެ މިލިއަން ރުފިޔާ އިންނެވެ.

ދެ މިލިއަނުން ޖޫރިމަނާކުރުމުން ރާއްޖެ ޓީވީ އަށް ފައިސާ ހޯދައިދޭން ފަންޑުފޮށި ހުޅުވުމަށް ބޭއްވި ހަފްލާގައި ފިޔާޒު ވިދާޅުވީ އަބުރު ގާނޫނުގައިވާ އެންމެ ބޮޑު އަދަދުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވާ އިރު އެކަން ކުރީ ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ.

ރައީސް ޔާމީންގެ ލީގަލް ޓީމުން ވަނީ އެމްޑީޕީން ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި މައުލޫމާތުތައް އަބުރުގެ ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައި ވާތީ ގާނޫނު އަސާސީ އާއި އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީގެ މައްޗަށް، ގެއްލުމުގެ ބަދަލު ހޯދައިދިނުމުގެ ދައުވާ ކުރުމަށް މުއައްސަސާތަކަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

އަދި ރައީސް ޔާމީންގެ ހައްގަށް އަރައިގެންފައިވާތީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ރާއްޖެ ޓީވީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްވެސް ވަނީ ނިންމައިފަ އެވެ.

މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވާ އިރު، ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު އެ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން "އަބުރުފުޅު" ފަންޑުގެ ނަމުގައި ފޮށްޓެއް ހުޅުވާ، އެ އަށް ލިބޭ ފައިސާ އިން ޖޫރިމަނާ ދައްކަ އެވެ.