Roadha Mihaaru
މަނީ ލޯންޑްރިންގެ ބައިނަލްއަގުވާމީ ތަހުގީގެއް!

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ބުނާ މަނީ ލޯންޑްރިން މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގެއް!

09 ސެޕްޓެމްބަރ 2016

ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލަ، އެމެރިކާ ސަރުކާރު ވެސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގުކުރަމުން އަންނަ ކަމަށް އަލް ޖަޒީރާ އިން ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލަ، އެމެރިކާ ސަރުކާރު ވެސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގުކުރަމުން އަންނަ ކަމަށް އަލް ޖަޒީރާ އިން ބުނެފި އެވެ.

އަލް ޖަޒީރާ އިން މިދިޔަ ބުދަ ދުވަހު ނެރުނު ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ވަނީ މަނީ ލޯންޑްރިން ކަމަށް ބެލެވޭ އެ ސްކީމް ހިންގަން އުޅުނު ގޮތުގެ ތަފްސީލާއި ހެކި ހިމަނައިފަ އެވެ.

ސިންގަޕޫރާއި މެލޭޝިއާ އަދި އޮންޑިނީޝިއާގެ ގޮތް ނޭނގޭ ވިޔަފާރިވެރިންތަކަކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މަނިކުފާނުގެ ގާތް ބޭފުޅުންތަކެއް ގުޅިގެން ހިންގަން އުޅުނު އެ ސްކީމްގައި ރާވާފައި އޮތީ ޗާޓަރު ފްލައިޓެއްގައި އެ ފައިސާ ރާއްޖެ ގެނެސް، ސިފައިންގެ ބެލުމުގެ ދަށުން އެމްއެމްއޭގެ ތިޖޫރިއަށް ގެންދާށެވެ. އެ ތަނުން އެ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި އޮންނަ އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ޓްރާންސްފާ ކުރުމަށް ފަހު، އެކި އަދަދުތަކުން މަދުމަދުން ބޭރު ކުރުމަށެވެ.

އަދީބުގެ ތިން ފޯނުގައި ހުރި މެސެޖުތަކާއި ސިއްރުން ނަގާފައިވާ އިންޓަވިއުތަކާއި އެ ނޫން ވެސް ބައެއް ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް ހެދި ޑޮކިއުމެންޓްރީގައި އަލް ޖަޒީރާ އިން ވަނީ އެ މުއާމަލާތް ރޭވިގެން ދިޔަ ގޮތް ހެއްކާ އެކު ކިޔައިދީފަ އެވެ. އޭގެ ތެރޭގައި އުޅުނު މެލޭޝިއާގެ ވިޔަފާރިވެރިޔަކާ އެކު ސިއްރުން ނަގާފައިވާ އިންޓަވިއުއެއް ވެސް ޑޮކިއުމެންޓްރީން ދައްކަ އެވެ.

މަނީ ލޯންޑްރިން ސްކީމުގައި އުޅުނު ކަމަށް ބުނާ މެލޭޝިއާގެ ވިޔަފާރިވެރިޔާ: ސިއްރުން ނަގާފައިވާ އޭނާގެ އިންޓަވިއުއެއް ޑޮކިއުމެންޓްރީގައި ހިމަނާފައިވޭ.

މަނީ ލޯންޑްރިން ސްކީމުގައި އުޅުނު ކަމަށް ބުނާ މެލޭޝިއާގެ ވިޔަފާރިވެރިޔާ: ސިއްރުން ނަގާފައިވާ އޭނާގެ އިންޓަވިއުއެއް ޑޮކިއުމެންޓްރީގައި ހިމަނާފައިވޭ.

އެކަމަކު، އެ ސްކީމް ކުރިއަށް ގެންދިޔަތޯ ޔަގީން ކުރެވިފައެއް ނުވެ އެވެ.

ޑޮކިއުމެންޓްރީއާ އެކު ޓީވީން ވަކިން ގެނެސްދިން ވީޑިއޯ ރިޕޯޓެއް ޝާއިއުކުރިއިރު، އަލް ޖަޒީރާ އިން ބުނެފައިވާ ގޮތުގައި 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިން މައްސަލަ އެެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ ފޮރެންސިކް އެކައުންޓެންޓުންތަކެއް ވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު، އެ ތަހުގީގުގެ މާ ބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. މަނީ ލޯންޑްރިންގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށާއި ވަގަށް ނެގި ފައިސާ ސީދާ ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ.

އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި އެމްއެމްއޭ އިން 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ އަމަލެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރިޔަސް، އެފަދަ އެއްވެސް މުއާމަލާތެއް ހިނގާފައި ނެތް ކަމަށާއި އެފަދަ ފައިސާއެއް ވަދެފައި ނުވާ ކަމަށް އެމްއެމްއޭއިން ރޭގައި ވަނީ ބުނެފަ އެވެ.