Roadha Mihaaru
ބްރޯޑްކޮމްގެ މެމްބަރުން އިސްތިއުފާ ދޭންޖެހޭ: އެމްޑީޕީ

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދޭން ޖެހޭ: އެމްޑީޕީ

06 އެޕްރީލް 2017

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ އުސޫލުތަކާ ހިލާފަށް، ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ. އެހެންވެ އެ ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީން ގޮވާލި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ އުސޫލުތަކާ ހިލާފަށް، ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ. އެހެންވެ އެ ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީން ގޮވާލި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިނިވަން އިންސާފުވެރި މީޑިއާގެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަކީ މީޑިއާގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.

މީގެ އިތުރުން މީޑިއާތަކާ ގުޅޭ ތަފާތު މައްސަލަތައް ނުބަލައި ރައީސް ޔާމީންގެ އަބުރު ގެއްލުނު ކަމަށް ބުނެ ޓީވީ ޗެނަލްތަކާއި ނޫސްވެރިން ޖޫރިމަނާ ކުރުން ބަލައިނުގަނެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނި ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާއަކީ ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއި ހަމަަހަމަކަމާއެކު ދެމެހެއްޓުމެވެ. ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ އަމަލުތަކުން މިއަދު ފެންނަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ނިންމަމުންދާ ތަން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"ގާނޫނުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާ އަށް ބެލުމެއް ނެތި، ވަކި މީހެއްގެ އަމުރުތަކަށް ތަބާވެ ތިބި ފަދަ އިން ޑިމޮކްރަސީއެއްގެ ހަތަރު ވަނަ ބާރު ކަމުގައިވާ މީޑިއާ ނެތިކޮށްލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުން އަންނަ ކަންކަމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ ސިޔާސީ މަސްރަހް ހޫނުވެގެން އަންނަ ކޮންމެ ފަހަރަކު ބްރޯޑްކާސްޓިން ކޮމިޝަނުން އެކި ޒާތުގެ ބަޔާންތައް ނެރުމާއި ބިރު ދެއްކުމާއި ޖޫރިމަނާތައް ކުރަމުންދާ ކަމީ އެ ކޮމިޝަނުގެ މުސްތަގިއްލުކަން ގެއްލިފައިވާކަމުގެ ހެއްކެއް ކަމަށެވެ. އެހެންވެ، ކޮމިޝަންގެ މެމްބަރުންނަށް މަތިކޮށްފައިވާ ޒިންމާ އަދާ ނުކުރެވޭ ނަމަ އިސްތިއުފާ ދިނުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

ރާއްޖެ ޓީވީ އަށް ކުރިން އައި 250،000ރ. ޖޫރިމަނާ މިއަދު ދައްކާފައި ވަނިކޮށް، އެހެން މައްސަލައެއްގައި އެއް މިލިއަން ރުފިޔާ އިން އެ ތަން ޖޫރިމަނާ ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައި، އެ ފައިސާ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ސްޓޭޝަނަށް ވަނީ މިއަދު އަންގައިފަ އެވެ.