Roadha Mihaaru
އާލާގެ ޖޫރިމަނާ ދިޔާނާ ދައްކައިދީފި

އާލާގެ ޖޫރިމަނާ ދިޔާނާ ދައްކައިދީފި

24 ޖުލައި 2017

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ލިޔުނު ހަބަރެއްގައި މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭނާ އަށް ކުރި 50،000 ރުފިޔާގެ ޖޫރިމަނާ، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކައިދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ލިޔުނު ހަބަރެއްގައި މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭނާ އަށް ކުރި 50،000 ރުފިޔާގެ ޖޫރިމަނާ، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކައިދީފި އެވެ.

އާލާގެ މައްޗަށް މިދިޔަ މާޗު މަހު އަބުރުގެ ދައުވާ ކުރީ އައްޑޫގައި އަންހެންކުއްޖަކު ރޭޕް ކުރި މައްސަލައަކާ ގުޅިގެން ލިޔުނު ހަބަރެއްގައި، އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ އިސްވެރިއެއްގެ އާއިލާ މީހަކު ހިމެނޭ ކަމަށް ބުނުމުންނެވެ.

އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ ލިޔުނު މި ހަބަރުގައި ޖެންޑާ މިނިސްޓްރީގެ ވެރިއެއްގެ ނަން ޖަހާފައިވީ ނަމަވެސް އޭނާގެ ބަހެއް އޭގައި ހިމަނާފައެއް ނުވެ އެވެ.

އާލާ ބުނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އޭނާ އަށް ދިޔާނާ ހަވާލުކޮށްދެއްވީ އަމިއްލަ އަށް ބޭނުންވެ ވަޑައިގެން ކަމަށެވެ.

"ޖޫރިމަނާ ކުރުމުން ދިޔާނާ އަމިއްލަ އަށް އަޅުގަނޑަށް އެޕްރޯޗްކޮށްފައި ވިދާޅުވީ ފައިސާ ދައްކައިދޭނެ ކަމަށް. އެކަމަކު ކަންތައްތައް ދިމާވި ގޮތުން ދިޔާނާ އަށް އެންމެ ފުރަތަމަ ފައިސާ ނުދެއްކި އޮތީ،" ރާއްޖެ ޓީވީގެ އިތުރުން ޓީވީއެމާއި ޗެނަލް 13ގައި ވެސް މަސައްކަތްކުރި އާލާ ބުންޏެވެ.

އޭނާ ބުނީ ޖޫރިމަނާގެ ގޮތުގައި ދައްކާނެ ފައިސާ ހޯދުމަށް އޭނާ ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކަމަށެވެ. އެކަމަކު ގޭގައި އިނދެގެން ޓްރެވަލް މެގަޒިން އަކަށް ލިޔެ، އާއިލާގެ އެހީތެރިކަމާ އެކު އޭނާ އަށް އެއް ކުރެވުނީ 30،000ރ. ކަމަށް ބުންޏެވެ.

ފައިސާ ދެއްކުމަށް ދިން މުއްދަތު ހަމަވިއިރު ވެސް ފައިސާ ނުދެއްކުމުން އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ސިޓީ ފޮނުވަން ނިންމައި އެކަން އާލާ އަށް ވަނީ އަންގައިފަ އެވެ. އެކަމަކު އޭނާ ވަނީ އިތުރަށް 24 ގަޑިއިރުގެ މުހުލަތެއް ދިނުމަށް އެދިފަ އެވެ.

"އިތުރު ގޮތެއް ނެތީމަ އަޅުގަނޑު ފަހުން ދިޔާނާ އަށް ގުޅުމުން އޭނާ އެ ފައިސާ ހަމަޖައްސައިދިނީ،" އާލާ ބުންޏެވެ.

މި މައްސަލަ އަލުން ބަލައިދިނުމަށް އާލާ މީގެ ކުރިން ވެސް ވަނީ ބްރޯޑްކޮމް އަށް ހުށަހަޅައިފަ އެވެ. އަދި ޖޫރިމަނާގެ ފައިސާ މިއަދު ދައްކާފައިވީ ނަމަވެސް، އޭނާ އަށް ފިޔަވަަޅު އަޅާފައިވަނީ ބޭއިންސާފުން ކަމަށްވާތީ އެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް އާލާ ބުންޏެވެ.

ރާއްޖެ ޓީވީން އާއްމުކުރި މި ހަބަރާ ގުޅިގެން އެތަން ވެސް ވަނީ 250،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.