Roadha Mihaaru
ސަންގު ޓީވީން ޖޫރިމަނާ ދެއްކީ ޖާޑިއެއްގެ ފައިިސާއިން

ސަންގު ޓީވީން 100،000ރ. ގެ ޖޫރިމަނާ ދެއްކީ ޖާޑިއެއްގެ ފައިސާ އިން

30 އެޕްރީލް 2018

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ސަންގު ޓީވީ ކުރި ޖޫރިމަނާ، ޖާޑިއެއްގެ ފައިސާ އިން މިއަދު ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ސަންގު ޓީވީ ކުރި ޖޫރިމަނާ، ޖާޑިއެއްގެ ފައިސާ އިން މިއަދު ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަންގު ޓީވީގެ ކޮންޓެންޓެއް ލައިވް ކުރަމުން ދިޔައިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތުކޮށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވާހަކަ ދެއްކެވި ކަމަށް ބުނެ، ބްރޯޑްކޮމް އިން ވަނީ އެ ޓީވީ ސްޓޭޝަން 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރި ޖޫރިމަނާ ފައިސާ ދައްކަން ދިނީ އެއް މަސް ދުވަހެވެ.

ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވީ، އެ ތަނުގެ ޖޫރިމަނާ ފައިސާ ދެއްކުމުގެ ފަހު ދުވަހަކީ އިއްޔެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބްރޯޑްކޮމް އިން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުން ދާއިރު، އެ ފައިސާ ގުނާނެ މެޝިނެއް ބްރޯޑްކޮމްގައި ނެތެވެ. އެ ސްޓޭޝަންގެ ޖޫރިމަނާ ދެއްކުމަށް މިއަދު ދެ ގަޑިއިރު ހޭދަވިއިރު، އެންމެ ފަހުން އެ ފައިސާތައް ގުނާފައިވަނީ ސަންގު ޓީވީގެ ފައިސާ ގުނާ މެޝިން ގެންގޮސްގެންނެވެ.

"އެކި ފަަހަރު ފައިސާ ގުނައިގެން ވެސް އެއް އަދަދެއް ނާދޭ. އެންމެ ފަހުން ސަންގު ޓީވީގައި ފައިސާ ގުނަން ގެންގުޅޭ މެޝިން ގެންގޮސްގެން، މި ގުނީ. މިލިއަނުން ޖޫރިމަނާ ކުރާ ތަނެއްގައި ފައިސާ ގުނާ މެޝިނެއް ނެތުމުން ހިތާމަކުރަން. އެހެންވެ އަޅުގަނޑު އެބަ ގަސްތުކުރަން ބްރޯޑްކާސްޓިން ކޮމިޝަނަށް ފައިސާ ގުނާނެ މެޝިނެއް ހަދިޔާކުރަން،" އަސްވާޑް ވިދާޅުވި އެވެ.

ބްރޯޑްކޮމް އަކީ ޓީވީ ސްޓޭޝަންތައް ހިމާޔަތްކޮށް، ބްރޯޑްކާސްޓަރުން ކުރިއަރުވަން ތިބޭ ބައެއް ކަމަށާއި ނަމަވެސް ފެންނަމުން ދަނީ އެހެން މަންޒަރެއް ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ.

"ސަރުކާރުގެ ވެރިންނާއި ފައިސާއާ ގުޅުވައިގެން ވާހަކަތައް ދެކެވެމުންދޭ. ބްރޯޑްކާސްޓަރުން ހިމާޔަތް ކުރަން ތިބޭ މީހުން މި ފެންނަނީ އެ ތަންތަން ބޮޑު އަދަދަކުން ޖޫރިމަނާ ކުރާ ތަން. އެހެންވެ އެކަމަށް ދޭނެ އެންމެ ރަނގަޅު ނަމަކަށް މި ފެނުނީ ފައިސާ ޖާޑިއެއްގެ ސާފު ފައިސާ،" އަސްވާޑު ވިދާޅުވި އެވެ.

ސަންގު ޓީވީގެ ޖޫރިމަނާ ދެއްކުމަށް އެ ޓީވީ ސްޓޭޝަނުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ފަންޑުފޮށި ބެހެއްޓި އެވެ. އެގޮތުން އެއް ލައްކަ ރުފިޔާ ހޯދާފައި ވަނީ، އެ ފަންޑު ފޮށިތަކަށް މީހުން ހަދިޔާކުރި ފައިސާއިން ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.

އަބުރުގެ ގާނޫނުގެ ދަށުން މީގެ ކުރިން ރާއްޖެ ޓީވީ ތިން ފަހަރު، އަދި ވީ މީޑިއާ އެއް ފަހަރު ޖޫރިމަނާކޮށްފައި ވެ އެވެ.