Roadha Mihaaru
މާފަށް އެދޭނީ ކޯޓުން ނިންމުމުން: ސަންގު ޓީވީ

މާފަށް އެދޭނީ ކޯޓުން ނިންމުމުން: ސަންގު ޓީވީ

07 އެޕްރީލް 2018

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ސަންގު ޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ސްޓޭޝަން ޖޫރިމަނާކޮށް، މާފަށް އެދުމަށް އެންގިޔަސް އެ އަށް އަމަލު ކުރާނީ ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށް ސަންގު ޓީވީން މިރޭ ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް، މުސްތަފާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސަންގު ޓީވީ، އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، މާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގައިފަ އެވެ.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އެ ސްޓޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަނީ ގާނޫނު އޮތްގޮތުން، ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ލިބެނީ ފައިސާ ދެއްކުމަށް ފަހު ކަމަށް ވާތީ ކަމަށެވެ. އެކަމަކު މާފަށް އެދޭނީ އެކަމުގައި ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށާއި އެ މައްސަލާގައި ޝަރުއީ އެންމެ މަތީ މަރުހަލާ އަށް ވަޑައިގަންނަވަން ޖެހިއްޖެ ނަމަ އެ ކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ހިނދުގައި މާފަށް އެދެން ނެތް ވާހަކަ ދަންނަވާ ހާލު، މާފަށް އެދޭނީ ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމުގައި ދަންނަވާލަން،" އަސްވާޑު ވިދާޅުވި އެވެ.

ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމުގެ ގޮތުން ސަންގު ޓީވީން ވަނީ ފަންޑު ފޮށްޓެއް ހުޅުވައިފަ އެވެ. ފައިސާ ދެއްކުމަށް ދިން މުއްދަތު މި މަހުގެ 29 ވަނަ ދުވަހު ހަމަވާނެ އެވެ.

ސަންގު ޓީވީގެ އިތުރުން ރާއްޖެ ޓީވީ އާއި ވީޓީވީ އަދި ވީއެފްއެމް ވެސް މީގެ ކުރިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.