Roadha Mihaaru
މަނީ ލޯންޑްރިންގެ މައްސަލަ މަޝްވަރާ އަށް ގެންނަނީ

މަނީ ލޯންޑްރިންގެ މައްސަލަ، ބައިނަލްއަގްވާމީ ކޮމިޝަނަކުން ބަލަން ހުށަހަޅަނީ

30 ސެޕްޓެމްބަރ 2016

ރާއްޖެ މެދުވެރިކޮށް، 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލަ، ބައިނަލްއަގްވާމީ ފަރާތްތައް ހިމެނޭ ކޮމިޝަނަކުން ބެލުމަށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

ރާއްޖެ މެދުވެރިކޮށް، 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލަ، ބައިނަލްއަގްވާމީ ފަރާތްތައް ހިމެނޭ ކޮމިޝަނަކުން ބެލުމަށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

އަލް ޖަޒީރާއިން މި މަހު ދެއްކި "ސްޓީލިން ޕެރެޑައިސް" ގައި މަނީ ލޯންޑްރިން ކަމަށް ބެލެވޭ ސްކީމް ހިންގި ގޮތް ތަފުސީލްކޮށް ގެނެސްދީފައިވެ އެވެ. އަދި އެ އަމަލު ހިންގުމުގައި ސަރުކާރުގެ ބައެއް ވެރިންނާއި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ ބައިވެރިވި ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު އެމްއެމްއޭ އާއި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ (އިންތި) މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަލް ޖަޒީރާއިން ލިބިވަޑައިގެންނެވި މައުލޫމާތު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕްރޮފެޝަނަލް ފޮރެންސިކް އޮޑިޓް ކުރާ ފަރާތަކަށް ދެއްވާފައި ކަމަށެވެ. އަދި ފޮރެންސިކް ރިޕޯޓް ވެސް މިހާރު ލިބިވަޑައިގެންފައިވާ ކަމަށް އިންތި ވިދާޅުވި އެވެ،

"އޯލް ޕާޓީ ޓޯކްސް އަށް އެ ރިޕޯޓް ހުށަހެޅޭނެ އެވެ،" މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަނީ ލޯންޑްރިން ހިންގި ކަމަށް ބުނާ މައްސަލައިގައި، ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެމްޑީޕީން އެދޭނެ އެވެ.

"ރާއްޖޭގެ މާލީ އިދާރާތަކުގެ ނިޒާމުގެ ތެރެއިން މަނީ ލޯންޑްރިން ހިންގި ކަމުގެ ބޮޑު އިލްޒާމު އެޅިފައިވާ ކަމީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އެ އިލްޒާމާ މެދު އަލުން އިތުބާރު ގާއިމް ކުރަން ޖެހެ އެވެ،" އިންތި ވިދާޅުވި އެވެ.

"އަދި މަނީ ލޯންޑްރިންގެ ޖަރީމާ ހިންގުމުގައި ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުން އޮތްކަން ސާބިތުވާ ނަމަ، އެކަމާ މެދު ކަން ކުރާނެ ގޮތް ވސެސް ނިންމާނީ ޕާޓީ ޓޯކްސްގެ ތެރެއިން ކަމަށް ހުށަހެޅޭނެ އެވެ،" އިންތިގެ މެސެޖުގައިވެ އެވެ.

މަނީ ލޯންޑްރިން ހިންގި ކަމަށް ބުނާ މައްސަލަ ބައިނަލްއަގްވާމީ ފަރާތްތައް ހިމެނޭ ކޮމިޝަނަކުން ބެލުމަށް އެމްޑީޕީން މަޝްވަރާގެ މޭޒަށް ހުށަހަޅާއިރު، ބައިނަލްއަގްވާމީ ފަރާތްތަކުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އަލް ޖަޒީރާއިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނޭ ކަމަށް އަލް ޖަޒީރާއިން ބުނެފައިވެ އެވެ.

ސިންގަޕޫރާއި މެލޭޝިއާ އަދި އޮންޑިނީޝިއާގެ ގޮތް ނޭނގޭ ވިޔަފާރިވެރިންތަކަކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މަނިކުފާނުގެ ގާތް ބޭފުޅުންތަކެއް ގުޅިގެން ހިންގަން އުޅުނު އެ ސްކީމްގައި ރާވާފައި އޮތީ ޗާޓަރު ފްލައިޓެއްގައި އެ ފައިސާ ރާއްޖެ ގެނެސް، ސިފައިންގެ ބެލުމުގެ ދަށުން އެމްއެމްއޭގެ ތިޖޫރިއަށް ގެންދިއުމަށެވެ. އެ ތަނުން އެ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި އޮންނަ އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ޓްރާންސްފާ ކުރުމަށް ފަހު، އެކި އަދަދުތަކުން މަދުމަދުން ބޭރު ކުރުމަށް އޮތީ ރާވައިފަ އެވެ

މި މައްސަލާގައި އެމްއެމްއޭއިން ބުނެފައި ވަނީ ދައުލަތުގެ ހަޒާނާއަށް ފައިސާ ވެއްދުމާއި ނެރުމަކީ ވަރަށް ހަރުދަނާ އުސޫލަކުން ހިނގާ ކަމެއް ކަމަށާއި އެއްވެސް ފައިސާއެއް ވެއްދުމާއި ނެރުމުގެ ކަންކަން ކުރެވޭނީ ދައުލަތުގެ ހަތަރު އިދާރާއެއްގެ އިސްވެރިން ތިބެގެން ކަމަށެވެ. އެމްއެމްއޭ އިން ގަބޫލުކުރާ ގޮތުގައި މި އުސޫލު މިހެން އޮތުމުން، ޑޮކިއުމަންޓްރީގައި ބުނާހާ ގިނަ އަދަދެއްގެ ފައިސާ ހަޒާނާއަށް ވައްދައި ނެރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާ މެދު އާންމުންގެ މެދުގައި އޮންނަން ޖެހޭ އިތުބާރު ދެމެހެއްޓުމަށް ބުރޫއަރާނެތީ އެފަދަ ދޮގުވާހަކަތައް މީޑިއާތަކުން ނުފެތުރުމަށް އެމްއެމްއޭއިން ވަނީ ގޮވާލައިފަ އެވެ.