Roadha Mihaaru
ޝައްކުކުރެވޭ 10 މިލިއަން ޑޮލަރު ޖަމާކުރަން އުޅެފި

މަނީ ލޯންޑެރިން އަށް ތުހުމަތުކުރެވޭ 10 މިލިއަން ޑޮލަރު ޖަމާކޮށްދޭން ރާއްޖޭގެ ބޭންކަކުން ދެކޮޅުހަދައިފި

08 އޮކްޓޯބަރ 2016

މަނީ ލޯންޑެރިން އަށް ތުހުމަތުކުރެވޭ 10 މިލިއަން ޑޮލަރު ޖަމާކޮށްދޭން ރާއްޖޭގެ ބޭންކަކުން ދެކޮޅު ހަދާފައިވާ ކަމަށް "ގަޔާނާ ގާޑިއަން" ނޫހުން މިއަދު ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މަނީ ލޯންޑެރިން އަށް ތުހުމަތުކުރެވޭ 10 މިލިއަން ޑޮލަރު ޖަމާކޮށްދޭން ރާއްޖޭގެ ބޭންކަކުން ދެކޮޅު ހަދާފައިވާ ކަމަށް "ގަޔާނާ ގާޑިއަން" ނޫހުން މިއަދު ބުނެފި އެވެ.

ދެކުނު އެމެރިކާ ބައްރުގައި އޮންނަ އެކަމަކު ކެރީބިއަން ސަރަހައްދުގެ ގައުމެއްގެ ގޮތުގައި ބަލާ ގަޔާނާ މީހަކު މި ފައިސާ ފޮނުވާފައިވާ ވަނީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އޭޝިއާގެ ބޭންކަކުން ކަމަށާއި އެކަމަކު ރާއްޖޭގައި ހުރި "އޭޝިއާގެ ބޭންކަކުން" އެ ފައިސާ ގަބޫލުނުކުރީ އެއީ އާދަޔާ ޚިލާފް ބޮޑު އަދަދަކަށް ވާތީ އާއި އެއީ ކިހިނެއް ލިބުނު ފައިސާއެއްކަން އެ ފައިސާ ފޮނުވި މީހާ އަށް ބުނެދެވިފައި ނުވާތީ ކަމަށް ނޫހުގައި ބުނެފައިވެ އެވެ.

ދިވެހި ސަރުކާރުގެ ބައެއް ވެރިންނާ މި އިންވެސްޓަރާ ގުޅުން އޮތް ކަމަށް ވެސް ނޫހުގެ އެ ރިޕޯޓްގައި ތުހުމަތުކުރެ އެވެ.

މީގެ ކުރިން އަލް ޖަޒީރާ އިން ފަޅާއަރުވާލި، ރާއްޖެއާ ގުޅުން ހުރި ކޮރަޕްޝަނާއި މަނީ ލޯންޑެރިންގެ މައްސަލައާ ހަވާލާދީ ގަޔާނާ ގާޑިއަން އިން ބުނީ މި 10 މިލިއަން ޑޮލަރު ޖަމާކުރަން އުޅުނު ބައެއް ވިޔަފާރިވެރިންނަކީ ކޮބައިކަން އެނގޭ ކަމަށެވެ. އަލް ޖަޒީރާގެ ތަހުގީގީ ޑޮކިއުމެންޓްރީ "ސްޓީލިން ޕެރަޑައިސް" ގައި ނަން ހާމަކޮށްފައިވާ މެލޭޝިއާ، ސިންގަޕޫރު އަދި އިންޑޮނީޝިއާ މީހުންގެ އިތުރުން ގަޔާނާ ސަރުކާރުގެ ކުރީގެ ބައެއް އޮފިޝަލުން ވެސް މިކަމުގައި ޝާމިލުވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ވަކި ގައުމެއްގެ މީހަކު ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ރާއްޖޭގެ ގާނޫނުތަކުން މަނާ ނުކުރި ކަމުގައި ވިޔަސް ގަޔާނާގެ އެތައް ބަޔަކު ކުއްލިއަކަށް އިންޑިއާ ރަށްވެހިކަން ހޯދައި ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އުޅޭތީ ޝައްކު އުފެދޭ

މި ފައިސާ ޖަމާކޮށްދޭން ދެކޮޅުހެދި ބޭންކުން މައުލޫމާތު ދިން މީހަކާ ހަވާލާދީ ގަޔާނާ ގާޑިއަން އިން ބުނީ ޝައްކުކުރެވޭ ފައިސާ ފޮނުވި މީހާ އަކީ މިހާރުވެސް ރާއްޖޭގެ ހޮޓެލް އިންޑަސްޓްރީގައި އިންވެސްޓްކޮށްގެން އުޅޭ ވިޔަފާރިވެރިއެއް ކަމަށެވެ. އޭގައި ބުނެފައިވާ ގޮތުގައި މިދިޔަ އެއް އަހަރު ތެރޭ ގަޔާނާގެ 12 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އިންވެސްޓްކޮށްފައިވެ އެވެ.

ފައިސާ ޖަމާކޮށްދޭން އިންކާރުކުރީ ރާއްޖޭގައި ހިންގާ ކޮން ބޭންކަކުން ކަމެއް ނޫހުގައި ބުނެފައެއް ނުވެ އެވެ. އެ ފައިސާ ޖަމާކޮށްދޭން އެދުނުތާ ދެ މަސް ދުވަސް ވީއިރު ވެސް އެކަމަށް އެއްބަސްވެފައި ނުވާ ކަމަށާއި އެއީ ޔޫރަޕްގެ މާލީ އިދާރާތަކުން ފާރަވެރިވަމުން އަންނަ ބޭންކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"އެކަމަކު ހަމަ މި ބޭންކުން މީގެ ކުރިން ވަނީ ހަމަ މި މީހާގެ އެތައް މިލިއަން ޑޮލަރެއް، އުސޫލުތަކުގެ ބޭރުން ބަލައިގެންފަ އެވެ،" ނޫހުގައި ލިޔެފައިވެ އެވެ.

ރާއްޖެ މެދުވެރިކޮށް ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް "ސްޓީލިން ޕެރަޑައިސް" ގައި ތުހުމަތުކުރާ ފައިޒާން އެކަން ދޮގުކޮށް، ޑޮކިއުމަންޓްރީގައި ވާހަކަ ދައްކަނީ.

ރާއްޖެ މެދުވެރިކޮށް ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް "ސްޓީލިން ޕެރަޑައިސް" ގައި ތުހުމަތުކުރާ ފައިޒާން އެކަން ދޮގުކޮށް، ޑޮކިއުމަންޓްރީގައި ވާހަކަ ދައްކަނީ.

އެ ނޫހުން ބުނި ގޮތުގައި މިލިއަނެއް ހަމަނުވާ އާބާދީއެއް އޮންނަ ގަޔާނާ މީހުންނަކީ އެހެން ގައުމުތަކަށް ހިޖުރަކޮށް އިންވެސްޓް ކުރުމުގައި ފާހަގަކުރެވޭ ބަޔަކަށް ނުވިޔަސް، މި ފަހުން މަދުވެގެން ފަސް މީހަކު ވަނީ އިންޑިއާގެ ރަށްވެހިކަމާއި އިންޑިއާގެ ޕާސްޕޯޓް ހޯދުމަށް ފަހު އިންޑިއާ މީހުންގެ ގޮތުގައި ރާއްޖޭގައި އިންވެސްޓްކޮށްފައިވެ އެވެ. އެކަމަކު އެ އިންވެސްޓަރުންގެ ގާބިލްކަމާ މެދު މީހުން ސުވާލު އުފައްދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ނޫހުން ބުނީ "ވަކި ގައުމެއްގެ މީހަކު ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ރާއްޖޭގެ ގާނޫނުތަކުން މަނާ ނުކުރި ކަމުގައި ވިޔަސް ގަޔާނާގެ އެތައް ބަޔަކު ކުއްލިއަކަށް އިންޑިއާ ރަށްވެހިކަން ހޯދައި ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އުޅޭތީ ޝައްކު އުފެދޭ" ކަމަށެވެ.

އަލް ޖަޒީރާގެ "ސްޓީލިން ޕެރަޑައިސް" ގައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަނާއި ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ އެކި ފެންވަރުގެ ވެރިންނާ ކޮރަޕްޝަންގެ އަމަލުތައް ގުޅިގެންދާ ގޮތް ކަމަށް ބުނެ ބައެއް މީހުންގެ އިންޓަވިއު އާއި ބައެއް ޑޮކިއުމަންޓްތައް ހާމަކޮށްފަ އެވެ. އަދި ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ރާއްޖެ ގެނެސް މަރުކަޒީ ބޭންކު މެދުވެރިކޮށް "ދޮންނަން" އުޅުނު ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެ ހުރިހާ ތުހުމަތަކަށް ސަރުކާރުން އަދި ތުހުމަތު ރައްދުވި އެންމެން ވަނީ އިންކާރުކޮށްފަ އެވެ.